ކުޅުދުއްފުށި އެއާޕޯޓު މިއަހަރު އޮޕަރޭޝަނަށް ގެނެވޭތޯ މަސައްކަތް ކޮށްދިނުމަށް އެދިއްޖެ

ކުޅުދުއްފުށި އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސުން -- ފޮޓޯ:އެމްޓީސީސީ

ހދ. ކުޅުދުއްފުށީގައި ތަރައްގީކުރަމުންދާ އެއާޕޯޓުގައި ނުނިމި ހުރި މަސައްކަތްތައް ނިންމައި، އަހަރު ނިމުމުގެ ކުރިން އެއާޕޯޓު އޮޕަރޭޝަނަށް ގެނެވޭތޯ މަސައްކަތްކޮށްދިނުމަށް ކުޅުދުއްފުށީ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިވަޑައިގެންފި އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން މިއަދު ސަން އަށް ވިދާޅުވީ ރައީސް ސޯލިހާ އެކު ކައުންސިލުން އިއްޔެ ބޭއްވި ބައްދަލުވުމުގައި އެއާޕޯޓުގެ މަސައްކަތް ނިންމައިދެއްވުމަށް އެދި ދަންނަވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ރައީސް އަރިހު ދެންނެވިން އެއާޕޯޓުގައި ނުނިމި ހުރި މަސައްކަތްތައް ނިންމަވައި ދެއްވުމަށް. ރައީސް ދެންނެވި އެކަންތައް ކޮށްދެއްވާނެ ކަމަށް. އަހަރު ނިމުމުގެ ކުރިން އެކަންތައް ފުރިހަމަވެ އެއާޕޯޓުގެ މަސައްކަތް ފެށުން އުއްމީދަކީ. އެ އުއްމީދު ރައީސް ދެއްވި،" ލަތީފް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރިޔާސީ ކެމްޕެއިނުގެ ފަހު ދުވަސްކޮޅު ކުޅުދުއްފުށި އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސައި އެއާޕޯޓް ހުޅުވުމަށް ރަސްމިއްޔާތެއް ބޭއްވި އެވެ. ނަމަވެސް އެ އެއާޕޯޓް ހުޅުވި އިރު އޮތީ ހަމައެކަނި ރަންވޭ އެކެވެ. ޗެކް އިން ކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތް އިރު ފަސިންޖަރުންނަށް ހާއްސަ ޓާމިނަލެއް، އެއާޓްރެފިކް ކޮންޓްރޯލު ޓަވަރެއް، ކަރަންޓު، ފެން އަދި ނަރުދަމާގެ ވަސީލަތްތަކެއް ވެސް އެ އެއާޕޯޓުގައި ނެތެވެ. އެއާޕޯޓު ރަންވޭ ފަހުން ބޭނުންކުރީ ޖޮގިން ޓްރެކެއްގެ ގޮތުގަ އެވެ.

ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅައި ދެއްވުމަކީ 2013ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވެވަޑައިގެންނެވި ވައުދެކެވެ.

comment ކޮމެންޓް