ބޮޑުތަކުރުފާނު މަގުގައި އިންދާނެ 2700 ގަސް ހަވާލުކޮށްފި

މާލޭ މަގުތަކުގައި އިންދުމަށް ގަސް ހަވާލުކުރުން --- ފޮޓޯ: އެންވަޔަރަމެންޓް

ބޮޑުތަކުރުފާނު މަގުގައި އިންދުމަށް 2700 ގަސް އެންވަޔަރަމެންޓް މިނިސްޓްރީގެ ފަރާތުން މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްފިއެވެ.

މިއަދު ތައިސޭ ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި މާލޭ ސިޓީ ކައުންސިލާ ގަސްތައް ހަވާލުކޮށްދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ. ސިޓީ ކައުންސިލްގެ ފަތާރުން ގަސްތަކާ ހަވާލުވެލެއްވީ މާލޭ ސިޓީގެ މޭޔަރު ސިފާ މުހައްމަދެވެ.

ބޮޑުތަކުރުފާނު މަގު ތާރު އަޅައިގެން ތަރައްގީ ކުރުމަށްޓަކައި ކުރިން އެމަގުގައި ހުރި ގަސްތައް ނަގާފައިވާއިރު އޭރުގެ ސަރުކާރުން ބުނެފައިވަނީ ބޮޑުތަކުރުފާނުމަގުގައި 450 ގަސް އިންދާނެ ކަމަށެވެ. ގަވާއިދާ ޚިލާފަށް ބޮޑުތަކުރުފާނު މަގުގައި ހުރި ގަސްތައް ނެގުމުން އެންވާރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ ހައުސިން މިނިސްޓްރީ ޖޫރިމަނާވެސް ކޮށްފައެވެ.

https://sun.mv/110532

އެންވަޔަރަމެންޓު މިނިސްޓްރީ އިން ބުނީ ބޮޑުތަކުރުފާނު މަގުގައި އިންދުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މާހައުލުން މަދުވެފައި ހުރި މީރުވަސް ދުވާ މާ ގަސް ކަމަށާއި ގަސް އިންދާނީ ޕޮޓުގައި ކަމަށެވެ. އޭގެ ތެރޭގައި ކަރަންކާ މަލާއި ޗަމްޕާ ޕޫލް ފަދަ މާ ގަސްތައް ހިމެނޭނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

މާލޭ މަގުތަކުގައި އިންދުމަށް ގަސް ހަވާލުކުރުން --- ފޮޓޯ: އެންވަޔަރަމެންޓް

މީގެ އިތުރުން އެންވަޔަރަމެންޓު މިނިސްޓްރީ އިން ބުނީ މާލޭގެ މަގުގައި މިހާރުވެސް އާއްމުކޮށް މަގުމަތީގައި ހުންނަ ހިތި ގަހާއި ބޮޑު ޖަވާހިރު ފަދަ ގަސްތައް އިންދާނެ ކަމަށެވެ. ގަސްތައް އިންދުމުގައި މާލެ ފަދަ މާހައުލަކާއި ގުޅޭ ވައިސާފުކުރާފަދަ ގަސް އިންދަން މާލުކަންދޭނެކަމަށްވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

މުޅި ރާއްޖެ ފެހިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ 100 ދުވަހުގެ ވަޢުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެންވަޔަރަމެންޓް މިނިސްޓްރީ އިން ވަނީ މުޅި ރާއްޖެ ފެހިކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލާފައެވެ. މި ޕްލޭން ހުރިހާ ރަށެއްގެ ކައުންސިލްތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

comment ކޮމެންޓް