ލަންކާގައި އުޅޭ ދިވެހިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދޭނަން: ސަފީރު

ނައިބު ރައިސް އާއި ސަފީރު ބައްދަލު ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ސްރީލަންކާގައި އުޅޭ ދިވެހިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދޭން މަސައްކަތް ކުރާނެކަމަށް ރާއްޖެއިން ލަންކާ އަށް ކަނޑައެޅި އާ ސަފީރު އުމަރު އަބްދުއްރައްޒާގު ވިދާޅުވެއްޖެ އެވެ.

ސަފީރު މިފަދައިން ވިދާޅުވީ ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހަށް މިއަދު ކުރެއްވި ޒިޔާރަތުގައެވެ. މިއަދުގެ ބައްދަލުވުމުގައި ސަފީރު ވިދާޅުވީ އެމަނިކުފާނުގެ ސަފީރުކަމޖުގެ ދައުރުގައި ރާއްޖެއާއި ލަންކާ އާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމަށް އިތުރަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ންކާގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯއްދަވައި ދެއްވުމަށާއި، ޚާއްޞަކޮށް ވިސާ ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށާއި މީގެއިތުރުންވެސް ދިވެހީން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އިން ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާކޮށް، ދެގައުމުގެ ދެމެދު އޮންނަ ސިޔާސީ ގުޅުން ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ފަތުރުވެރިކަމުގެ ދާއިރާއިންނާއި ވިޔަފާރީގެ ދާއިރާއިން ދެޤައުމު ގުޅިގެން ފައިދާވާނެގޮތަކަށް މަސައްކަތް ކުރުމަށް ވެސް މަޝްވަރާ ކުރައްވައިފައެވެ.

ރާއްޖެއިން ލަންކާ އަށް ކަނޑައެޅި އާ ސަފީރަށް ސަފީރުކަމުގެ ފަތްކޮޅު އެރުއްވީ އިއްޔެ އެވެ.

comment ކޮމެންޓް