ސައުދީގެ ރެސްޓޯރަންޓްތަކުގައި މިޔުޒިކް ކުޅުމުގެ ހުއްދަ ދެނީ

ތުރުކީ އާލުއްޝައިޚް

ރިޔާޒް (ޖަނަވަރީ 23) : ސައުދީ މުޖްތަމައު އިތުރަށް ހުޅުވާލުމަށް ސައުދީގެ ޒުވާން ވަލީއަހުދު މުހައްމަދު ބިން ސަލްމާން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެގައުމުގެ ރެސްޓޯރެންޓް ފަދަ ތަންތަނުގައި ލައިވް މިޔުޒިކް ކުޅުމާއި ލަވަކިޔުން ހިމެނޭގޮތަށް މިޔުޒިކް ޝޯތައް ބޭއްވުމުގެ ހުއްދަ ދިނުމަށް ނިންމައިފިއެވެ.

ދާދި ފަހުން އުފެއްދި ސައޫދީ ޖެނެރަލް އެންޓަޓެއިންމަންޓް އޮތޯރިޓީގެ ވެރިޔާ ތުރުކީ އާލުއްޝައިޚް ވިދާޅުވީ ސައުދީ ހޮޓާތަކާއި ރެސްޓޯރެންޓްތަކުގައި ގިޓާފަދަ އާލާތްތައް ބޭނުންކޮށްގެން ލައިވް މިއުޒިކް ކުޅުމާއި އަދި ލަވަކިޔުންވެސް ހިމެނޭގޮތަށް މިއުޒިކް ޝޯތައް ބޭއްވުމުގެ ސްޓްރެޓެޖީއެއް އެކުލަވާލާފައިވާ ކަމަށާ އެކަމަށް ހުއްދަ ދިނުމަށް މިހާރު ނިންމާފައިވާ ކަމުގައެވެ. އެ ސްޓްރެޓެޖީގެ ދަށުން އެކަމާބެހޭ ގަވައިދެއްވެސް އެކުލަވާލާފައިވާނެ ކަމަށް އާލުއްޝައިޚް ވިދާޅުވިއެވެ.

މިކަމާ ބެހޭގޮތުން ބޭއްވި މަހާސިންތާއެއްގައި ވާހަކަ ދައްކަވަމުން އާލުއްޝައިޚް ވިދާޅުވީ ބައެއް ފަރާތްތަކުން ސައުދީ މުޖްތަމައު ފިކުރީ ގޮތުން ހައިޖެކް ކޮށްފައިވާ ކަމަށާ ނަމަވެސް ވަލީއަހުދު މުހައްމަދު ބިން ސަލްމާން އިއުލާން ކުރައްވާފައިވާ ސިޔާސަތުގެ ދަށުން އެ ހައިޖެކުން ސައުދީ މުޖްތަމައު ސަލާމަތްކުރެވޭނެ ކަމުގައެވެ.

މިގޮތުން ވަލީއަހުދުގެ ސިޔާސަތަށް ސައުދީ ރައްޔިތުންގެ ވަރަށް ބޮޑު ސަޕޯޓެއް އެބައޮތްކަމަށާ ފިކުރާއި ވިސްނުން ހިފަހައްޓައި ތަޅުއަޅުވައިގެން ގައުމަށް ތަރައްގީއާއި ކުރިއެރުން ނުހޯދޭނެކަމަށް އާލުއްޝައިޚް ވިދާޅުވިއެވެ.

ސައޫދީ މުޖްތަމައުގައި ކުރިން މަނާކޮށްފައިވާ އެތައް ކަމެއް ހުއްދަކޮށް ސައޫދީ މުޖްތަމައު ހުޅުވާލީ 2030ގެ ތަސައްވަރުގެ ނަމުގައި 2016 ވަނަ އަހަރު ވަލީއަހުދު މުހައްމަދު އިއުލާންކުރެއްވި ވިޝަންއާ އެކުގައެވެ.

އެ ވިޝަންއާއެކު ސައުދީގައި ވަނީ ހުޅަނގުގެ ގައުމުތަކުގައި އަންހެނުން މޫދަށްދާ ހެދުމުގައި އުޅުން ހުއްދަކުރާ ބީޗްތަކެއްވެސް ހުޅުވާލައި އެހެން ގައުމުތަކެކޭ އެއްގޮތަށް ޓޫރިޒަމްވެސް ތައާރަފްކޮށްފައެވެ. ނަމަވެސް އެފަދަ ބީޗްތައް ހުޅުވާލާފައިވަނީ އެކަހެރި ސަރަހައްދުތަކެއްގައި ޚާއްސަ ހުއްދައެއްގެ ދަށުންނެވެ. އަދި އަންހެނުން ކާރުދުއްވުން މަނާކޮށްފައި އޮތް އޮތުންވެސް މިދިޔަ އަހަރު ވަނީ ނިމުމަކަށް ގެނެސް، އެ ހުއްދަ އަލުން ދީފައެވެ.

އަދި ދީނުގެ ނަމުގައި ކަންކަން މަނާކުރުމަށް އުފައްދާފައިވާ ދީނީ ފުލުހުންގެ މުއައްސަސާގެ ބާރުތައްވެސް މިހާރުވަނީ ވަރަށް ބޮޑުތަން ކުޑަކޮށްލާފައެވެ. އެކަން އެކިގޮތަށް ނިންމީ ސައޫދީ ވަޒީރުންގެ މަޖިލީހުންނެވެ. މީގެއިތުރުން ފުޓްބޯޅަ ފަދަ ފިރިހެނުން ކުޅޭ ކުޅިވަރުތައް ބެލުމަށް އާއިލާތަކާއެކު ސްޓޭޑިއަމްތަކަށް ވަނުން އަންހެނުންނަށްވެސް މިހާރުވަނީ ހުއްދަކޮށްފައެވެ. ނަމަވެސް އަންހެނުން ކުޅޭ ކުޅިވަރުތައް ބެލުމުގެ ހުއްދަ ފިރިހެނުންނަށް އަދި ދީފައެއް ނުވެއެވެ.

މިސިޔާސަތުގެ ދަށުން ސައުދީގައިވަނީ ސިނަމާތައް ހުޅުވައި ބޭރުގެ ފިލްމުތައް ދެއްކުންވެސް މިހާރު ހުއްދަކޮށްފައެވެ. އަދި އަންހެނުން ގޭގައި ނުތިބެ ވަޒީފާއަށް ނުކުތުމަށްވެސް ސައުދީ ސަރުކާރުން ގެންދަނީ މީޑީއާގެ އެހީގައި ވަރަށް ބޮޑަށް ބާރުއަޅަމުންނެވެ. މީގެއިތުރުން އަންހެން ކުދިންގެ ސްކޫލްތަކުގައި ސްޕޯޓްސްގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމުގެ ފުރުސަތުވެސް ސައުދީ ތައުލީމާބެހޭ ވުޒާރާއިންވަނީ ދީފައެވެ.

ސައުދީ ހޮޓާތަކާއި ރެސްޓޯރެންޓްތަކުގައި ލައިވް މިއުޒިކް ކުޅުމާއި ލަވަކިޔުން ހިމެނޭގޮތަށް މިއުޒިކީ ހަފްލާތަކާއި ޝޯތައް ބޭއްވުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމީ ސައުދީ ޒުވާނުންގެ ވަރަށް ގިނަ ބަޔަކު އެކަމަށް އެދެމުންދާތީއާއި މިއުޒިކް ކުޅެ މިޔުޒިކް ތަރައްގީ ކުރުމަށް މަސައްކަތްކުރާ ސައުދީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތާއި މާކެޓް ހޯދައި ދިނުމަށް ކަމަށްވެސް ތުރުކީ އާލުއްޝައިޚް ވިދާޅުވިއެވެ.

ސައުދީ ސަރުކާރުން ދާދިފަހުންވަނީ މިއުޒިކީ ފަންނު ކިޔަވައިދިނުމާއި މިޔުޒިކް ތަރައްގީ ކުރުމާބެހޭ އިދާރާއެއްވެސް އުފައްދާފައެވެ. އަދި މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައިވަނީ އަރަބި މަޝްހޫރު ލަވަކިޔުންތެރިންނާއި މިއުޒިކް ގްރޫޕްތައް ބައިވެރިކޮށްގެން ވަރަށް ބޮޑު މިއުޒިކީ ހަފްލާއެއްވެސް ސައުދީ ތާރީހީ އަދި އާސާރީ ސަރަހައްދެއް ކަމަށްވާ މަދާއިން ސާލިހުގައި ވަނީ ބާއްވާފައެވެ.

އެ ޝޯ ބައްލަވާލެއްވުމަށް ސައޫދީ ބައެއް އިސް ވެރިންޙާޒިރުވެ ވަޑައިގެންފައިވާއިރު ސައުދީ ކޮންޒަވެޓިވް ބައެއް ފަރާތްތަކުންވަނީ ސޯޝަލް މީޑިއާގައި އެ ހަފްލާއަށް ނުސީދާ ގޮތެއްގައި ފާޑުކިޔާފައެވެ. ނަމަވެސް އެހަފްލާގައި ދީނާ ޚިލާފު ކަންކަން ހިނގާފައި ނުވާކަމަށްބުނެ ސައުދީ އެންޓަޓެއިންމަންޓް އޮތޯރިޓީން ވަނީ ފާޑުކީ ފަރާތްތަކަށް ރައްދު ދީފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް