އިއްޔެއަކީ އާދަޔާ ހިލާފަށް ގިނަ ހާދިސާތަކެއް ހިނގި ދުވަހެއް!

ބެލްކަނީގެ ފާރުން ބައެއް ވެއްޓުނު ގެ -- ސަން ފޮޓޯ: އަހުމަދު އަވުޝަން އިލްޔާސް

އިއްޔެ އަކީ އެހެން ދުވަސްތަކާ ހިލާފަށް ނޫސްވެރިންނަށް ހަބަރުތަކުން ބާރު ބޮޑުވި ދުވަހެކެވެ. މުޅިން ވެސް ހިތާމަވެރި ހާދިސާތަކެވެ. އެހެން ދުވަސްތަކާ ހިލާފަށް ފުލުފުލުގައި "ބްރޭކިން ނިއުސް" ރާއްޖޭގެ އެކި ކަންކޮޅުތަކުން އައި ދުވަހެކެވެ.

އިއްޔެ ހެނދުނު އިރު އަރައިގެން އައީ ހޮނިހިރު ދުވަހުގެ ރޭ ސެނަހިޔާ ކައިރިން ހާލު ސީޔަސްވި ދެ ކުދިންގެ ތެރެއިން އެކަކު އަދި ވެސް ހާލު ސީރިޔަސްކަމަށް ލިބުނު ހަބަރުންނެވެ. މި ހާދިސާގައި ތިން މީހަކަށް ވަނީ އަނިޔާވެފަ އެވެ.

އެކްސިޑެންޓުގައި އަނިޔާވި ތިން މީހުން ވެސް ފަރުވާ ދިނުމަށް ފުރަތަމަ ގެންގޮސްފައި ވަނީ އައިޖީއެމްއެޗަށެވެ. އައިޖީއެމްއެޗުން ބުނީ އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންގެ ތެރެއިން ދެމީހުންގެ ހާލު ރަނގަޅު ކަމަށާއި ނަމަވެސް އަކަކުގެ ހާލު ސީރިޔަސް ކަމަށެވެ.

https://www.sun.mv/114235

އެއްލައްކަ އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ފުރަ މާލޭއިން ދެ "ބްރޭކިން ނިއުސް" އައި އިރު މާލެއާ ފާލަމަކުން ގުޅުވާލައިފައިވާ ހުޅުމާލެ އިން ވަނީ ތިން "ބްރޭކިން ނިއުސް" އައިސްފަ އެވެ.

އާޓިފިޝަލް ބީޗު ސަރަހައްދުގައި ފޮރުވާފައި ހުރި ތޫނު ހަތިޔާރުތަކެއް ފުލުހުން އިއްޔެ ހޯދާފައިވާ އިރު، ތ. އަތޮޅު ހިރިލަންދޫ އިން ވެސް ފުލުހުން ވަނީ ތޫނުކޮށްފައިވާ ކަނޑިތަކެއް ހޯދައިފަ އެވެ.

ހުޅުމާލެ އިން ދެ މަރު!

ހުޅުމާލެ އިން އިއްޔެ ދެ މީހެއްގެ މަރުގެ ހަބަރުން ގިނަ މީހުންނަށް ސިހުން ގެނުވި އެވެ.

ހުޅުމާލެއިން މަރުވި ފުރަތަމަ މީހާ ފެނިފައި ވަނީ، ރޯހައުސް ޓެރެސް މަތީ މަރުވެފައި އޮއްވަ އެވެ. އަށްޑިހަ އަހަރުގެ އެ ފިރިހެން މީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައީ މެންދުރު 13:10 ހާއިރު އެވެ. ހޮސްޕިޓަލުން ބުނީ، އޭނާ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނާން ނެތް ކަމަށާއި ހޮސްޕިޓަލަށް ގެނައި އިރު ވެސް މަރުވެފައިވާ ކަމަށެވެ.

https://www.sun.mv/114250

ހުޅުމާލެއިން މަރުވި ދެ ވަނަ މީހާ އަކީ 38 އަަހަރުގެ ބަންގްލަދޭޝް ރައްޔިތެކެވެ. އޭނާ މަރުވެފައި އޮއްވައި ފެނިފައި ވަނީ ކޮންތާކުން ކަމެއް ސާފެއް ނުވެ އެވެ. ފުލުހުން ބުނީ އޭނާ މަރުވެގެން ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މެންދުރު 2:00 އެހާކަންހާއިރު ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށެވެ. އެ ބިދޭސީ މީހާގެ ހަށިގަނޑުގެ ބޭރުފުށުން ވެސް އެއްވެސް ކަހަލަ އަނިޔާގެ ނިޝާނެއް ފެންނަން ނެތް ކަމަށް ފުލުހުން މައުލޫމަތުދެ އެވެ.

ހުޅުމާލެ އިން ކައިރި ކައިރީ ގޮތް ނޭނގޭ ދެ މަރެއް އައިސްފައިވާ އިރު، އިއްޔެ ހެނދުނު ހުޅުމާލޭ މީހެއްގެ މޫނަށް ސްޕްރޭ ޖަހައި ފައިސާތަކެއް ވަނީ ފޭރިގެންފަ އެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ހެނދުނު 11:47ގަ އެވެ. ފުލުހުން ބުނީ ފިއުލް ސަޕްލައި އިން އިސްލާމިކް ބޭންކަށް ޖަމާކުރަން ގެންދިޔަ ފައިސާތަކެއް ހިފައިގެން ދިޔަ މީހާގެ މޫނަށް ދެ މީހަކު އައިސް، ސްޕްރޭ ޖަހައި ފޭރިގަތް މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް ފޭރިގެންފައި ވަނީ ކިހާ އަދަދެއްގެ ފައިސާ ކަމެއް ފުލުހުން ނުބުނެ އެވެ.

https://www.sun.mv/114259

މާލޭގައި 14 އަހަރުގެ ކުއްޖަކު އިމާރާތަކުން ވެއްޓި އަނިޔާވުން!

މާލޭ ގެއެއްގެ ފަސް ވަނަ ބުރީ ފުރާޅެއް މަތިން 14 އަހަރުގެ ކުޑަ ކުއްޖަކު ވެއްޓި އައިސީޔޫގައި ފަރުވާދެމުންދާ ކަމުގެ ހަބަރުތައް ނޫސްތަކުގައި ޖެހުމުން އާންމުންނަށް ކުއްލި ސިހުމެއް ލިބިގެން ދިޔަވެ. ނަމަވެސް މީހާރު އެކުއްޖާ ސްޓޭބަލް ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.

https://www.sun.mv/114252

ސާފާރީއެއްގައި އެއްޗެއް ގޮވުން، އެއް ފަތުރުވެރިޔަކު މަރުވެ އަނެއް ފަތުރުވެރިޔާ ގެނބުން!

މި ތިން ހާދިސާ ވެސް ހިނގީ ރާއްޖޭގެ ތިން ސަރަހައްދެއްގަ އެވެ.

ސަފާރީއެއްގައި އެެއްޗެއް ގޮވައ،ި ދެ މީހަކު ވަރަށް ބޮޑަށް ފިހިގެން ދިޔައީ މީރު އައިލެންޑް ރިސޯޓް އެންޑް ސްޕާ ފަޅު ތެރޭ އޮތް ސަފާރީ ތެރޭގަ އެވެ. ހެނދުނު 11:45 އެހާކަންހާ އިރު ހިނގި އެ ހާދިސާގައި ދިވެއްސަކާއި ސްރީލަންކާގެ ރައްޔިތައްގެ މޫނާއި ބަނޑު ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެމީހުންނަށް ޓްރީޓޮޕް ހޮސްޕިޓަލުން ވަނީ ފަރުވާ ދީދަ އެވެ.

އދ. މުށިމަސްމިގިލި ސަރަހައްދު ކައިރީގައި އޮތް ސަފާރީއެއްގައި ފީނަން ގޮސް އުޅުނު ރަޝީއާއަށް ނިސްބަތްވާ ފަތުރުވެރިޔަކު ވަނީ މަރުވެފަ އެވެ. އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ އިއްޔެ އިރު އޮއްސި 6:00 ހާއިރު އެވެ.

https://www.sun.mv/114270

ފަތުރުވެރިޔަކު އިއްޔެ މަރުވެފައިވާ އިރު، ތުލުސްދޫގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ގެނބިގެން ހާލު ސީރިޔަސްވެ އެ ރަށު ހެލްތު ސެންޓަރުން ވަނީ ފަރުވާ ދީފަ އެވެ. ފަހުން އޭނާ ގެ ހާލު ވަނީ ރަނގަޅުވެފަ އެވެ.

މީއީ ރާއްޖޭގައި އެންމެ ދުވަހެއްގެ މައްޗަށް ހިނގި ބަޔެއް ހަބަރުތަކުގެ ކުރު ހުލާސާއެކެެވެ. މީގެ އިތުރުން ވެސް އެހެނިހެން ބަޔެއް ކަންތައްތަކެއް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިނގައިފަ އެވެ. ކޮންމެ އަކަސް 20 ޖެނުއަރީ އަކީ ރެކޯޑް އަދަދަކަށް ފާހަގަ ކޮށްލެވޭ ގިނަ ކަންތަައްތަކެއް ނޫސްވެރިން ރައްޔިތުންނާ ހަމައަށް ތިލަކޮށްދިން ދުވަހަކަށެވެ.

comment ކޮމެންޓް