އަދާލަތު ޕާޓީން ޕްރައިމަރީ ބާއްވަނީ އެންމެ ދާއިރާއަކުން!

ނޮވެމްބަރ 15، 2018: ދިގު މެދުކެނޑުމަކަށް ފަހު އަދާލަތު ޕާޓީގެ ސިޔާސީ ހަރަކާތްތައް ފެށުން: އަދާލަތު ޕާޓީގެ އާންމު މެމްބަރުނާއި ބައްދަލުކުރުމަށް ދަރުބާރުގޭގައި ބޭއްވި ހާއްސަ ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ވާދަކުރާނެ މެމްބަރުން ހޮވުމަށްޓަކައި އަދާލަތު ޕާޓީން ޕްރައިމަރީ ބައްވާނީ އެންމެ ދާއިރާއަކުންކަމަށް އެ ޕާޓީއިން ބުނެފިއެވެ.

އެ ޕާޓީން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ޕްރައިމަރީ ބާއްވާނީ ހަމައެކަނި އިނގުރައިދޫ ދާއިރާއަށް ކަމަށެވެ. އަދި އެ ދާއިރާގެ ޕްރައިމަރީ އަންނަ ހުކުރު ދުވަހު ބޭއްވުމަށް އަދާލަތު ޕާޓީގެ އިންތިޚާބާއި ބެހޭ ކޮމިޓީއިން ވަނީ ކަނޑައަޅާފައިވާ ކަމަށްވެސް އެ ޕާޓީން ބުންޏެވެ.

އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ރައީސް އަލީ ނަޒީރު "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ އިނގުރައިދޫ ދާއިރާއަށް އެކަނި ޕްރައިމަރީ ބާއްވަން ނިންމީ މަސްލަހަަތަށް ޓަކައި ކަމަށެވެ. އެ ދާއިރާއަށް ވާދަކުރަނީ ދެ ބޭފުޅުންނެވެ.

" އަޅުގަނޑުމެން އެހެން ދާއިރާތަކުގައި މަޝްވަރާ މަޖިލީހުގައި މަޝްވަރާކުރުމަށް ފަހު އޮތީ އެއްބަސްވުމަކަށް އައިސްފައި ވާދަކުރާނެ ބޭފުޅުން. އެހެންނަމަވެސް އިނގުރައިދޫ ދާއިރާގެ ވާދަވެރިކަން ބޮޑުވެ މަސްލަހަތު ގެއްލިދާނެކަމަށް ފެންނާތީވެ އެ ދާއިރާއިން ޕްރައިމަރީން އިންތިހާބް ބާއްވަން ނިންމީ" ނިޒާރު ވިދާޅުވިއެވެ.

އެ ދާއިރާގެ އިތުރުން އިތުރު 12 ދާއިރާއަކަށްވެސް އަދާލަތު ޕާޓީން ވާދަކުރެއެވެ. އެ ހުރިހާ ދާއިރާތަކަށް ވާދަކުރަނީ ގުޅިފައިވާ ޕާޓީތަކުން ސޮއި ކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށްކަަމަށްވެސް އަދާލަތު ޕާޓީން ބުނެއެވެ.

އަދާލަތު ޕާޓީން ވާދަކުރާ އިތުރު ދާއިރާތައް

1. ކެލާ ދާއިރާ
2. ކުޅުދުއްފުށީ އުތުރު ދާއިރާ
3. މަކުނުދޫ ދާއިރާ
4. ވައިކަރަދޫ ދާއިރާ
5. ކާށިދޫ ދާއިރާ
6. މަހިބަދޫ ދާއިރާ
7. މުލަކު ދާއިރާ
8. ނިލަންދޫ ދާއިރާ
9. ގަމު ދާއިރާ
10. ފުވައްމުލަކު ދެކުނު ދާއިރާ
11. ފޭދޫ ދާއިރާ
12. މާފަންނު ދެކުނު ދާއިރާ

އަދާލަތު ޕާޓީން ވާދަކުރާނެ ދާއިރާތައް ނިންމިއިރު އެ ޕާޓީއާއެކު ކޯލިޝަން ހެދި އަނެއް ދެ ޕާޓީން ވާދަކުރާނެ ދާއިރާތަކާ މެދު ވަނީ ހިޔާލުތަފާތުވެފައެވެ. އެގޮތުން އެމްޑީޕީން 87 ދާއިރާއަށް ކުރިމަތިލާން ނިންމިއިރު ޖުމްހޫރީ ޕާޓީން ބުނީ ހުރިހާ ދާއިރާތަކަށް ވާދަކުރުމާމެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ.

comment ކޮމެންޓް