ޓްރެފިކް ގަވައިދުތަކަށް ފަރުވާބެހެއްޓުމުގެ މުހިއްމުކަން މަށަށް އެނގިއްޖެ!

ޖެނުއަރީ 30، 2019: އެލައިޑް އިންޝުއަރެންސަށް 34އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން "އެލައިޑް ސްޕެޝަލް އިވެންޓު" ނަމުގައި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބްރިޖުމަތިން ދެ ސައިކަލު އެއް ހަމައެއްގައި ދުއްވާފައި ދަނީ އޮލަ ވާހަކައެއްގައި ތިބެއެވެ. ކުއްލިއަކަށް ސައިރެން އަޅާފައި ފުލުހުންގެ ވެހިކަލްތަކެއް އައިސް އެ ދެ ސައިކަލު ވަށައިލިއެވެ.

ސައިކަލުތައް ހުއްޓުމުން ފުލުހުންގެ ވެހިކަލުން އޭޖެންޓް 1600 ނިކުމެ ފޯނުން ކޮންމެވެސް ތަނަކާ ގުޅާލާ އޯޑަރު ދިނީ ބްރިޖު މައްޗަށް ދެ އޮރެންޖު ޖޫސް ފޮނުވާދޭށެވެ. ބިސްކޯދާއި ފެނާއި ދުފާ އެއްޗެހި ބޭނުންތޯ ވެސް އަހައެވެ. ސައިކަލުގަިއ ތިބި މީހުން ދެން ސުވާލުކުރީ އެމީހުންނަށް ގޯސްކޮށް ކަމެއް ކުރެވުނީތޯއެވެ. ބޮޑެތި ބިޒްނަސް މީޓިންތައް ބާއްވަމުން ބްރިޖު ހައިވޭގައި ސައިކަލު ދުއްވާފައި ދިއުމުގެ ނުރައްކާތެރިކަން އޭޖެންޓު ކިޔައިދިނެވެ. ކުރެވުނު ކުށުގެ ބޮޑުކަން އިހުސާސްވެ، ސައިކަލުގައި ތިބި މީހުން ލަދުން އިސްޖަހައިލައެވެ.

މިއީ އެލައިޑް އިންޝިއަރެންސް އިން ފުލުހުންނާ ގުޅިގެން ފަށާފައިވާ :#މަށަށްއެނގިއްޖެ" ރޯޑް އެވެއާނެސް ކެމްޕެއިނުގެ އިޝްތިހާރެކެވެ. ޝައުގުވެރި މާނަފުން އިޝްތިހާރެކެވެ. އެލައިޑްގެ އިޝްތިހާރުތަކުން އާންމުންގެ ހިތްތަކުން ޖާގަހޯދި ނަހޫ ނުވަތަ "އޭޖެންޓް 1600" އާއެކު އެލައިޑުން ވަނީ މި ކެމްޕެއިނަށް މިފަދަ ގިނަ އިޝްތިހާތުތަކެއް ތައްޔާރުކޮށްފައެވެ.

ބްރިޖުގައި ދުއްވާއިރު ލޭނުން ދުއްވުމާއި، ކުޑަކުދިން ގޮވައިގެން ދުއްވާއިރު ބެލްޓު އެޅުން ފަދަ އާންމުކޮށް މީހުން ފަރުވާކުޑަކުރާ ނަމަވެސް ޓްރެފިކްގެ މުހިއްމު ގަވައިދުތަކާމެދު ހޭލުންތެރި ކުރުމަށް އުފައްދާފައިވާ މި ކުރު އިޝްތިހާރުތައް ވަނީ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި މަގުބޫލުވެފައެވެ.

ބާރަށް ދުއްވާފައި ބްރިޖުމަތިން ދިޔަ ސައިކަލެއްގައި އިން މީހަކު ހުއްތުވާ ފުލުހުންގެ ވެހިކަލް ތެރެއިން ސަންދޯކެެއް ނެރެ ބާރު ސްޕީޑުގައި ދުއްވާ މީހުންނަށް ނަހޫ ދިން މެސެޖުގެ މާނަ ފުނެވެ. ބާރަށް ދުއްވުމަކީ "ކޫލް ކަމެއް ނޫން" ކަމާއި ތިމާގެ ފުރާނައަށް ރައްކާތެރިނުވެ، އެހެން މީހުންނަށްވެސް ނުބަލާ ބާރު ސްޕީޑުގައި ދުއްވުމުގެ ނުރައްކާތެރިކަން މި އިޝްތިހާރުން ކިޔައިދެއެވެ.

މަގުމައްޗަކީ އެންމެންގެ ތަނެކެވެ. މަގުމަތި ބޭނުންކުރާއިރު އެންމެ އިސްކަން ދޭންޖެހޭ ކަމަކީ ޓްރެފިކް ގަވައިދުތަކަށް ބޯލެނބުމެވެ. ޓްރެފިކް ގަވައިދުތައް ނޭނގުމުގެ ސަބަބުން ނުވަތަ އެ ގަވައިދުތަކަށް ބޯ ނުލެނބުމުގެ ސަބަބުން ހިތާމަވެރި ހާދިސާތައް ކުރިމަތިވާ މިންވަރު ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ސިނަމާލެ ބްރިޖާއި ބްރިޖާ ގުޅިފައިވާ ހައިވޭގައި ހިނގާ އެކްސިޑެންޓުތަކުގެ އަދަދު އިތުރުވެ، އަނިޔާ ލިބޭ މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.

ޓްރެފިކް ގަވައިދުތަކަށް މީހުން ހޭލުންތެރިކުރުމަށް ޓްރެފިކް ފުލުހުންނާއި ޓްރާންސްޕޯޓު މިނިސްޓްރީ އިން ކުރަމުްނދާ މަސައްކަތަށް އިތުރު ބާރެއް އެލައިޑްގެ އިޝްތިހާރުތަކުން ލިބޭނެކަން ޔަގީނެވެ. އެ ކުންފުނީގެ އިޝްތިހާރުތަކުން އަބަދުވެސް ފެންނަ "ކްރިއޭޓިވިޓީ" މި އިޝްތިހާރުތަކުންވެސް ފެނިގެން އެބަދެއެވެ.

comment ކޮމެންޓް