ޓޯޓަލް ފިޓްނެސް ގްރޫޕު (ޓީއެފްޖީ)އިން ލާމު އަތޮޅުގައި ބާއްވާ "ކޮކާ ކޯލާ ރަން އިން ލާމު" ދުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެ ދުވުމަކީ ޓީއެފްޖީއިން އިންތިޒާމު ކުރާ ދުވުމެކެވެ. ކުރިންވެސް ކަސްރަތުގައި ހަރަކާތްތެރިކޮށް އުޅުއްވާ ރައީސް ސޯލިހު ޓީއެފްޖީ ރަންގައި ބައިވެރިވެ ވަޑައިގަންނަވާނެކަން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ "ސަން" އަށް ކަށަވަރު ކޮށްދެއްވާފައެވެ.
އެނގިފައިވާ ގޮތުގައި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސޯލިހު ލާމު އަތޮޅަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުއެވެ. ދުވުން އޮންނަނީ ހޮނިހިރު ދުވަހުއެވެ.
ހޮނިހިރު ދުވަހުގެ މެންދުރު 2:00 ގައި ފަށާ މި ދުވުން ކުރިއަށް ދާނީ ލާމު އަތޮޅުގެ ހަތަރު ރަށް ގުޅުވާފައި ހަދާފައި އޮންނަ ލާމު ލިންކް ރޯޑުގައެވެ.
ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެން ފަހުން މިއީ ރައީސް ސޯލިހު ލާމު އަތޮޅަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ޓީއެފްޖީ ރަންއަކީ ގިނަ ބައެއްގެ ތަރުހީބު ހޯދަމުންދާ ރަން އެކެވެ. އެގޮތުން ވޭތުވެ ދިޔަ އަހަރު 800 މީހުން އެ ރަންގައި ދުވެފައިވެއެވެ.