އަމީނިއްޔާގެ ޑައިމަންޑް ޖުބްލީއާ ދިމާކޮށް އިސްދަރިވަރުންގެ ބައްދަލުވުމެއް މާދަމާރޭ

އަމީނިއްޔާ ސްކޫލް-- ސަން ފޮޓޯ: އަހްމަދު އަވްޝަން

ރާއްޖޭގައި އަންހެން ކުދިންނަށް އެކަނި ހާއްސަކޮށްގެން ހުޅުވި ފުރަތަމަ ސްކޫލު، އަމީނިއްޔާ ސްކޫލަށް 75 އަހަރުވުން ފާހަގަ ކުރުމަށް އެ ސްކޫލުގެ އިހުގެ ދަރިވަރުންނަށް ހާއްސަކޮށްގެން މާދަމާރޭ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

މާދަމާރޭ އަމީނިއްޔާ ސްކޫލުގައި ބާއްވާ މި ބައްދަލުވުމުގައި އެ ސްކޫލުގައި ތައުލީމު ހާސިލްކޮށްފައިވާ ހުރިހާ އިސް ދަރިވަރުންނަށް ފުރުސަތު އޮންނާނެ ކަމަށް އެ ސްކޫލުން ބުންޏެވެ.

އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލް ނާޒްލީން ވާފިރު (ނާޒް) "ސަން" އަށް ވިދާޅުވީ އަމީނިއްޔާގެ 75 ވަނަ އަހަރީގެ ހަރަކާތްތައް އަހަރުގެ ދުވަސްތަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި އިސްދަރިވަރުންނަށް ހާއްސަކޮށްގެން މާދަމާރޭ ބާއްވާ ބައްދަލުވުމަކީވެސް މި ހަރަކާތްތަކުގެ ބައެއް ކަމަށެވެ. މާދަމާރޭ 8:15 ގައި އަމީނިއްޔާ ސްކޫލުގައި ބާއްވާ މި ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު އެ ސްކޫލުގައި ތައުލީމު ހާސިލްކޮށްފައިވަ ހުރިހާ ދަރިވަރުންނަށްވެސް އޮންނާނެ ކަަމަށް ނާޒް ވިދާޅުވިއެވެ.

އަމީނިއްޔާ ސްކޫލްގެ ލޯގޯ

"މި ބައްދަލުވުމުގައި ޕާސްޓް ސްޓޫޑަންޓުންގެ ހިޔާލުވެސް އަޅުގަނޑުމެން ހޯދާނަން 75 ވަނަ އަހަރީގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް. އެކުދިންނަށް ހާއްސަ ހަރަކާތްތައްވެސް ކުރިއަށް ގެންދާނެ. މިއީ ހިޔާލު ބަދަލުކޮށްލާ، އެކީ އުޅުނު ކުދިންނާ ބައްދަލުވެ ހަދާލަން ލިބޭނެ ފުރުސަތެއް،"

ނާޒް ވިދާޅުވީ މާދަމާރޭގެ ބައްދަލުވުމުގައި އަމީނިއްޔާގެ ގިނަ އިސްދަރިވަރުންތަކެއް ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އަލިމަސް ޔޫބީލްއާ ދިމާކޮށް ލޯގޯ ކުރެހުމުގެ މުބާރާތެއްވެސް އަމީނިއްޔާ އިން ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މުނާސަބަތާ ގުޅޭ ހާއްސަ ލަވައެއްވެސް ވަނީ ތައްޔާރުކޮށްފައެވެ.

އަމީނިއްޔާ ސްކޫލު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އެނިވާސަރީއާ ގުޅުވައިގެން ކުރިއަށްގެންދަން ނިންމާފައި އެބަހުރި ވަރަށް ގިނަ ކަންތައް. އޭގެ ތެރޭގައި ދުވުމަކާ، ޗެރިޓީ ހަރަކާތްތައް، ހާއްސަ ފެއާއަކާ ބޮޑު ޕެރޭޑެއް ވެސް ބާއްވަން ވަނީ ނިންމާފައި،" ނާޒް ވިދާޅުވިއެވެ. ނާޒް ވިދާޅުވީ އަހަރު ތެރޭ ބަހަލައިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން އިހުގެ ދަރިވަރުންނަށް ފުރުސަތު ދެވޭ ހަރަކާތްތަކުން ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ. އިތުރ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މާދަމާރޭގެ ބައްދަލުވުމުގައި ހިޔާލުތައް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ނާޒް ވިދާޅުވިއެވެ.

ހަމައެކަނި އަންހެން ކުދިންނަށް ހާއްސަކޮށްގެން 1944 ވަނަ އަހަރު އުފެއްދި އަމީނިއްޔާ ސްކޫލުގައި މިހާރު ކިޔަވައިދެނީ ދެ ޖިންސު އެއްކޮށްލައިގެންނެވެ. ސްކޫލުގެ އަހަރީ އަކީ ނޮވެމްބަރު މަހުގެ 28 އެވެ.

comment ކޮމެންޓް