ސުއޫދުގެ މައްސަލަ ބަލަނީ ކްރިމިނަލް ކޯޓަށް ލިބިފައިނުވާ ބާރެއް ބޭނުން ކޮށްގެން: ހިސާން

ގާނޫނީ ވަކީލް ހިސާން ހުސައިން ---

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަަލާ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ މައްސަލަ ބަލަނީ ކްރިމިނަލް ކޯޓަށް ލިބިފައި ނުވާ ބާރެއް ބޭނުންކޮށްގެން ކަމަށް މަޝްހޫރު ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަޔަނެއްގައި ބުނެފައިވަނީ ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމާއި ބެހޭ ގަވާއިދުގެ ދަށުން ސުއޫދުގެ މައްސަލައެއް މާދަމާ ތާވަލުކޮށްފައިވާ ކަމަށެވެ. އެއީ އެ ކޯޓުގެ ފަނޑިޔާރުންނާއި ގޭގްތަކާ ގުޅުން އޮންނަ ކަމަށް ބުނެ ސުއޫދު ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.

އެކަމާ ގުޅިގެން 'ސަން' އާ ވާހަަކަ ދައްކަވަމުން ހިސާން ވިދާޅުވީ ކްރިމިނަލް ކޯޓުން ސުއޫދުގެ މައްސަލަބަލަން ނިންމި ނިންމުމަކީ ގާނޫނުއަސާސީން ކޯޓުތަކާއި ފަނޑިޔާރުންނަށް ދީފައިވާ ބާރުގެ ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

"މީހުން ކޯޓަށް ހާޒިރުކޮށް ކޯޓުން އެއްވެސް މީހެއްގެ ތަހުގީގު ހިންގޭނެ ކަމަށްކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. ގާނޫނުއަސާސީގައި ތަސައްރަފު ކޮށްފައި އޮންނަނީ ފަނޑިޔާރުންނަކީ ނިޔާ ކަނޑައަޅާ ބައެއްގެ ގޮތުގައި. އެއީ އެއްވެސް ހާލެއްގައި މައްސަލަ ތަހުގީގުކޮށް އެމައްސަލައާ މެދު ގޮތް ނިންމަވަން ތިއްބަވާ ބޭފުޅުންގެ ގޮތުގައެއް ނޫން." ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ ކޯޓުތަކުގެ ހުރުމަތާއި ބެހޭ މައްސަލަތަކުގައިވެސް ޝަރީއަތުގެ މަޖިލީހެއް ހިނގަމުން ދަނިކޮށް ނިޒާމު ގެއްލޭފަދަ ގޮތަކަށް ނުވަތަ ކޯޓުގެ ހުރުމަތް ގެއްލޭ ފަދަ ގޮތަކަށް އަމަލުކުރާ ފަރާތްތަކާއި މެދު ކޯޓުތަކުން ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ފިޔަވަޅު އެޅިދާނެ ކަމަށެވެ.

އެހެންނަމަވެސް ކޯޓުން ބޭރުގައި ދައްކާ ވާހަކަތަކަކާ ގުޅިގެން މީހުން ކޯޓަށް ހާޒިރުކޮށް ތަހުގީގުކޮށް އެމީހުންނާ މެދު ފިޔަވަޅު އެޅުމަކީ ދުނިޔޭގައި ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އެއްވެސް ގޮތަކަށް ކުރާ ޒާތުގެ އަމަލެއް ނޫން ކަމަށް ހިސާން ވިދާޅުވި އެވެ.

"ހުސްނުއްސުއޫދު އެ ދެއްކެވި ވާހަކައަކީ އެމަނިކުފާނާ ރަސްމީކޮށް ހަވާލުކޮށްފައި އޮތް މަސައްކަތަކާ ގުޅިގެން އެ މަސަކަތުން ލިބިވަޑައިގެންނެވި މައުލޫމާތަށް ބިނާކޮށް ދެއްކެވި ވާހަކަތަކެއް،" ހިސާން ވިދާޅުވި އެވެ.

ސުއޫދު ދެއްކެވި ވާހަކަތަކާ ގުޅިގެން ޖުޑިޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރުންގެ މައްސަލަތައް ބަލަމުންދާ ކަން ފާހަގަކޮށް ހިސާން ވިދާޅުވީ އެމައްސަލަތައް ރައްދުވާ ފަނޑިޔާރުން ސުއޫދުގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ހިސާން ވިދާޅުވީ ގޭންގުތަކާއި ފަނޑިޔާރުންނާ ގުޅުން އޮންނަ ކަމަށް ސުއޫދު ވިދާޅުވެ ދެއްކެވި ވާހަކަތަކަކީ ސީރިއަސް ވާހަކަތަކެއް ކަން ވިސްނާލީމާވެސް އެނގޭ ކަމަށެވެ.

"އެވާނީ އެބޭފުޅުންނަށް [ކްރިމިނަލް] ކޯޓަށް ލިބިވަޑައިގެންފައި ނެތް ބާރެއް. އަދި ހަމަ އެއާއެކު ނާޖާއިޒުގޮތުގައި ބާރެއް ބޭނުން ކުރައްވައިގެން އެމައްސަލައަށް ނުފޫޒު ފޯރުވުން ކަމަށް،" ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ ޖޭއެސްސީއިން ފަނޑިޔާރުންގެ މައްސަލަ ބަލަން ނިންމި ނިންމުން ބަލައިގަންނަ ކަމަށެވެ.

ސުއޫދުވަނީ ކޯޓުގެ ހުރުމަތާއި ކަރާމާތާއި ހައިބަތު ނަގާލާފައި ކަމަށާއި ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުން ބަދުނާމުވާގޮތަށް މީޑިއާ އަށް މައުލޫމާތު ދީފައި ކަމަށްވެސް ކޯޓުން ނެރުނު ބަޔާނުގައި ބުންޏެވެ.

https://sun.mv/114322

ސުއޫދުގެ މައްސަލަ މާދަމާ ދޭތް ޖަހާއިރަށް ތާވަލުކޮށްފައިވާއިރު އެ މައްސަލަ ބަލަނީ "ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމުގެ ގަވައިދު"ގެ ފަސްވަނަ މާއްދާގެ (ށ) ގެ ދަށުން ފަސް ގާޒިންގެ ބެންޗެއް އެކުލަވާލައިގެން ކަމަށްވެސް ކްރިމިނަލް ކޯޓުން ބުނެފައި ވެއެވެ.

ފަނޑިޔާރުންނާއި ގޭންގްތަކާ ގުޅުވައި ދެއްކެވި ވާހަކަތަކާ ގުޅިގެން މީގެ ކުރިން ސުއޫދު ވަނީ ޖޭއެސްސީ އަށްވެސް ހާޒިރު ކޮށްފައެވެ.

އެ ވާހަތަކާ ގުޅިގެން މައްސަލަ ބެލުމަށް ޖޭއެސްސީން ވަނީ ކޮމިޓީއެއް ވެސް އެކުލަވާލައިފަ އެވެ. އެ ކޮމިޓީ ޗެއާ ކުރައްވަނީ ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ކަމަށް ޖޭއެސްސީއިން ވަނީ ބުނެފަ އެވެ.

ގޭންގްތަކާއި ފަނޑިޔާރުންނާ ގުޅުން އޮންނަ ކަމަށް ސުއޫދު ވިދާޅުވީ ކްރިމިނަލް ކޯޓުގައި މިހާރު ތިބި ފަނޑިޔާރުން މަގާމުގައި ބައިތިއްބައިގެން އިންސާފު ލިބިދާނެ ކަމުގެ އުންމީދެއް ނެތް ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

ސުއޫދު ވިދާޅުވީ، ބައެއް މައްސަލަތަކުގައި ކޯޓުގެ މުވައްޒަފުންނާއި ފަނޑިޔާރުން ވެސް ޝާހިމިލުވެގެން ބައެއް މީހުން ދޫކުރާ ކަމާއި މައްސަލަތައް ވަކި ބައެއްގެ މައްޗަށް ސާބިތު ނުކުރާކަން ފާހަގަ ކުރެވުނު ކަމަށެވެ.

"ގޭންގުތަކުގެ ނުފޫޒު ފަނޑިޔާރުގެ މައްޗަށް ފޯރާފައި އެބަ ހުރި. ހެކިން ހާޒިރު ކޮށްފައި ތިއްބާ ގޭންގުތަކުން ނުފޫޒު ފޯރުވާފައި އެބަ ހުރި. ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައި އެބަ ހުރި. އަނެއްކާ ފަނޑިޔާރުންގެ ސެކިއުރިޓީއަށް ގޭންގުތައް ބޭނުންކޮށްފައި އެބަ ހުރި،"

comment ކޮމެންޓް