ފިލިޕީންސްގެ ފައްޅިއަކަށް ދިން ހަމަލާއެއްގައި 20 މަރު

ފިލިޕީންސްގެ ފައްޅިއަކަށް ދިން ބޮމުގެ ހަމަލާތަކުގައި 20 މީހަކު ވަނީ މަރުވެފައި -- ފޮޓޯޅ

މެނީލާ (ޖެނުއަރީ 27): ފިލިޕީންސްގެ ސޫލޫ ޕްރޮވިންސުގެ ފައްޅިއެއްގައި ދެ ބޮން ގޮއްވާލުމުގެ ސަބަބުން 20 މީހަކު މަރުވެ، ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވެއްޖެ އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އެފައްޅީގެ އެތެރޭގައި ފުރަތަމަ ބޮން ގޮއްވާލީ ގިނަ އަދަދެއްގެ މީހުން ފައްޅިއަށް އެއްވެފައި ތިބި ވަގުތެއްގަ އެވެ. އަދި ދެވަނަ ބޮން ގޮއްވާލީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ސިފައިން ފެށި ފަހުން ފައްޅީގެ ބޭރުގަ އެވެ.

އެހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައި ނުވެ އެވެ. ނަމަވެސް ފިލިޕީންސް އާއި އެމެރިކާއިން "ޓެރަރިސްޓު ޖަމާއަތެއް"ގެ ގޮތުގައި ކަނޑައަޅާފައިވާ އަބޫ ސައްޔާފު ޖަމާއަތުން އެޕްރޮވިންސުގައި ހަރަކާތްތެރިވެ އެވެ.

އެހަމަލާ ދީފައި ވަނީ ފިލިޕީންސްގެ ދެކުނުގައި މުސްލިމުންގެ ސަރުކާރެއް ގާއިމު ކުރުމާ އެއްކޮޅަށް 1.7 މިލިއަން މީހުން ވޯޓު ދިން ފަހުންނެވެ. އެވޯޓުގައި މުސްލިމުންގެ ސަރުކާރެއް ގާއިމު ކުރުމާ ދެކޮޅަށް ވޯޓު ދިނީ އެންމެ 254,600 މީހުންނެވެ. އޭގެ ތެރޭގައި މިއަދުގެ ހަމަލާ އަމާޒުވި ސޫލޫ ޕްރޮވިންސުގެ ރައްޔިތުން ހިމެނެ އެވެ.

comment ކޮމެންޓް