ތޯލިބާނުންގެ ކިބައިން ސަލާމަތްވި ހުސައިން އިނގިރޭސި ލީގުގައި ވިދަނީ

ނޫރު ހުސެއިން އިނގިރޭސި ފުޓުބޯޅަ ލީގުގައި ކުޅޭ މަންޒަރު -- ފޮޓޯ / ބީބީސީ

ތޯލިބާނު ހަނގުރާމަވެރިންގެ އަތް ދަށުން ސަލާމަތްވި ނޫރު ހުސެއިން އިނގިރޭސި ފުޓުބޯޅަ ލީގުގެ ކުލަބަކަށް ކުޅެ ތާރީހުގެ ތެރެއަށް ވަދެފިއެވެ.

އުމުރުން 21 އަހަރުގެ ހުސެއިންއަކީ އިނގިރޭސި ފުޓުބޯޅަ ލީގު [އީއެފްއެލް]ގައި ކުޅެފައިވާ ހަމަ އެކަނި އަފްގާނިސްތާނު ކުޅުންތެރިޔާއެވެ.

ހުސެއިންގެ ހަޔާތުގެ ފުރަތަމަ 18 މަސް ދުވަހަކީ އޭނާގެ އުފަން ރަށް ކަމުގައިވާ އަފްގާނިސްތާނުގެ މަޒަރީ ޝަރީފްގައި ވަރަށް ވަރުގަދަ ދާޚިލީ ހަނގުރާމަތަކެއް ހިނގަމުން ދިޔަ ދުވަސްވަރެކެވެ. އޭނާގެ އުމުރުން އެންމެ ފަސް އަހަރުގައި އަމިއްލަ ވަޒަން ދޫކޮށް ދިއުމަށް މަޖުބޫރުވެ އިނގިރޭސި ވިލާތަށް ހުސެއިންގެ އާއިލާ ހިޖުރަކުރިއެވެ.

އޭގެ 15 އަހަރު ފަހުން ހުސެއިން ވެގެން ގޮސްފައިވަނީ އިނގިރޭސި ފުޓުބޯޅަ ލީގުގައި ކުޅުނު ފުރަތަމަ އަފްގާނިސްތާނަށް ނިސްބަތްވާ ކުޅުންތެރިޔާއަށެވެ. ރީޑިންގް، ކްރިސްޓަލް ޕެލަސް އަދި އެކްރިންގްޓަން ސްޓެންލީ ފަދަ ކުލަބުތަކާއެކު ތަމްރީންވެފައި ވާ ހުސެއިން މިހާރު ކުޅެމުން ދަނީ ނޮޓްސް ކައުންޓީއަށެވެ.

"މިފަދަ ބޮޑު ކުރިއެރުމެއް ލިބުމަކީ ވަރަށް ފަހުރުވެރިވާ ކަމެއް. އަދި އަހަރެންގެ ގައުމުގައި ތިބި ކުޅުންތެރިންނަށް މިފަދަ ހަރުފަތަކަށް ދަތުރު ކުރެވޭނެ ކަމުގެ މިސާލެއް މި ދައްކައިދިނީ. ވަރަށް އުފާވޭ މިކަހަލަ ޝަރަފެއް ލިބުނީތީ" ހުސެއިން އޭނާގެ ކާމިޔާބިގެ ވާހަކަ ދައްކަމުން ބުންޏެވެ.

ހަނގުރާމައިގެ މައިދާނަށް އުފަންވުން

ތާލިބާނުގެ ހަނގުރާމަވެރިން އެ ގައުމުގައި ކުރިއަށް ގެންދިޔަ ދާޙިލާ ހަނގުރާމަ -- ފޮޓޯ / ބީބީސީ

ހުސެއިން އުފަންވިތާ ދެ މަސްތެރޭ އޭނާގެ ރަށް ވަނީ ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެފައެވެ. މި ހަނގުރާމަ ހިނގާދިޔައީ ތޯލިބާނު ހަނގުރާމަވެރިން އިސްލާމީ ޝަރީއަތެއް ބިނާކުރުމުގެ ނަމުގައި އަފްގާނިސްތާނުގެ ސިފައިންނާއި ކުރިމަތިލުމުންނެވެ. އަދި މި ހަނގުރާމަ ހޫނުވެ އަފްގާނިސްތާނުގެ ތިންވަނައަށް އެންމެ ބޮޑު ހަނގުރާމަ ޖަމާއަތް ކަމަށްވާ ހަޒަރަސްއިން ވަނީ ހަނގުރާމައަށް ނުކުމެފައެވެ. އަދި އެމީހުން ވަނީ ތޯލިބާނުން ބަލިކޮށްފައެވެ.

ދުވަސްކޮޅެއްގެ ތެރޭގައި ތޯލިބާނުގެ ހަނގުރާމަވެރިން އެކި ބައިބަޔަށް ބައިވެ މަޒަރަށް ވެރިވެގަންނަށް މަސައްކަތް ކުރުމުން، ޖުންބިޝް ނަމަކަށް ކިޔާ ޖަމާއަތެއް ނުކުމެ އެމީހުންގެ ރޭވުން ނާކާމިޔާބު ކޮށްލިއެވެ. މިގޮތަށް އެތަކެއް ހަނގުރާމަތަކެއްގައި މިލިއަނެއްހާ އާންމުންގެ ގެދޮރު ނެތި ރެފިއުޖީންނަށް ބަދަލުވެގެން ދިޔައެވެ.

އެފަދަ މިފަދަ ހާލެއްގައި ހުސައިންގެ އާއިލާ ދިރިއުޅެމުން ދިޔައީ ވަރަށް އުނދަގުލުގައެވެ. ލިބެމުން ދިޔަ އަނިޔާތަކަށާއި ވޭންތަކަށް ކެތްް ނުވެގެން ހުސެއިންގެ އާއިލާއިން އެ ގައުމު ދޫކޮށް ހިޖުރަކުރުމަށް މަޖުބޫރުވިއެވެ. ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަށް ހުސައިންގެ ބައްޕަ ނިންމީ އިނގިރޭސި ވިލާތަށް ހިޖުރަކުރުމަށެވެ.

ހަނގުރާމައާ ދެކޮޅަށް އަފްޣާނިސްތާނުގެ ކުޑަކުދިން އަޑު އުފުލި މަންޒަރު -- ފޮޓޯ / ބީބީސީ

މުޅިން އާ ހަޔާތެއް އިނގިރޭސި ވިލާތުގައި ފެށުން

އުމުރުން އެންމެ ފަސް އަހަރުގައި އަމިއްލަ ގައުމު ދޫކޮށް މުޅިން އާ ތަނަކަށް ގޮސް ދިރިއުޅުން އަލުން އާރަސްތުކޮށް އާ ފަސްގަނޑަކަށް ހޭނުން ވެގެން ދިޔައީ ހުސެއިނަށް ލިބުނު ބޮޑު ޗެލެންޖަކަށެވެ. ހުސެއިންގެ އާއިލާ ވަޒަންވެރިވެފައިވަނީ އުތުރު ލަންޑަންގެ ކްރޮއިޑަންގައެވެ.

ދުވަސްތައް ވޭތުވަމުން ދިޔަ ވަރަކަށް ހުސެއިނަށް ތަނުގެ އާކަން ފިލައި އެތަނުގެ މާހައުލަށް ފަރިތަވިއެވެ. އަދި ޖެހިގެން އައި އަހަރު އޭނާ ވަނީ ސުކޫލަށް ވަދެ ކިޔަވަންވެސް ފަށާފައެވެ. ދުވަސްކޮޅެއްގެ ތެރޭގައި އިނގިރޭސިންގެ އާދަކާދައާއި އިނގިރޭސި ބަސް ހުސެއިން ދަސްކުރިއެވެ.

"އަހަރެންނަކީ ގައުމުން ބޭރު މީހެއް ނަމަވެސް އެކަން އަހަރެންނަށް އިހުސާސް ނުވެސް ވޭ. އެއަށްވުރެން މިތަނުގެ މީހުން މާ އޯގާތެރި. މިތަނަކީ އަހަރެންގެވެސް އަމިއްލަ ތަނެއްގެ ގޮތުގައި އަހަރެންނަށް ސިފަކޮށްދިން،" އިނގިރޭސިންގެ އޯގާތެރިކަން ހާމަކުރަމުން ހުސެއިން ބުންޏެވެ.

ގައުމުގެ ތާރީހުގެ ތެރެއަށް ވަދެ ގިނަ ބައެއްގެ ތައުރީފު

އަފްޣާނިސްތާނުގެ މީހުން ފުޓުބޯޅަ ބަލާ މަންޒަރު -- ފޮޓޯ / ބީބީސީ

އަފްގާނިސްތާނުގައި ދިރިއުޅުނު ދުވަސްވަރުގައި ހުސެއިނަށް ފުޓުބޯޅައަކީ ކޯޗެއްކަން ނުވެސް އިނގެއެވެ. ނަމަވެސް ސުކޫލަށް ދާން ފެށި ހިސާބުން ފުޓުބޯޅައިގެ ތެރެއަށް މަޑުމަޑުން ހުސެއިން ވަންނަން ފެށިއެވެ. އަދި ރީޑިންގްގެ ފުޓުބޯޅަ އެކެޑެމީއާއި ގުޅި ފުޓުބޯޅައިގެ ދުނިޔެއަށް ހުސެއިނަށް ވަދުނެވެ. އޭގެ ފަހުން ކްރިސްޓަލް ޕެލަސްއަށް ބަދަލުވެ ވަރުގަދަ ޓީމުތަކާއި ދެކޮޅަށް ކުޅުނު އިރު ޓީމުގެ ބެންޗުގައި ވަނީ ހިމަނާފައެވެ.

މިވަގުތު ހުސައިން ކުޅެމުންދަނީ އިނގިރޭސި ދެވަނަ ލީގުގެ ރެލިގޭޝަންގައި ހަނގުރާމަ ކުރަމުންދާ ނޮޓްސް ކައުންޓީއަށެވެ. ނަމަވެސް އޭނަގެ އުންމީދަކީ ކޮންމެސް ދުވަހަކުން ޕްރިމިއާ ލީގުގެ ކުލަބަކަށް ކުޅުމަށެވެ.

"އަހަރެންގެ ދައްތަމެން އަދި ބޭބެމެން އަހަރެންގެ ގައުމު [އަފްގާނިސްތާން]ގައި ތިބެ އަހަރެންނަށް ވަރަށް ހިއްވަރު ދޭ. އެކަމާ ވަރަށް އުފާވޭ. ކުރި މަގުގައި އަފްގާނިސްތާނުގެ ކުޅުންތެރިން މި ލެވަލްގެ ފުޓުބޯޅައިގައި ފެނިގެން ދާނެ،" ހުސެއިންގެ އިންޓަވިއުގައި އޭނާ ބުންޏެވެ.

ހުސެއިންގެ ހުވަފެނަކީ ކޮންމެވެސް ދުވަހަކުން އޭނާގެ ގައުމާއި ވޯލްޑްކަޕު ކުޅުމެވެ. އޭނަ ބުނީ ކޮންމެ ކަމަކީވެސް މަސައްކަތްކޮށްފިނަމަ ވާނެ ކަމެއް ކަމަށެވެ. ވީމާ މިފަދަ ހުވަފެނެއް ދެކުމަކީ ވެސް މައްސަލައެއް ނޫން ކަމަށެވެ.

comment ކޮމެންޓް