ދީނުގެ ނަމުގައި ހިންގާ ހަމަނުޖެހުންތަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ބައެއް މީހުން ދީނަށް ފުރައްސާރަކުރާ ކަމަށް ބުނެ ބަޔެއް ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށް، އެމީހުން ހައްޔަރުކުރުމަށް ގޮވާލައި މި ހަފްތާތެރޭ މުޒާހަރާތަކެއްވެސް ކޮށްފައެވެ
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރާއްޖޭގެ ދީނަކީ އިސްލާމްދީންކަން ގާނޫނު އަސާސީގައި ލިޔެވިފައިވާ ކަމަށާއި އިސްލާމްދީނާ ހިލާފަށް ހިންގާ އެއްވެސް ކަމަކަށް ސަރުކާރުން ފުރުސަތު ނުދެއްވާނެކަމަށެވެ.
"އަޅުގަނޑުމެންގެ ގާނޫނު އަސާސީގައި ލިޔެވިފައި އެބަ އޮތް އަޅުގަނޑުމެން ދީނަކީ ކޮބާކަން. އަޅުގަނޑުމެން އުޅެންވީ ގޮތަކީ ކޮބާކަން. އަޅުގަނޑުމެންގެ މެނިފެސްޓޯގައިވެސް އެކަން ފާހަގަކޮށްފައި އެބައޮތް. އަޅުގަނޑުމެން ސަރުކާރުގެ ސިޔާސަތަކީވެސް އެއީ. އެއާ ހިލާފަށް ހިންގާ އެއްވެސް ކަމަކީ އެއަށް ފުރުސަތު ދޭނެ ކަންތައްތަކެއް ނޫން،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ، އިސްލާމްދީނާ ދެކޮޅަށް ކުރާ ކަންތައްތަކާ ގުޅޭ ގާނޫނުތައް އެބަހުރި ކަމަށާއި އެ ގާނޫނުތައް ތަންފީޒުކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމަށެވެ.
ދީނުގެ ނަމުގައި ހިންގާ ހައްދުފަހަނަ އަޅައިފައިވާ ކަންތައްތަކަކީވެސް ގައުމުގެ ހަމަޖެހުން ނުޖެހުމަކަށް ދާ ކަންތައްތައް ކަމަށާއި އެ ކަންތައްތަކަށްވެސް ސަރުކާރުން ފުރުސަތު ނުދޭނެކަމަށް ރައީސް ވިދާޅުވިއެވެ.
އިސްލާމްދީނަށް އިހާނެތިކަން ރައްދުވާގޮތަށް މިހާރަކަށް އައިސް ދެކެވޭ ވާހަކަތަކާއި ހިނގަމުންދާ ކަންތައްތަކަށް ހައްލެއް ހޯދުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސް ސޯލިހު މިދިޔަ އަންގާރަ ދުވަހު ވަނީ ހާއްސަ ކޮމިޓީއެއްވެސް އެކުލަވާލައިފައެވެ.
ރައީސް ސޯލިހު ވިދާޅުވީ ތަރައްގީއަށްޓަކައި ރާއްޖޭގައި ހަމަޖެހުން ގާއިމުވެފައި އޮތުމަކީ ކޮންމެހެންވެސް މުހިންމު ކަމެއް ކަމަށެވެ.
"ރިޔާސީ އިންތިހާބަށް ފަހު އެކަން [ހަމަޖެހުން ގާއިމުވެފައިވާކަން] އަޅުގަނޑުމެންނަށް ފެންނަމުންދޭ. ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރުވެއްޖެ. ރާއްޖޭއާ ދޭތެރޭ ބޭރު މީހުން ދެކޭ ގޮތް ބަދަލުވެއްޖެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރާއްޖޭގެ ހަމަޖެހުން ގާއިމްވެފައި އޮތުމުން މިހާރު ރާއްޖޭގެ އިގްތިސޯދު ރަނގަޅުވެފައިވާ ކަމަށާއި އެއްވެސް ފަރާތަކުން އެވެސް ބަޔަކު ރާއްޖޭގެ ހަމަޖެހުން ނަގާ ނުލުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.