ސުއޫދަށް އެއްވެސް ކޯޓެއްގައި ދައުވާ ކުރެވޭނީ ޕީޖީއިން ދައުވާ އުފުލުމުން: ނަޝީދު

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ގާނޫނީ ވަކީލުންތަކަކާ އެކު ކްރިމިނަލް ކޯޓުގެ ކުރިިމަތީގައި -- ސަން ފޮޓޯ: މުޒައްޔިން ނާޒިމް

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދުގެ މައްޗަށް ދައުވާ ކުރެވޭނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އޭނާއާ ދެކޮޅަށް ދައުވާ ކުރުމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރުންނާއި ގޭންގުތަކާ ގުޅުން އޮންނަކަމަށް ބުނެ ސުއޫދު ވާހަކަފުޅު ދެއްކެވުމުން އެއީ ކޯޓުގެ ހުރުމަތް ކަނޑާލުމުގެ އަމަލެއްގެ ގޮތުގައި ބަލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައި ވަނީ އެ މައްސަލައަށް ބެންޗެއްވެސް އެކުލަވާލާފަ އެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލު ކުރުމަށް ފަހު އިއްޔެ ވަނީ ކެންސަލްކޮށްފަ އެވެ.

އެކަމާ ގުޅިގެން މިރޭ ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވީ ސުއޫދާ ދެކޮޅަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި ދައުވާ ކުރެވޭނީ ޕީޖީ އޮފީހުން ދައުވާ އުފުލުމުން ކަމަށެވެ.

ސުއޫދުގެ ވަކީލު ހިސާން ހުސެއިން ވިދާޅުވެފައި ވަނީ ކްރިމިނަލް ކޯޓުން ސުއޫދުގެ މައްސަލަބަލަން ނިންމި ނިންމުމަކީ ގާނޫނުއަސާސީން ކޯޓުތަކާއި ފަނޑިޔާރުންނަށް ދީފައިވާ ބާރުގެ ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި މީހުން ކޯޓަށް ހާޒިރުކޮށް ކޯޓުން އެއްވެސް މީހެއްގެ ތަހުގީގު ހިންގުމުގެ ބާރު ފަނޑިޔާރުންނަށް ލިބިގެން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ ކޯޓުތަކުގެ ހުރުމަތާއި ބެހޭ މައްސަލަތަކުގައިވެސް ޝަރީއަތުގެ މަޖިލީހެއް ހިނގަމުން ދަނިކޮށް ނިޒާމު ގެއްލޭފަދަ ގޮތަކަށް ނުވަތަ ކޯޓުގެ ހުރުމަތް ގެއްލޭ ފަދަ ގޮތަކަށް އަމަލުކުރާ ފަރާތްތަކާއި މެދު ކޯޓުތަކުން ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ފިޔަވަޅު އެޅިދާނެ ކަމަށެވެ. އެހެންނަމަވެސް ކޯޓުން ބޭރުގައި ދައްކާ ވާހަކަތަކަކާ ގުޅިގެން މީހުން ކޯޓަށް ހާޒިރުކޮށް ތަހުގީގުކޮށް އެމީހުންނާ މެދު ފިޔަވަޅު އެޅުމަކީ ދުނިޔޭގައި ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ކުރާ ކަމެއް ނޫން ކަމަށް ހިސާން ވިދާޅުވެފައިވެ އެވެ.

ސުޕްރީމް ކޯޓުން 2014 އެކުލަވާލި ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމާ ބެހޭ ގަވައިދުގައި ބުނެފައި ވަނީ އެފަދަ މައްސަލައެއް ރައްދުވާ ކޯޓުން އިސްނަގައިގެން މައްސަލަ ބެލޭނެ ކަމަށެވެ. ނަމަވެސް، ބައެއް ގާނޫނީ ބޭފުޅުން ވިދާޅުވަނީ ސުއޫދުގެ ވާހަކަތަކަކީ ކޯޓުގެ އިހްތިސާސް ނުހިނގާ ތަނެއްގައި ދެއްކެވި ވާހަކަތަކެއް ކަމަށް ވާތީ އެ މައްސަލަ އެ ގަވައިދުގެ ދަށުން ވެސް ނުބެލޭނެ ކަމަށެވެ.

ކޯޓުގެ ހުރުމަތް ކަނޑާލައިފި ނަމަ އެއް ލައްކަ ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމާނާ ކުރެވޭނެ އެވެ. އަދި ގާނޫނުލްއުގޫބާތުގައި ނުވަތަ ގާނޫނެއްގައި ބަޔާން ކުރާ އަދަބެއް ދެވިދާނެ އެވެ.

comment ކޮމެންޓް