26 މީހެއްގެ މިލްކިއްޔާތު، 3.8 ބިލިއަން މީހުންގެ މިލްކިއްޔާތާ އެއްވަރު!

ޖެފް ބޭޒޯސް، ބިލް ގޭޓްސް، ވޮރެން ބަފެޓް އަދި މާކް ޒަކަބާގްގެ ޖުމްލަ މިލްކިއްޔާތު 357 ބިލިއަން ޑޮލަރަށް އަރާ -- ފޮޓޯ: ސީއެންއެން

ދުނިޔޭގެ އެންމެ މުއްސަނދި 26 މީހުންގެ މިލްކިއްޔާތު، ދުނިޔޭގެ އެންމެ ފަގީރު 3.8 ބިލިއަން މީހުންގެ މިލްކިއްޔާތާ އެއްވަރު ކަމަށް އޮކްސްފެމް އިންޓަނޭޝަނަލްއިން ބުނެފި އެވެ.

ދުނިޔެއިން ފަގީރުކަން ނައްތާލުމަށް މަސައްކަތްކުރާ ޖަމިއްޔާ އޮކްސްފެމްއިން ކޮންމެ އަހަރަކު ނެރޭ ރިޕޯޓުގައިވާ ގޮތުން 2008 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި މާލީ ހީނަރު ކަމަށް ފަހު ދުނިޔޭގެ ބިލިއަނަރުންގެ އަދަދު ވަނީ ދެގުނަ އިތުރުވެފަ އެވެ. އަދި މިދިޔަ އަހަރު އެ ބިލިއަނަރުންގެ ޖުމްލަ މިލްކިއްޔާތަށް ކޮންމެ ދުވަހަކު 2.5 ބިލިއަން ޑޮލަރު އިތުރު ވަމުން ދިޔަ ނަމަވެސް، އެންމެ ފަގީރު 3.8 ބިލިއަން މީހުންގެ މިލްކިއްޔާތު ވަނީ މިދިޔަ އަހަރު 11 ޕަސެންޓަށް ދަށްވެފަ އެވެ.

އަދި ދުނިޔޭގެ އެންމެ މުއްސަނދި 26 މީހުންގެ މިލްކިއްޔާތު 1.4 ޓްރިލިއަން ޑޮލަރަށް މިދިޔަ އަހަރު އަރާފައިވާ ކަމަށާއި އެއީ އެންމެ ފަގީރު 3.8 ބިލިއަން މީހުންގެ ޖުމްލަ މިލްކިއްޔާތާ އެއްވަރު އަދަދެއް ކަމަށް އޮކްސްފެމްގެ ރިޕޯޓުގައިވެ އެވެ.

ފޯބްސްއާ ހަވާލާދީ އޮކްސްފެމްގައިވާ ގޮތުން ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބިލިއަނަރުންނަކީ އެމެރިކާގެ ރައްޔިތުންނެވެ. އޭގެ ތެރޭގައި އެމެޒޯންގެ ބާނީ ޖެފް ބޭޒޯސް، މައިކްރޯސޮފްޓުގެ ބާނީ ބިލް ގޭޓްސް، ބާކްޝަޔާ ހެތަވޭސްގެ ސީއީއޯ ވޮރެން ބަފެޓް އަދި ފޭސްބުކުގެ ބާނީ މާކް ޒަކަބާގް ހިމެނެ އެވެ. އެހަތަރު މީހުންގެ ޖުމްލަ މިލްކިއްޔާތު 357 ބިލިއަން ޑޮލަރަށް އަރަ އެވެ.

އޮކްސްފެމްއިން ނެރޭ ރިޕޯޓުގެ މަގުސަދަކީ ދުނިޔޭގައި މުއްސަނދިންނާއި ފަގީރުންގެ މެދުގައި އޮންނަ ފަރަގު އިތުރުވަމުންދާ މިންވަރު ހާމަކޮށް، މާލީ ހަމަހަމަކަން ގެނައުމަށް ކުރެވިދާނެ ކަންތައްތަކަށް އަލި އަޅުވާލުމެވެ.

އެރިޕޯޓުގައި އޮކްސްފެމްއިން ވަނީ ބޮޑެތި ކުންފުނިތަކާއި މުއްސަނދިންގެ އަތުން ނަގާ ޓެކްސް ބޮޑުކޮށް، އެފައިސާ ތައުލީމަށާއި ހިލޭ ބޭސްފަރުވާ ކޮށްދިނުން ފަދަ ހިދުމަތްތަކަށް ހަރަދު ކުރުމަށް ސަރުކާރުތަކަށް ގޮވާލައިފަ އެވެ.

comment ކޮމެންޓް