މަޖިލިސް ހުޅުވާ ދުވަހަކީ ބަންދު ދުވަހެއް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: މަޖިލިސް މިއަހަރަށް ފަށާ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައި --- ފޮޓޯ/ މަޖިލިސް

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ރަސްމީކޮށް ހުޅުވާ، ދުވަހަކީ ބަންދު ދުވަހެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކަނޑައަޅުއްވައިފި އެވެ.

މަޖިލިސް މި އަހަރަށް ހުޅުއްވަނީ ހަތެއް ފެބްރުއަރީގަ އެވެ.

ރައީސް ސޯލިހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަޖިލިސް ހުޅުވާ ދުވަސް ރައީސް ސޯލިހް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ކަމަށެވެ.

މިއަންނަ މަހު ހަތް ވަނަ ދުވަހު މަޖިލިސް ހުޅުވާ އިރު ރައީސް ސޯލިހްގެ ފުރަތަމަ ރިޔާސީ ބަޔާން އެ ދުވަހު އިއްވާނެ އެވެ.

މިޖިލިސް ޗުއްޓީ އަށް ދިޔައީ ދައުރު ދިގު ދެމުމަށް ފަހު، މިދިޔަ މަހު 15 ވަނަ ދުވަހު އެވެ. ދައުރު ދިގު ކުރި ނަމަވެސް މަޖިލިސް ޗުއްޓީ އަށް ދިޔަ އިރު ސަރުކާރުން ފާސްކުރަން ބޭނުންވި މުހުންމު ބިލްތަކެއް ވަނީ ފާސް ނުވެފަ އެވެ.

ސަރުކާރު ކޯލިޝަން އިން ވަނީ މަޖިލިސް ޗުއްޓީގައި ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް މަޝްވާރާކޮށްފަ އެވެ. ނަމަވެސް އެކަމަށް އަމަލީ ސިފައެއް އައިސްފައެއް ނުވެ އެވެ.

މަޖިލިސް މި އަހަރަށް ފަށާ ރަސްމީ ތާރީހަކީ މިހާރު އޮތް ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ 2008 ވަނަ އަހަރު އުފެެދުނު ސަރުކާރު ނިމުމަކަށް އައި ދުވަހެވެ.

comment ކޮމެންޓް