ނަބަވީ މިސްކިތުގެ ކުރީގެ އިމާމު ޖަލުގައި އަވަހާރަވެއްޖެ

ސައުދީ އަރަބިއާގެ ދީނީ އިލްމުވެރިއާ އަދި ނަބަވީ މިސްކިތުގެ ކުރީގެ އިމާމު ޝެއިހް އަހުމަދު އަލް އަމާރީ ވަނީ ޖަލުގައި އަވަހާރަވެފައި -- ފޮޓޯ: ޕްރިޒަނާސް އޮފް ކޮންޝެންސް

މަދީނާ (ޖެނުއަރީ 22): ސައުދީ އަރަބިއާގެ ދީނީ އިލްމުވެރިއާ އަދި ނަބަވީ މިސްކިތުގެ ކުރީގެ އިމާމު ޝެއިހް އަހުމަދު އަލް އަމާރީ ޖަލުގައި އަވަހާރަވެއްޖެ އެވެ.

ސައުދީން ހައްޔަރު ކުރާ ދީނީ އިލްމުވެރިން މޮނިޓާ ކުރާ ގުރޫޕު، ޕްރިޒަނާސް އޮފް ކޮންޝެންސް އިން ބުނި ގޮތުގައި ޝެއިހް އަހުމަދު އަވަހާރަވީ ހައްޔަރުކުރިތާ ފަސް މަސް ފަހުން މިދިޔަ އާދިއްތަ ދުވަހުގަ އެވެ.

އެގުރޫޕުން ވަނީ ޝެއިހް އަހުމަދުގެ ހާލު ބެލުމުގައި ޖަލުން އިހުމާލުވި ކަމަށާއި އޭނާ އަވަހާރަވީ އޭގެ ސަބަބުން ކަމަށް ބުނެފަ އެވެ.

އިނގިރޭސިވިލާތުގައި ހުންނަ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް ކަމަށްވާ އޭއެލްކިއުއެސްޓީގެ ޑިރެކްޓަރު ޔަހުޔާ އަސީރީ ވިދާޅުވި ގޮތުގައި ޝެއިހް އަހުމަދު ހައްޔަރު ކުރީ އޭނާގެ އަރިސް ފަރާތެއް ކަމަށްވާ، ދީނީ އިލްމުވެރިޔާ ސަފަރު އަލް ހަވާލީއާ އެއްކޮށެވެ.

ސަފަރު އަލް ހަވާލީ ހައްޔަރު ކުރީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާއި ޝާހީ އާއިލާއަށް ފާޑު ވިދާޅުވެ، 3،000 ސަފުހާގެ ފޮތެއް ނެރުއްވި ފަހުންނެވެ.

އަސީރީ ވިދާޅުވި ގޮތުގައި ޝެއިހް އަހުމަދު އަވަހާރަވުމުގެ ކުރިން، މިމަހުގެ ދެވަނަ ދުވަހު އޭނާ ޖިއްދާގައި ހުންނަ ކިންގް އަބްދުﷲ މެޑިކަލް ކޮމްޕްލެކްސްއަށް ގެންގޮސްފައިވެ އެވެ. އެއީ ސިކުނޑިއަށް ލޭ އެޅުމުގެ ސަބަބުންނެވެ. އަސީރީ ގަބޫލު ކުރައްވާ ގޮތުގައި ޝެއިހް އަހުމަދު އަވަހާރަކޮށްފައި ވަނީ ބަޔަކު ގަސްތުގަ އެވެ.

އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާގެ ގުރުއާން ކޮލެޖުގެ ޑީންކަން މީގެ ކުރިން ކުރެއްވި ޝެއިހް އަހުމަދު އަވަހާރަވުމާ ބެހޭ ގޮތުން ސައުދީ ސަރުކާރުން އަދި ވަކި އެއްޗެކޭ ބުނެފައެއް ނުވެ އެެވެ.

ސައުދީ ޝާހީ އާއިލާއަށް ފާޑު ކިޔަމުން ދިޔަ ނޫސްވެރިއެއް ކަމަށްވާ ޖަމާލް ހާޝުގްޖީގެ މަރާ ގުޅިގެން އެގައުމުގެ ސަރުކާރުގެ މައްޗަށް ވަނީ އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުތައް ފެންމަތިވެފަ އެވެ.

ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓު ތެރޭ ހާޝުގްޖީ މަރުވި ކަމަށް ބުނާ ރިޕޯޓުތައް ފުރަތަމަ ދޮގު ކުރުމަށް ފަހު، ސައުދީ ސަރުކާރުން ފަހުން ވަނީ ބަޔަކު އޭނާ މަރާލިކަން ޔަގީންކޮށްދީފަ އެވެ. ނަމަވެސް އެއީ ވަލީއަހުދާއި ޝާހީ އާއިލާއާ ގުޅުން އޮތް މައްސަލައެއް ނޫން ކަމަށް ބުނެފަ އެވެ.

ސައުދީ ޕްރޮސެކިއުޓަރުން މިހާރު ދަނީ ދީނީ އިލްމުވެރިޔާ ސަލްމާން އަލް އައުދާއަށް މަރުގެ ހުކުމް ކުރަން ވަކާލާތު ކުރަމުންނެވެ. ސަލްމާން އައުދާ ވަނީ ސައުދީގައި އިންތިހާބު ބޭއްވުމަށާއި ބާރުތައް ވަކި ކުރުމަށް ގޮވާލައްވާފަ އެވެ.

comment ކޮމެންޓް