ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ ޔޫތް ޗެމްޕިއަންޝިޕްގައި މިފަހަރު ވާދަ ކުރާ ޓީމު ތަކުގެ ގުރު ނެގުން އެފްއޭއެމް ހައުސްގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.
މިފަހަރުގެ ޔޫތު މުބާރާތުގައި ބައިވެރި ވާ ޓީމު ތަކުގެ ގުރު ނެގިއިރު މުބާރާތުގައި މިހާތަނަށް ބައިވެރިވެފައި ވަނީ އަށް ޓީމެވެ. ނަމަވެސް އިތުރު ޓީމުތައް ބައިވެރިވާން ބޭނުންވާ ނަމަ އަދިވެސް އެ ފުރުސަތު އޮތް ކަމަށް އެފްއޭއެމް އިން ވަނީ ބުނެފައެވެ. އެގޮތުން ޔުނައިޓެޑް ވިކްޓަރީ ވަނީ މި މުބާރާތުގައި ބައިވެރި ވާން ޝައުގުވެރިކަން ފާޅު ކޮށްފައެވެ.
މިފަހަރުގެ ޔޫތު މުބާރާތުގައި ދިވެހި ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބު ކަމަށްވާ ނިއުރޭޑިއަންޓު ސްޕޯޓްސް ކުލަބް ބައިވެރިއެއް ނުވާނެއެވެ. ސަބަބަކީ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ކުލަބުން ދީފައި ނުވާ ކަމަށް ބުނެ އެފްއޭއެމް އިން ބާއްވާ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭ ގޮތަށް އެކުލަބް ސަސްޕެންޑު ކޮށްފައި ވާތީއެވެ.
އެކާވީސް އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒު ކޮށްގެން ބާއްވާ މި މުބާރާތް ކުރީން ބާއްވަނީ ފުޓުބޯޅަ ސީޒަން ތެރޭގައި ޕްރިމިއާ ލީގާއި ވެސް އެކުގައެވެ. ނަމަވެސް މިފަހަރުގެ ޕްރިމިއާ ލީގު ފެށުމަށް ހަމަ ޖެހިފައި ވަނީ ޖޫން މަހުގައެވެ. ޔޫތު މުބާރާތް ފަށާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުއެވެ.
މިފަހަރުގެ ޔޫތު މުބާރާތުގައި ބައިވެރިވާ ޓީމުތައް ދެ ގުރޫޕަކަށް ބަހާލައިގެން ވަނީ ގުރު ނަގާފައެވެ. ގުރޫޕް 'އޭ' ގައި އޮތީ ޓީސީ ސްޕޯޓްސް ކުލަބްއާއި ފޯކައިދޫއާއި ވިކްޓަރީގެ އިތުރުން މިފަހަރުގެ ފުރަތަމަ ޑިވިޒަންއަށް އަލަށް ކޮލިފައިވި ދަ ގޭންގް އެވެ.
މީގެ އިތުރުން ގްރޫޕު 'ބީ'ގައި ހިމެނޭ ޓީމު ތަކަކީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަންސް ގްރީން ސްޓްރީޓްސްއާއި އެންމެ ފަހުގެ ރަނަރަޕް ކްލަބް އީގަލްސްއާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އިތުރުން އޭދަފުށީ ފުޓްބޯޅަ ކްލަބެވެ. ޔުނައިޓެޑް ވިކްޓަރީ އިން މުބާރާތުގައި ބައިވެރިވާ ނަމަ އެ ކުލަބު ދާނީ ގުރޫޕް 'ބީ' އަށް ކަމަށް އެފްއޭއެމް އިން ވަނީ ބުނެފައެވެ.
އަންނަ މަހުގެ ހަތަރެއްގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ފުރަތަމަ ބައްދަލު ކުރުމަށް ހަމަ ޖެހިފައިވަނީ ޓީސީ ސްޕޯޓްސް ކުލަބާއި ފޯކައިދޫ އެވެ.