ސުއޫދުގެ މައްސަލައިގެ އަޑުއެހުން ކެންސަލް ކޮށްފި

ސުއޫދު މިއަދު ކުރިމިނަލް ކޯޓަށް ވަޑައިގެން -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ފަނޑިޔާރުންނާއި ގޭންގުތަކާ ގުޅުން އޮންނަކަމަށް ބުނެ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ކްރިމިނަލް ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބުނެ މިއަދަށް އެ ކޯޓުގައި ތާވަލު ކުރި މައްސަލަ ކެންސަލް ކޮށްފި އެވެ.

ސުއޫދު ކްރިމިނަލް ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބުނެ އޭނާގެ މައްސަލަ ބަލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އިއްޔެ ނިންމައި، އެ މައްސަލައިގެ އަޑުއެހުން ތާވަލު ކުރީ މިއަދު 14:00 އަށެވެ. އަދި އެ އަޑައެހުމަށް ސުއޫދު މިއަދު ކޯޓަށް ވަޑައިގެންނެވިއިރު މައްސަލަ ކުރިއަށް ގެންދަން ނިންމާފައި އޮތީ ސިއްރު އަޑުއެހުމެއްގެ ގޮތުގަ އެވެ.

ސުއޫދުގެ ވަކީލުންނާ އެކު މިއަދު ކުރިމިނަލް ކޯޓު ކުރިމަތީގައި -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ކްރިމިނަލް ކޯޓުން ސުއޫދު މައްސަލަ ބަލަން ނިންމި ނިންމުމާ ގުޅިގެން 'ސަން' އާ ވާހަަކަ ދައްކަވަމުން ސުއޫދުގެ ވަކީލު ހިސާން ހުސެއިން ވިދާޅުވީ ކްރިމިނަލް ކޯޓުން ސުއޫދުގެ މައްސަލަބަލަން ނިންމި ނިންމުމަކީ ގާނޫނުއަސާސީން ކޯޓުތަކާއި ފަނޑިޔާރުންނަށް ދީފައިވާ ބާރުގެ ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

އަދި މީހުން ކޯޓަށް ހާޒިރުކޮށް ކޯޓުން އެއްވެސް މީހެއްގެ ތަހުގީގު ހިންގުމުގެ ބާރު ފަނޑިޔާރުންނަށް ލިބިގެން ނުވާ ކަމަށް ވިދާޅުވި އެވެ.

"މީހުން ކޯޓަށް ހާޒިރުކޮށް ކޯޓުން އެއްވެސް މީހެއްގެ ތަހުގީގު ހިންގޭނެ ކަމަށްކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. ގާނޫނުއަސާސީގައި ތަސައްރަފު ކޮށްފައި އޮންނަނީ ފަނޑިޔާރުންނަކީ ނިޔާ ކަނޑައަޅާ ބައެއްގެ ގޮތުގައި. އެއީ އެއްވެސް ހާލެއްގައި މައްސަލަ ތަހުގީގުކޮށް އެމައްސަލައާ މެދު ގޮތް ނިންމަވަން ތިއްބަވާ ބޭފުޅުންގެ ގޮތުގައެއް ނޫން." ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ ކޯޓުތަކުގެ ހުރުމަތާއި ބެހޭ މައްސަލަތަކުގައިވެސް ޝަރީއަތުގެ މަޖިލީހެއް ހިނގަމުން ދަނިކޮށް ނިޒާމު ގެއްލޭފަދަ ގޮތަކަށް ނުވަތަ ކޯޓުގެ ހުރުމަތް ގެއްލޭ ފަދަ ގޮތަކަށް އަމަލުކުރާ ފަރާތްތަކާއި މެދު ކޯޓުތަކުން ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ފިޔަވަޅު އެޅިދާނެ ކަމަށެވެ.

އެހެންނަމަވެސް ކޯޓުން ބޭރުގައި ދައްކާ ވާހަކަތަކަކާ ގުޅިގެން މީހުން ކޯޓަށް ހާޒިރުކޮށް ތަހުގީގުކޮށް އެމީހުންނާ މެދު ފިޔަވަޅު އެޅުމަކީ ދުނިޔޭގައި ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އެއްވެސް ގޮތަކަށް ކުރާ ޒާތުގެ އަމަލެއް ނޫން ކަމަށް ހިސާން ވިދާޅުވި އެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުއޫދު ވިދާޅުވީ، ބައެއް މައްސަލަތަކުގައި ކޯޓުގެ މުވައްޒަފުންނާއި ފަނޑިޔާރުން ވެސް ޝާމިލުވެގެން ބައެއް މީހުން ދޫކުރާ ކަމަށެވެ.

އޭގެ އިތުރުން، ގޭންގުތަކާއި ފަނޑިޔާރުންނާ ގުޅުން އޮންނަ ކަމަށާއި، ފަނޑިޔާރުންގެ ސެކިއުރިޓީގެ ގޮތުގައި ވެސް ގޭންގުތަކުން ހަރަކާތްތެރިވާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ، ގޭންގުތަކުން ނޮމިނޭޓު ކުރާ ފަނޑިޔާރުން ކޯޓަށް އައްޔަން ކޮށްފައި ހުންނަ ކަމާއި، ވަކި ވަކި ގޭންގުތަކަށް ފަނޑިޔާރުންގެ ކޯޓާއެއް ކަނޑައަޅާފައި ހުންނަ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ.

އަދި ބައެއް މަރުގެ މައްސަލަތައް ކޯޓުގައި ކުރިއަށް ދަނިކޮށް އެ މައްސަލަތަކުގައި ޝާމިލުވާ ގޭންގުތަކުން ސުލްހައިގެ އެއްބަސްވުންތައް ހަދައި، ހެކިތަކަށް ބަދަލު ގެންނަ ކަމުގެ ތުހުމަތުވެސް އޭނާ ކުރެއްވި އެވެ.

އޭނާ ވިދާޅުވީ، ކްރިމިނަލް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންނާ އެކު އިންސާފު ލިބުމުގެ އެއްވެސް އުންމީދެއް ނެތް ކަމަށެވެ.

އެ ވާހަކަތަކާ ގުޅިގެން ކްރިމިނަލް ކޯޓުން މީގެ ކުރިން ބުނީ ސުއޫދު ކުރިމިނަލް ކޯޓާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަކީ، މިނިވަން ޖުޑިޝަރީ އަޅުވެތި ކުރުމަށް ދައްކާފައިވާ ބިރުހުރި ނުރައްކާތެރި ވާހަކަތަކެއް ކަމަށެވެ. އަދި އިއްޔެ ކްރިމިނަލް ކޯޓުން ބުނީ ސުއޫދު މީޑިއާއަށް މައުލޫމާތު ދެއްވީ، ކްރިމިނަލް ކޯޓުގެ ހުރުމަތާއި، ކަރާމާތާއި ހައިބަތު ނަގާލައި، ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުން ބަދުނާމުވާގޮތަށް ކަމަށެވެ.

comment ކޮމެންޓް