މާލޭގައި 24 ގަޑިއިރު ވިޔަފާރީ ކުރެވޭނެ ސަރަހައްދުތައް ކަނޑައަޅައިފި

މާލޭގެ ފިހާރަ އެއް: 24 ގަޑިއިރު ވިޔަފާރި ކުރެވޭނެ ސަރަހައްދުތައް އިކޮނަމިކް މިނިސްޓްރީން ކަނޑައަޅައިފި ---ސަން ފައިލް ފޮޓޯ: މުހައްމަދު އަފްރާހް

މާލޭގައި ސައި ހޮޓަލާއި ރެސްޓޯރެންޓްތައް އަދި ފިހާރަތައް 24 ގަޑިއިރު ހިންގޭނެ ސަރަހައްދުތައް އިކޮނަމިކް މިނިސްޓްރީން ކަނޑައަޅައި އާންމުކޮށްފި އެވެ.

އިކޮނަމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ 24 ގަޑިއިރު ވިޔަފާރީ ކުރުމުގެ ހުއްދައަށް އެދެވޭނީ މާލޭގެ ބޮޑެތި މަގުތަކުން ކަމަށާއި އެގޮތުން 12 މަގެއް ވަނީ ކަނޑައަޅާފަ އެވެ. އަދި 12 މަގުގެ އިތުރުން ވިލިނގިލީ ފެރީޓާމިނަލް ވެސް ވަނީ ހިމަނާފަ އެވެ.

24 ގަޑިއިރު ވިޔަފާރީ ކުރުމުގެ ހުއްދަ ދޭނެ މަގުތައް

  • ބޮޑުތަކުރުފާނު މަގު
  • ކަނބާއައިސާރަނި ހިނގުން
  • ފަރީދީ މަގު
  • ސޯސަން މަގު
  • މެދުޒިޔާރަތް މަގު
  • ޖަނަވަރީ މަގު
  • މަޖީދީ މަގު
  • ބުރުޒުމަގު
  • އޯކިޑު މަގު
  • އަމީނީ މަގު
  • ލޮނުޒިޔާރަތް މަގު
  • ޗާންދަނީ މަގު

އެ ސަރަހައްދު ތަކުގައި ހުރި ޝަރުތު ހަމަވާ ވިޔަފާރީތަކުން 24 ގަޑިއިރު ހިދުމަތް ދިނުމަށް އެދި ފޯމް ފުރިހަމަ ކުރުމަށް ފަހު ހުށަހަޅަން ޖެހެނީ އިކޮނަމިކް މިނިސްޓްރީގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ ސާވިސް ސެންޓަރަށް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އަދި އެ ފޯމް މިނިސްޓްރީގެ ވެބްސައިޓުން ވެސް ލިބެން ހުންނާނެ އެވެ.

ސައުވީސް ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރާ ތަންތަނުގެ ތެރެއިން، އިމްޕޯޓު މުދަލުގެ ވިޔަފާރިކުރާ ތަންތަނުން ވިއްކޭނީ، ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެތި އެކަންޏެވެ. އަދި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރެވޭނީ، ހުއްދައަށް އެދޭ ތަނުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި ޗެކު ކުރުމަށް ފަހުގައި ކަމަށް ވެސް އިކޮނަމިކް މިނިސްޓްރީން ބުނެއެވެ.

ސައުވީސް ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދިން ނަމަވެސް ނަމާދު ވަގުތުތަކަށް ތަން ބަންދުކުރުން ޖެހެއެވެ. އަދި އެހެން ހުރިހާ ވަގުތެއްގައި ހުޅުވާފައި ބަހައްޓަން ވާނެ ކަމަށް ވެސް އިކޮނަމިކް މިނިސްޓްރީން ބުނެ އެވެ.

comment ކޮމެންޓް