ޣައްޒާއަށް ގަތަރުން ނުވަ މިލިއަން ޑޮލަރުގެ ފައިސާގެ އެހީ ދީފި

ގަތަރުން ޣައްޒާގެ އާއިލާތަކަށް ދިން އެހީ ވަނީ ބަހަން ފަށާފަ -- ފޮޓޯ: އޭއެފްޕީ

ޣައްޒާ (ޖެނުއަރީ 27): ގަތަރުން ޣައްޒާގެ ރައްޔިތުންނަށް ނުވަ މިލިއަން ޑޮލަރުގެ ފައިސާގެ އެހީ ފޯރުކޮށްދީފި އެވެ.

ގަތަރުން ޣައްޒާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު އަލް އިމާދީއާ ހަވާލާދީ ފަލަސްތީނުގެ މީޑިއާތަކުގައިވާ ގޮތުން އެފައިސާ ދޭން ހަމަޖެހިފައި ވަނީ ޣައްޒާގެ ފަގީރުންނަށެވެ.

"ޣައްޒާގެ ފަގީރު އާއިލާތަކަށް ގަތަރުން ދޭ އެހީ ހޮނިހިރު ދުވަހު ޣައްޒާއަށް ދާނެ އަދި 94،000 އާއިލާއަށް ދޭނެ،" އަލް އިމާދީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮންމެ އާއިލާއަށް ދޭން ހަމަޖެހިފައި ވަނީ 100 ޑޮލަރެވެ. އަދި ފައިސާ ހަވާލު ކުރުމުގެ މަސައްކަތް އިއްޔެ އާއި މިއަދު ކުރިއަށްދާނެ އެވެ. އިސްރާއީލްގެ ނޫހެއްގައިވާ ގޮތުން ގަތަރުން ނިންމާފައި އޮތީ ހަތަރު މަސް ތެރޭ ކޮންމެ އާއިލާއަކަށް ޖުމްލަ 400 ޑޮލަރު ދިނުމަށެވެ.

އިސްރާއީލާއި ޣައްޒާގެ ވެރިކަން ކުރާ ހަމާސްއާ ދެމެދު ހެދި ނުރަސްމީ އެއްބަސްވުމެއްގެ ދަށުން ގަތަރުން ވަނީ ޣައްޒާއަށް މަހަކު 15 މިލިއަން ޑޮލަރުގެ އެހީ ދޭން އެއްބަސްވެފަ އެވެ. އެއެއްބަސްވުމުގައި ވަނީ ޣައްޒާ ބޯޑަރުގައި ހަމަނުޖެހުން ކުޑަކޮށްފި ނަމަ ގަތަރުގެ އެހީ ޣައްޒާއަށް ފޯރުކޮށްދޭނެ ކަމަށް އިސްރާއީލުން ބުނެފަ އެވެ.

ނަމަވެސް އޭގެ ތެރެއިން ގިނަ ފައިސާ ބޭނުން ކުރަނީ ހަމާސްގެ ސިވިލް ސާވެންޓުންގެ މުސާރަ ދިނުމަށެވެ. އަދި ޣައްޒާގެ އާއިލާތަކަށް ދޭން ހަމަޖެހިފައި ވަނީ ފަސް މިލިއަން ޑޮލަރެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެފައިސާ ފުރަތަމަ ހަވާލު ކުރަން މަސައްކަތް ކުރުމުން ހަމާސް އިން ވަނީ ފައިސާ ގަބޫލު ކުރަން ދެކޮޅު ހަދާފަ އެވެ. އެޖަމާއަތުން ބުނި ގޮތުގައި އިސްރާއީލުން އެފައިސާ ޣައްޒާއަށް ފޯރުކޮށްދިނީ، އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެ ވަނަ ދައުރަކަށް އިންތިހާބުވުމަށް ކުރައްވަމުންގެންދަވާ ކެމްޕެއިންގެ ދަށުންނެވެ.

އޭގެ ސަބަބުން ގަތަރުން ވަނީ ހަމާސްއިން ގަބޫލު ނުކުރި ފައިސާ ބޭނުން ކުރާނީ ޣައްޒާގައި އދ.އާ ގުޅިގެން ހިއުމެނިޓޭރިއަން ޕްރޮޖެކްޓުތައް ހިންގަން ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް