ސްރީލަންކަން އިން އައްޑޫ ސިޓީ ގަމަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލަން ނިންމައިފިއެވެ.
ސްރީލަންކަންގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓު އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ ދަތުރުތައް ހުއްޓާލަނީ ވަގުތީ ގޮތުން ކަމަށެވެ.
"އެކެއް އޭޕްރީލް އިން ފެށިގެން ހުއްޓާލަނީ ވަގުތީ ގޮތުން. ދަތުރުތައް ހުއްޓާލަނީ އެއާލައިން އަށް ބޭނުންވާ ބައެއް ކަންތައް އެއާޕޯޓުން ފުރިހަމަ ނުވާތީ،"
އައްޑޫ ސިޓީ ގަމުން ސްރީލަންކާ އަށް ދަތުރު ފެށިތާ ދެ އަހަރު ވެފައިވާއިރު ފުލް ފްލެޖު އެއާޕޯޓަކުން ލިބެންޖެހޭ ހިދުމަތްތައް ގަން އެއާޕޯޓުން ނުލިބޭކަމަށް ސްރީލަންކަން އިން ބުނާ ކަމަށް ފިރާގު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އިމިގްރޭޝަން އާ ގުޅުން ހުރި ކަންތައްވެސް ދެ އަހަރު ވީ އިރުވެސް ހައްލު ނުވާ ކަމަށް އެއާލައިން އިން ބުނި ކަމަށެވެ.
އެކެއް އޭޕްރީލް އިން ފެށިގެން ޝެޑިއުލް ދަތުރު ނުކުރިނަމަވެސް ސީޒަނަލްކޮށް އައްޑޫ-ލަންކާ ދަތުރުތައް ބޭއްވޭނެ ކަމަށް ފިރާގު ވިދާޅުވިއެވެ.
"މިހާރު މިދަނީ މަޝްވަރާ ކުރަމުން ސަރުކާރާއެކުވެސް [އެއާޕޯޓުގެ] ކަންތައް ހައްލު ކުރެވޭތޯ. އެކެއް އޭޕްރީލް އާ ހަމައަށް އަދި ވަގުތު އެބައޮތް. އަޅުގަނޑުމެން މި ބަލަނީ މައްސަލަ ހައްލުކުރެވި ދަތުރުތައް ބޭއްވޭނެ ގޮތެއް ވޭތޯ،"
ފިރާގު ވިދާޅުވީ ސްރީލަންކަން އަކީވެސް ވިޔަފާރި ކުންފުންޏަކަށް ވެފައި، އެއާލައިނުންވެސް މަސައްކަތް ކުރާނީ ފައިދާ ވާނެ ގޮތަކަށް މަސައްކަތް ކުރުމަށް ކަމަށެވެ. ސްރީލަންކަން އިން އައްޑޫ އަށް ދަތުރު ފެށިއިރު ލިބޭނެ ކަމަށް ބެލި ފައިދާތައް ނުލިބުމަކީވެސް ދަތުރު ހުއްޓަލަން ނިންމި ނިންމުމަކަށް ވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ފްލައިމީ އާއެކުވެސް މަޝްވަރާ ކުރިން [ސްރީލަންކަން] ގެ ފްލައިޓުތަކާ އުތުރުން ބ. އަތޮޅާ މާމިނގިލި ކަނެކްޓު ކުރަން،" ސްރީލަންކަންގެ ކަންބޮޑުވުންތައް އަވަސް މުސްތަގުބަލެއްގައި ހައްލުވެ ދަތުރުތައް ފެށޭނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ފިރާގު ވިދާޅުވިއެވެ.
ސްރީލަންކަން އިން އައްޑޫ ސިޓީ ގަމަށް ދަތުރު ފެށީ 2016 ޑިސެމްބަރުގައެވެ.