އެމިރޭޓްސްއަށްފަހު ފޮރިން މިނިސްޓަރު ޝާހިދު އެމެރިކާއަށް ވަޑައިގެންފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު -- ސަން ފޮޓޯ: ފަޔާޒު މޫސާ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ އެމެރިކާއަށް ވަޑައިގެންފިއެވެ.

މިއީ ތިން ގައުމަކަށް މިނިސްޓަރު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ވަޑައިގަންނަވާ ދެވަނަ ގައުމެވެ. ޝާހިދު އެމެރިކާއަށް ވަޑައިގެންނެވި ޔުނައިޓެޑް އެރެބް އެމިރޭޓްސްއަށް ވަޑައިގަތުމަށްފަހުއެވެ. އެ ދަތުރުފުޅަކީ މިދިޔަ ހަފްތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެގައުމަށް ކުރެއްވި ދަތުރުފުޅުގެ ފޮލޯއަޕެއްގެ ގޮތުގައެވެ.

މިނިސްޓަރު ޝާހިދު މިރޭ އެމެރިކާގެ ވޮޝިންގްޓަންއަށް ވަޑައިގެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމެރިކާ ސަރުކާރުގެ ބައެއް އިދާރާތަކާ ބައްދަލުކުރައްވައި، މަޝްވަރާކުރައްވާނެ ކަމަށެވެ.

އޭގެ ތެރޭގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓާއި ޓްރެޝަރީ ޑިޕާޓްމެންޓާއި ޔޫއެސް އެއިޑު ހިމެނެއެވެ.

"ދިވެހި ސަރުކާރު އޮތީ އެމެރިކާއާއި ރާއްޖެއާ އޮތް ގުޅުން ކުރިން އޮތް ވަރުގަދަކަމަށް އިޔާދަކުރުމުގެ އަޒުމުގައި،" ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެ ދަތުރުފުޅުގައި އެމެރިކާގެ ތިންކު ޓޭންކް ސެންޓަރ ފޯރ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒް (ސީއެސްއައިއެސް)ގައި އިންޑިއާ ކަނޑުގެ ސަލާމަތާ ބެހޭގޮތުން ތަގުރީރުކުރައްވާނެ ކަމަށެވެ.

އެމެރިކާއަށް ކުރައްވާ ދަތުރުފުޅަށްފަހު ފޮރިން މިނިސްޓަރު ޝާހިދު ވަޑައިގަންނަވާނީ އިނގިރޭސިވިލާތަށެވެ.

comment ކޮމެންޓް