ފާރިސެއް ނުގެއްލޭ، ހުންނެވީ ސާބިތުކަމާ އެކު: މައުމޫން

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު --- ފޮޓޯ/ މަޖިލިސް

ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ސިޔާސީ މަސްރަހުން ނުފެންނާތީ ބައެއް މީޑިއާތަކުން ރިޕޯޓު ކުރުމުން ފާރިސްގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެކަމަށް ޖަވާބު ދެއްވައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް އޭރު ފެށި މަސައްކަތުގެ ފަހަތުގައި އެންމެ އިސްކޮށް ހުންނެވި ފާރިސް މައުމޫނު ސިޔާސީ މަސައްކަތް ކުރައްވާތީ ނުފެންނަ ކަމަށް ބުނެ، ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ އިރު، އެކަމަށް ރައްދު ދެއްވައި މައުމޫނު ޓުވިޓާގައި ވިދާޅުވީ ފާރިސް ހުންނެވީ ސާބިތު ކަމާ އެކު ކަމަށެވެ.

މިހާރު މިއޮތް ސަރުކާރުގެ ކޯލިޝަން އެކުލަވާލައި އޭރު އިދިކޮޅުގައި ތިއްބެވި ހުރިހާ ލީޑަރުން އެއްގަލަކަށް އަރުއްވައި މަސައްކަތް ކުރައްވަން ފެއްޓެވީ ފާރިސް އިސްކޮށް ހުންނަވައި ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ފާރިސް ސޮއިކުރެއްވި ހިސާބުންނެވެ. މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެންމެ ފުރަތަމަ ސޮއިކުރެއްވީ ފާރިސް އެވެ. އެމަނިކުފާނުގެ ފަހަތްޕުޅުން އޭރު މަޖިލީހުގައި ޕީޕީއެމް ތަމްސީލު ކުރެއްވި އިތުރު މެންބަރުންތަކެއް ރައީސް ޔާމީން އާ ދެކޮޅަށް ތެދުވި އެވެ.

ސަރުކާރު ކޯލިޝަން ބަލިކަށިވެ، ކޯލިޝަންގައި ރެނދު އަޅާފައިވާ ކަމަށް ވާހަކަ ދެކެވޭ އިރު ފާރިސް ފްރޮންޓް ލައިނުން ނުފެންނާތީ އެކަމާ ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. ސަރުކާރު ކޯލިޝަން އުފެދުމުގެ އެންމެ މުހިއްމު މަސައްކަތްތައް ކުރެއްވި ބޭފުޅާ، ކޮލިޝަން ރޫޅުމުގެ ކުރިން ފްރަންޓު ލައިނަށް ނިކުންނަވައި ކޯލިޝަން ސަލާމަތް ކުރުމުގެ މަސައްކަތް ކުރައްވަން ޖެހިވަޑައިގެންފައިވާ ކަމަށް މައުމޫނުގެ ޓްވީޓަށް ރައްދު ދީ މީހަކު ޓްވީޓުކޮށްފައިވެ އެވެ.

ސަރުކާރު ބަދަލުވުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަނު ކުރެއްވި މެންބަރަކީ ފާރިސް އެވެ.

comment ކޮމެންޓް