ވިޔަފާރިއާ އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ރާއްޖެއިން ކިއުބާއާއެކު މަޝްވަރާކޮށްފި

ކިއުބާ ސަފީރު ހުވާނާ އެލޭނާ ރާމޯސް ރޮޑްރިގެޒް، ރައީސް ސޯލިހްގެ އަރިހަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް

ވިޔަފާރިއާ އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ރާއްޖެއިން ކިއުބާ ސަރުކާރާ މަޝްވަރާކޮށްފިއެވެ.

އެ ކަންތައްތަކާ މެދު މަޝްވަރާކުރީ ކިއުބާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ނޮން- ރެޒިޑެންޓް ސަފީރު، ހުވާނާ އެލޭނާ ރާމޯސް ރޮޑްރިގެޒް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިޙްގެ އަރިހަށް އިއްޔެ ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވަނީ ރާއްޖެއާ ކިއުބާއާ ދެމެދުގައި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކޮށް، ގުޅިގެން ތަރައްޤީގެ މަޝްރޫޢުތައް ހިންގައި އަދި މަތީ ތަޢުލީމު ހާސިލުކުރުމަށް ބޭނުންވާ ދިވެހިންނަށް ކިއުބާއިން އިތުރު ސްކޮލަރޝިޕްގެ ފުރުޞަތު ތަނަވަސްކުރުމަށް ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.

ކިއުބާ ސަރުކާރުން މިހާރުވެސް ރާއްޖެއަށް މަދުމަދުން ސްކޮލަޝިޕްތައް ދަނީ ދެމުންނެވެ. އެގޮތުން ޑޮކްޓަރުކަން ކިޔެވުމަށް ކިއުބާ ސަރުކާރުން ރާއްޖޭގެ ދަރިވަރުންނަށް މީގެ ކުރިން ވަނީ ސްކޮލަޝިޕްތައް ދީފައެވެ.

ރައީސް ސޯލިހް ވިދާޅުވީ ކިއުބާއާ ރާއްޖެއާ ދެމެދުގައި އެއްގޮތް ގޮންޖެހުންތަކެއް ހުރިކަމަށެވެ. އަދި ހާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން ދިމާވާ ގޮންޖެހުންތަކުގެ މައްޗަށް އެ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

comment ކޮމެންޓް