ލާދީނީ ވާހަކަތައް ފުލުހުން ނުހުއްޓުވާ ނަމަ އެކަމުގެ ފަހަތުގައި ނުފޫޒު ގަދަ ބަޔަކު ވޭ: ޑރ. ޖަމީލް

ޑރ. ޖަމީލް: ލާދީނީ ވާހަކަތައް ފުލުހުން ނުހުއްޓުވާނަމަ އެކަމުގެ ފަހަތުގައި ނުފޫޒު ގަދަ ބަޔަކު ވާނެ ކަމަށް ބެލެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ފާޅުގައި ކީރިތި ރަސޫލާއަށް ނިސްބަތްކޮށް ލާދީނީ ވާހަކަތައް ބައެއް ފަރާތްތަކުން ދައްކަމުންދާއިރު ފުލުހުން އެކަމަށް ފިޔަވަޅު ނާޅާ ނަމަ އެއީ ނުފޫޒު ގަދަ ބަޔަކު ކުރުވާ ކަމަކަށް ބެލެވޭނެ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. ޖަމީލް ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކީރިތި ރަސޫލާއަށް ނިސްބަތްކޮށް ލާދާނީ ވާހަކަތައް ބައެއް ފަރާތްތަކުން ދައްކަމުންދާ ކަމަށާއި އެކަމަށް ފުލުހުން އެކަށީގެންވާ ފިޔަވަޅުނާޅާތީ ހިތާމަ ކުރާ ކަމަށެވެ.

"ނަންބަރު 6/94 ގާނޫނު ގެ ދަށުން ފިޔަވަޅު ނާޅާ ނަމަ މިއީ ނުފޫޒް ގަދަ ބަޔަކު ކުރުވާ ކަމަކަށް ބެލެވޭނެ،" ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރެއްގެ ގޮތުގައި ވެސް ހުންނެވި ޑރ. ޖަމީލް ވިދާޅުވި އެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔާތް ކުރުމުގެ ގާނޫނުގައި ބުނާ ގޮތުން، ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި މީހުންގެ މެދުގައި ދީނީ ގޮތުން ހިލާފް އުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި އެފަދަ ގޮތްގޮތައް އަމަލު ކުރުމަކީ އަދި ކުރަން އުޅުމަކީ ވެސް މަނާ ކަމެއް ކަމަށެވެ.

އެ ގާނޫނާ ހިލާފަށް އަމަލުކޮށްފި މީހެއްގެ އަދަބަކީ ކަމުގެ ކުޑަބޮޑު މިނަށް ބަލައި ދެ އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ނުވަތަ ގޭގައި ބަންދު ކުރުމެވެ.

މިފަހަކަށް އައިސް މީސް މީޑިއާގައި އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބައެއް ދިވެހިން އަންނަނީ ޕޯސްޓްތައް ކުރަމުންނެވެ. އަދި އެފަދަ ފަރާތްތަކަށް ބައެއް ފަރާތުން އެކި ކަހަލަ އިންޒާރުތައް ވެސް އަންނަނީ ދެމުންނެވެ.

އިސްލާމް ދީނަށް ފުރައްސާރަ ކުރާ ފަރާތްތަކާއި، އެފަދަ މީހުންނަށް ގެއްލުން ދިނުމަށް ގޮވާލާ ފަރާތްތަކާ މެދުވެސް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފަ އެވެ.

comment ކޮމެންޓް