ބަހްރެއިންގެ އިދިކޮޅު ލީޑަރުގެ މައްޗަށް ކުރި ޖަލު ހުކުމް ދަމަހައްޓައިފި

ބަހުރެއިންގެ އިދިކޮޅު ލީޑަރު ޝޭހު އަލީ ސަލްމާންގެ މައްޗަށް ކުރި ޖަލު ހުކުމް ވަނީ ދަމަހައްޓާފަ -- ފޮޓޯ: ރޮއިޓާސް

މަނާމާ (ޖެނުއަރީ 28): ބަހުރެއިންގެ އިދިކޮޅު ލީޑަރު ޝޭހު އަލީ ސަލްމާން އުމުރަން ޖަލަށް ލާން ކުރި ހުކުމް އެގައުމުގެ ސުޕްރީމް ކޯޓުން ދަމަހައްޓައިފި އެވެ.

ބަހްރެއިން އިން މިހާރު މަނާކޮށްފައިވާ އަލް ވަފާގު މޫވްމެންޓުގައި އިސްކޮށް ހުންނެވި އަލީ ސަލްމާން ޖަލަށް ލާން މިދިޔަ އަހަރު ހުކުމް ކުރީ، 2011 ވަނަ އަހަރު ގަތަރާ ގުޅިގެން ބަހްރެއިންގެ ސަރުކާރާ ދެކޮޅަށް ހަމަނުޖެހުން އުފައްދަން ރޭވި ކަމުގެ ދައުވާގަ އެވެ.

އަލީ ސަލްމާންގެ އިތުރުން އިދިކޮޅު ލީޑަރުން ކަމަށްވާ ހަސަން ސުލްތާނާއި އަލީ އަލް އަސްވަދުގެ މައްޗަށް ކުރި އުމުރު ދުވަހުގެ ޖަލު ހުކުމް ވެސް ވަނީ ދަމަހައްޓައިފަ އެވެ. ބަހްރެއިންގެ ކުރީގެ ޕާލިމެންޓު މެމްބަރުން ކަމަށްވާ ސުލްތާނާއި އަސްވަދު މިހާރު ދިރިއުޅެނީ ގައުމުން ބޭރުގަ އެވެ.

އަލީ ސަލްމާންގެ މައްޗަށް ކުރި ހުކުމް ދެމެހެއްޓީ، ހަތަރު އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށެވެ. ދެހާސް ފަނަރަ ވަނަ އަހަރު އޭނާގެ މައްޗަށް އެ ހުކުމް ކުރީ ސުންނީ މުސްލިމުންނާ މެދު ނަފްރަތު އުފެދޭ ގޮތަށާއި ގާނޫނާ ހިލާފަށް އަމަލު ކުރުމަށް ހިތްވަރުދިން ކަމަށް ބުނެ އެވެ.

ގަތަރުން ވަނީ އަލީ ސަލްމާނާ ގުޅިގެން ޖާސޫސު ކުރި ކަމަށް ބުނާ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ އެނިންމުން ބަހްރެއިން އިންސްޓިޓިއުޓް ފޯ ރައިޓްސް އެންޑް ޑިމޮކްރަސީން ވަނީ ކުށްވެރިކޮށްފަ އެވެ. އަދި އެއީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށާއި އެއީ ސިޔާސީ ބޭނުމަކަށް ކުރި ހުކުމެއް ކަމަށް ތުހުމަތުކޮށްފަ އެވެ.

comment ކޮމެންޓް