ފެހިފަހި ކްލަބްގެ ފަރާތުން ޑިޒާސްޓަރ މެނޭޖްމަންޓަށް ރީޔޫސަބަލް ފުޅި ހަދިޔާކޮށްފި

ފުޅިތައް ޑިޒާސްޓަރ އޮތޯރިޓީ އާ ހަވާލުކުރަނީ-- ފޮޓޯ/ އެންވަޔަރަމަންޓް

ސިންގަލް ޔޫސް ޕްލާސިޓިކް މަދުކުރުމުގެ ގައުމީ ކެމްޕެއިންގެ ދަށުން އެންވަޔަރަމަންޓް މިނިސްޓްރީގެ ފެހިފަހި ކުލަބުގެ ފަރާތުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ގިނަ ފަހަރު ބޭނުންކުރެވޭ ތިމާވެށްޓާ ރައްޓެހި ފުޅި ހަދިޔާކޮށްފިއެވެ.

އެ ފުޅިތައް އެ އޮތޯރިޓީއާ ހަވާލުކޮށްދެއްވީ ސްޓޭޓް މިނިސްޓަރު ޑރ. ޢަބްދުﷲ ނަސީރެވެ. އަދި ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ފަރާތުން ފުޅިތަކާ ހަވާލުވެލެއްވީ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހިސާން ހަސަނެވެ.

އެންވަޔަރަމެންޓް މިނިސްޓްރީއިން ބުނީ އެ އޮތޯރިޓީއަށް 22 ފުޅި ހަދިޔާކުރި ކަމަށެވެ.

އެ މިނިސްޓްރީއިން ބުނީ އެއްފަހަރު ބޭނުންކޮށްފައި އެއްލާލެވޭ ޕްލާސްޓިކް މަދުކުރުމާއި ގުޅޭގޮތުން ސަރުކާރުގެ އޮފީސްތަކާއި، ކުންފުނިތަކާ މިނިސްޓްރީން މަޝްވަރާކުރަމުންދާ ކަމަށެވެ.

ހަދިޔާކުރި ތިމާވެއްޓާ ރަށްޓެހި ފުޅިތައް--- ފޮޓޯ/ އެންވަޔަރަމެންޓް

އަދި އެއްފަހަރު ބޭނުންކޮށްފައި އެއްލާލެވޭ ޕްލާސްޓިކް މަދުކުރުމުގެ ކެމްޕެއިންގެ ދަށުން ރާއްޖޭގެ ސްކޫލްތަކަށް އަލަށް ގްރޭޑް އެކަކަށް ވަންނަ ދަރިވަރުންނަށް ގިނަ ފަހަރު ބޭނުންކުރެވޭ އަދި ތިމާވެށްޓާއި ރައްޓެހި 'ސުޕަރ ފެންފުޅި' ހަދިޔާކުރުމުގެ ޕްރޮގްރާމެއް އެ މިނިސްޓްރީއިން ވަނީ ފަށާފައިވާ ކަމަށްވެސް ބުންޏެވެ.

އެންވަޔަރަމަންޓް މިނިސްޓްރީއިން ބުނީ ރާއްޖޭގެ ޖުމްލަ 15 ތިމާވެށްޓާއި ރައްޓެހި 'ސުޕަރ ފެންފުޅި' ހަދިޔާކޮށްފައިވާ ކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލަށްވެސް ވަނީ އެފަދަ ފުޅި ހަދިޔާކޮށްފައެވެ.

މީގެ އިތުރުން ރާއްޖޭގެ އިތުރު ތިން ސަރަހައްދެއްގެ ސްކޫލްތަކަށް އެ ފުޅި ބެހުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީއިން ބުންޏެވެ.

ސިންގަލް ޔޫސް ޕްލާސިޓިކް މަދުކުރުމުގެ ކެމްޕޭނަކީ ރައީސް ސާލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

comment ކޮމެންޓް