ސިވިލް ކޯޓުގެ ފަނޑިޔާރު ހަލީމް އިސްތިއުފާ ދެއްވައިފި

ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް (ކ). އޭނާގެ މާލީ ބަޔާން ވަނީ އާންމުކުރައްވައިފައި--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިވިލް ކޯޓުގެ ފަނޑިޔާރު ކަމުން މުހައްމަދު ހަލީމް އިސްތިއުފާ ދެއްވައިފި އެވެ.

ހަލީމް އިސްތިއުފާ ދެއްވައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، އިސްތިއުފާ ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖުޑިޝަރީ އިސްލާހު ކުރުމަށް ކުރައްވާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، ކަމަށެވެ.

އަދި އޭނާގެ އިސްތިއުފާ ސިޓީގައި ވިދާޅުވެފައި ވަނީ ރައީސް ސޯލިހުގެ އިސްލާހީ އެޖެންޑާއަށް އެއްބާރުލުން ދިނުމުގެ ގޮތުން ކޯޓުތަކަށް އަލުން ފަނޑިޔާރުން އައްޔަން ކުރަން ފުރުސަތު ދިނުމަށް، މިހާރު ތިބި ފަނޑިޔާރުން އިސްތިއުފާ ދެެއްވަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އޭނާ އިސްތިއުފާ ދެއްވީ އެކަމުގެ މިސާލެއް ދެއްކުމުގެ ގޮތުން ކަމަށް ވިދާޅުވި އެވެ.

ހަލީމް މިއަދު އިސްތިއުފާ ދެއްވިއިރު، މީދެ ދެތިން ދުވަސް ކުރިން އޭނާ ވަނީ އޭނާގެ މާލީ ބަޔާން ވެސް އާންމު ކުރައްވައިފަ އެވެ.

އެ މާލީ ބަޔާނުގައި ވާގޮތުން އޭނާ އަށް މުސާރަ އާއި އެލަވަންސްތަކާ އެކު މިދިޔަ އަހަރު 571800 ރުފިޔާ ލިބިވަޑައިގެންނެވި އެވެ. އަދި ދިރިއުޅުއްވަމުން ގެންދަވާ ގޭގެ ކުއްޔަށް 400،000 ރުފިޔާ ވަނީ ހޭދަކުރައްވައިފަ އެވެ. އަދި ދަރަނީގެ ގޮތުގައި އިސްލާމިކް ބޭންކުން ނަގައިފައިވާ 98،065.76 ރުފިޔާ އާއި އަދި ބޭންކް އޮފް މޯލްޑިވްސް އިން ނަންގަވައިފައިވާ 92،972.17ގެ ދަރަންޏެއް ވެސް ހަލީމްގެ ނަން މަތީގައި އޮވެ އެވެ.

ހަލީމްގެ މިލްކިއްޔާތުގައި ހުރި މުދަލަށް ބަލާލާ އިރު އޭނާގެ އަތުގައި 78،000 ރުފިޔާގެ ސައިކަލަކާއި 390،000 ރުފިޔާގެ ލޯންޗެއް އޮވެ އެވެ. އަދި އެމްޓީސީސީގެ 10 ހިއްސާ އާއި ދިރާގުގެ 100 ހިއްސާގެ އިތުރުން އުރީދޫގެ 300 ހިއްސާ ހަލީމްގެ ނަންމަތީގައި އޮވެ އެވެ.

comment ކޮމެންޓް