މައުލޫމާތު ނުދީގެން އެޗްއާރްސީއެމްއިން އައިޖީއެމްއެޗާ ދެކޮޅަށް ދައުވާކޮށްފި

އެޗްއާރުސީއެމްގެ ރައީސް އީނާސް އަދި ނައިބު ރައީސް ޒާހިދު ---

ހިއުމަން ރައިޓްސް ކޮމިޝަނުން (އެޗްއާރްސީއެމް) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދަން އެދުނު މައުލޫމާތެއް އިންދިރާ ގާނދީ މެމޯރިއަލް ހޮސްފިޓަލުން ދީފައި ނުވާ ކަމަށް ބުނެ އެ ހޮސްޕިޓަލާ ދެކޮޅަށް އެޗްއާރްސީއެމް އިން ދައުވާކޮށްފި އެވެ.

މިއަދު އެ ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ އެޗްއާރްސީއެމް އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދަން އެދުނު މައުލޫމާތެއް ނުދީގެން ހުށަހެޅި މައްސަލައިގެ އަޑުއެހުމަށް މިއަދު އެ ކޮމިޝަނުގެ ފަރާތުން ގޮސްފައިވާ ކަމަށެވެ.

އެހެން ނަމަވެސް، އައިޖީއެމްއެޗް އިން މައުލޫމާތު ނުދިނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.

އެކަން ސާފު ކުރުމަށް އެޗްއާރްސީއެމްގެ ރައީސް އައިމިނަތު އީނާސްއާ "ސަން" އިން ސުވާލު ކުރުމުން ވިދާޅުވީ، މިއަދު އޮތީ ފުރަތަމަ އަޑުއެހުން ކަމަށެވެ. އަދި އެ މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ހާމަ ކުރެވެން ނެތް ކަމަށެވެ.

ފާއިތުވި ދެތިން އަހަރުގެ ތެރޭގައި ރާއްޖޭގައި އިންސާނީ ހައްގުތަކާ ހިލާފު އެތައް ކަމެއް ހިނގިއިރު ވެސް އެޗްއާރުސީއެމްގެ މެމްބަރުން ހިމޭނުން ތިބި ކަމަށް ބުނެ ފަހަކަށް އައިސް އެ ކޮމިޝަނަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

comment ކޮމެންޓް