އެމެރިކާ އެންމެފަހުން ސީދާ ގޮތެއްގައި ތާލިބާނުންނާ ވާހަކަ ދައްކަނީ

ދަވްޙާ (ޖަނަވަރީ 21) : އެމެރިކާއިން އަފްޣާނިސްތާނަށް ކަނޑައަޅާފައިވާ މަންދޫބު ޒަލްމާއި ޚަލީލް ޒާދުއާ ތާލިބާނުންގެ ވަފްދެއް ބައްދަލުކޮށްފިއެވެ.

ތާލިބާނުންގެ ތަރްޖަމާން ޒަބީހުﷲ މުޖާހިދު ބުނީ އެޖަމާއަތުގެ ވަފްދެއް ޚަލީލް ޒާދު އާ ބައްދަލުކުރީ ގަތަރުގައި ކަމުގައެވެ. ޚަލީލު ޒާދަކީ އަފްޣާން ދަރިކޮޅުގެ އެމެރިކާ ރައްޔިތެކެވެ. އޭނާވަނީ އަފްޣާނިސްތާނުގައި ހުންނަވާ އެމެރިކާގެ ސަފީރުކަމުގެ މަގާމުވެސް އަދާކުރައްވާފައެވެ. ތާލިބާނުން ސުލްޙައިގެ މޭޒު ދޮށަށް ގެނައުމަށްޓަކައި ސަރަހައްދުގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅެއް ޚަލީލް ޒާދު ފެއްޓެވީ މިދިޔަ ހަފްތާގައެވެ.

މި ދަތުރުފުޅުގައި އޭނާވަނީ އަފްޣާނިސްތާނުގެ އިތުރުން ޕާކިސްތާނަށާއި ގަތަރަށް ވަޑައިގެންފައެވެ. ތާލިބާނުންގެ ވަފްދެއްވެސް އާދީއްތަދުވަހު ވަނީ ގަތަރަށް ގޮސްފައެވެ. މީގެ ދެހަފްތާކުރިން ގަތަރުގައި ބޭއްވުމަށް ހަމަޖެހުނު އަފްޣާން ސުލްޙައިގެ ވާހަކަތަކުގައި ބައިވެރިނުވުމަށް އެންމެފަހު ވަގުތު ތާލިބާނުން ނިންމުމުން އެމެރިކާވަނީ ނުރުހުންވެފައެވެ. އެވާހަކަތަކުގައި ބައިވެރި ނުވުމަށް ތާލިބާނުން ދެއްކި އުޒުރަކީ އެވާހަކަތަކުގެ އެޖެންޑާއާމެދު ހިތްހަމަނުޖެހުމެވެ. ނަމަވެސް އެޖެންޑާ އަށް ބަދަލުގެންނަން ތާލިބާނުން އަންގާފައިނުވާ ކަމަށް ގަތަރުން ބުނެފައިވެއެވެ.

އަފްޣާން ސަރުކާރު ބައިވެރިނުކޮށް އެމެރިކާއާއެކު ކުރިޔަށްގެންދަން ރާވާފައިވާ އެވާހަކަތަކުގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން ކުރިން ތާލިބާނުން ދިންނަމަވެސް ފަހުން އެކަން ބަދަލުކުރީ ތާލިބާނުންގެ ތެރޭގައި އުޅޭ ޚިޔާލު ތަފާތުވުމެއްގެ ސަބަބުން ކަމަށް ޚަބަރުތައް ބުނެއެވެ.

ގަތަރުގައި ސުލްޙައިގެ ވާހަކަތައް ބާއްވާގޮތަށް ހަމަޖެއްސީ މިދިޔަމަހުގެ ފަހުކޮޅު ސައޫދީގައި ބޭއްވުމަށް އެއްބަސްވި ސުލްޙައިގެ ވާހަކަތަކަށްވެސް ތާލިބާނުން ހާޒިރު ނުވުމުންނެވެ. އެވާހަކަތަކުގައި ބައިވެރިނުވަން ތާލިބާނުން ނިންމީ އެވާހަކަތަކުގައި އަފްޣާން ސަރުކާރު ބައިވެރިކުރަން ސައޫދީ ސަރުކާރު މަސައްކަތް ކުރަމުން ގެންދާކަމަށްބުނެ ބަހަނާތަކެއް ދެއްކުމަށްފަހުއެވެ.

މީގެކުރިން އަފްޣާން ސުލްހައިގެ ވާހަކަތައް ގަތަރާއި ޕާކިސްތާނުގައި ބާއްވާފައި ވީނަމަވެސް އެވާހަކަތަކަށް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ތާލިބާނުންނަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް އެމެރިކާ ސިފަކުރިނަމަވެސް އެމެރިކާ މިފަހަކަށް އައިސްވަނީ ގޮތްދޫކުރަން މަޖްބޫރުވެގެން ތާލިބާނުންގެ މަންދޫބުންނާއެކު ދެތިން ފަހަރެއްގެ މަތިން ސުލްހައިގެ މޭޒުދޮށުގައި އިށީނދެފައެވެ. ތާލިބާނުންނާއެކު ބޭއްވި އެ ބައްދަލުވުންތަކުގެ ބޭނުމަކީ އަފްޣާން ސަރުކާރާއެކު ސުލްޙައިގެ ވާހަކަތައް ފެށުމަށް ބާރުއެޅުންކަމަށް އެމެރިކާ ބުނެއެވެ. ނަމަވެސް ތާލިބާނުންނަށް އެކަން ވިސްނައި ދިނުމުގައި އެމެރިކާއަށް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

އެމެރިކާއިން ތާލިބާނުންނާ ވާހަކަ ދައްކަން ފަށާފައި މިވަނީ އަސްކަރީ ގޮތުން އެޖަމާއަތް ބަލިކުރުމަށްޓަކައި 17 އަހަރުވަންދެން އެމެރިކާ ކުރިމަސައްކަތް ނާކާމިޔާބުވުމާ ގުޅިގެންނެވެ. އެމެރިކާ އަފްޣާނިސްތާނުން ފައިބާ އިރަށް އެމެރިކާގެ މަދަދުލިބޭ އަފްޣާން ސަރުކާރު ވައްޓާލައި ތާލިބާނުން އަފްޣާން ވެރިކަމަށް އަތްގަދަކުރާނެކަން އެމެރިކާއަށް ކަށަވަރުވާތީ އެމެރިކާ ބޭނުންވަނީ ތާލިބާނުންނާ އެއްބަސްވުމަކަށް އައުމަށާއި ސިޔާސީ ޖަމާއަތަކަށް އެޖަމާއަތް ހެދުމެވެ. ނަމަވެސް އަފްޣާން ހަނގުރާމަ އެމެރިކާއަށް ކާމިޔާބު ނުކުރެވުނު ގޮތަށް ތާލިބާނުންނާ ސުލްހަވުމުގެ މަސައްކަތްވެސް އެމެރިކާއަށް ކާމިޔާބު ނުކުރެވޭނެ ކަމަށާ ތާލިބާނުންނަކީ އެއަށްވުރެ މާ ގޮތްދޫނުކުރާ ހަރުކަށި ބައެއްކަމަށް މުހައްލިލުން ވިދާޅުވެއެވެ. (ރޮއިޓާސް)

comment ކޮމެންޓް