ދެގައުމަކުން ރާއްޖެއަށް ކަނޑައެޅި ސަފީރުން ރައީސަށް ފަތްކޮޅު އަރުވައިފި

އަޒަރުބައިޖާނުން ރާއްޖެއަށް ކަނޑައެޅި ސަރީރު ފަތްކޮޅު އެރުއްވުން -- ފޮޓޯ: ރައީސް އޮފީސް

ދެ ގައުމަކުން ރާއްޖެއަށް ކަނޑައެޅި ސަފީރުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.

ރައީސަށް ފަތްކޮޅު އެރުއްވީ އަޒަރުބައިޖާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޑރ. އަޝްރަފް ފަރްހާދް ޝިޚަލިޔޭވް އާއި ފިންލެންޑު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވި ސަފީރު މރ. ހެރީ ކަމަރަނެން އެވެ.

ރައީސް ވަނީ ދެ ސަފީރުންގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާ އެ ގައުމުތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.

އަޒަރު ބައިޖާން ސަފީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ސަފީރު ވަނީ އަޒަރުބައިޖާނުން ރާއްޖެއަށް ދޭ ސްކޯލާޝިޕްގެ ފުރުސަތުގައި މަތީ ތަޢުލީމު ހާސިލުކުރަމުން ގެންދާ ރާއްޖޭގެ ދަރިވަރުންނާ ބެހޭގޮތުން އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވައިފައެވެ. އަދި އެމަނިކުފާނު ވަނީ އެގައުމުން ތައުލީމު ހާސިލުކުރުމަށް ބޭނުންވާ އިތުރު ދަރިވަރުންނަށް ހިތްވަރުދެއްވައި އެގައުމުގެ ސިޔާސީ އެކަޑަމީ އެއްކަމުގައިވާ އޭޑީއޭ ޔުނިވާސިޓީއިން ތައުލީމު ހާސިލްކުރުމަށް ބާރުއަޅުއްވައި ވާހަކަ ދައްކަވައިފައެވެ.

ފިންލޭންޑުން ރާއްޖެއަށް ކަނޑައެޅި ސަރީރު ފަތްކޮޅު އެރުއްވުން -- ފޮޓޯ: ރައީސް އޮފީސް

ފިންލެންޑު ސަފީރު ވިދާޅުވީ ފިންލޭންޑްގެ ތައުލީމީ ނިޒާމަކީ އެންމެންވެސް ބަލައިގަންނަ ފެންވަރުރަނގަޅު ނިޒާމެއްކަމަށާއި އެފަދަ ތަޢުލީމީ ނިޒާމެއް ރާއްޖޭގައި ޤާއިމުކުރުމަށް އެހީތެރިވެދިނުމަށް ތައްޔާރަށްއޮތްކަމަށެވެ. އަދި ތިމާވެއްޓާ ރައްޓެހި ސާފު ޓެކްނޮލޮޖީއާއި ސިއްހީ ހިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ތައްޔާރަށް އޮތްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް