ކުޅުދުއްފުށީ ހޮސްޕިޓަލުގެ ކޮންޓްރެކްޓު އުވާލަން ކައުންސިލުން ރައީސް އަރިހު ދަންނަވައިފި

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް --- ސަން ފޮޓޯ: މުހައްމަދު ސަމާހު

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ހިންގުމަށް އިންޑިއާގެ ނިމްސް އާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުން އުވާލުމަށް ކުޅުދުއްފުށީ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަރިހުން އެދިއްޖެއެވެ.

ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ހަސަން ސަން އަށް ވިދާޅުވީ ރައީސް ސޯލިހާއެކު ކައުންސިލުން މިއަދު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ނިމްސް އިން ހޮސްޕިޓަލު ހިންގަން ހަވާލުވުމުން ގިނަ ކަންތައްތަކެއް ހާސިލްވާނެ ކަމަށް ބެލެވުނު ނަމަވެސް އެ ކަންތައް ހާސިލްނުވާ ކަމަށް ގަބޫލުކުރެވޭތީ އެއްބަސްވުން އުވާލުމަށް ރައީސް އަރިހު ދެންނެވީ ކަމަށެވެ.

"ނިމްސް އިން މަސައްކަތްކުރަނީ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށްވުރެ ވިޔަފާރި ފައިދާއަށް" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ ނިމްސްގެ އެއްބަސްވުން އުވާލުމަށްފަހު ސަރުކާރުން ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ހިންގުމަށް ރައީސް އަރިހު ދެންނެވި ކަމަށެވެ.

ބޭރުގެ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުމެއް އުވާލުމަކީ ބޮޑު ހަރަދެއް ހިނގާނެ ކަމެއްކަމަށް ރައީސް ދެންނެވި ކަމަށާއި މަޝްވަރާކޮށްގެން ސަރުކާރަށްވެސް އެންމެ ގެއްލުން ކުޑަގޮތަކަށް މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ދެންނެވި ކަމަށް ލަތީފް ވިދާޅުވިއެވެ.

އިންޑިއާގެ ނިމްސް ހޮސްޕިޓަލް ހިންގާ ނޫރުލް އިސްލާމް އެޑިއުކޭޝަނަލް ޓްރަސްޓްގެ 80 ޕަސެންޓް ހިއްސާ އޮންނަ އެންއައިއައިއާ ކުޅުދުއްފުށީ ހޮސްޕިޓަލް ހަވާލުކުރީ 50 އަހަރަށެވެ. ނަމަވެސް ކުންފުނީގެ ދެ ހިއްސާދާރުންގެ މެދުގައި މައްސަލަތައްޖެހ ހޮސްޕިޓަލު ހިންުމުގެ އެއްބަސްވުމުގައިވާގޮތަށް ހިދުމަތް ނުދެވި ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުމާ ދިވެހި ސަރުކާރުން ވަނީ ހަވާލުވެފައެވެ.

ނިމްސް އާއެކު ވެފައިވާ އެއްބަސްވުން އުވާލަން ޖެހިފައިވާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމިންއަބްދުލްގައްޔޫމުވެސް ވަނީ ރިޔާސީ ކެމްޕެއިނުގެ ތެރެއިން ވިދާޅުވެފައެވެ.

https://sun.mv/108562

comment ކޮމެންޓް