ލަންޑަން ޑާބީގައި ޗެލްސީގެ މައްޗަށް އާސެނަލްއިން ކުރި ހޯދައިފި

އާސެނަލްގެ ކެޕްޓަން ލޮރެންޓް ކޮޝައިލްނީ -- ޑޮމް ފެރަލް

ރޭ ލަންޑަން ޑާބީގައި ޗެލްސީ ބަލިކޮށް އާސެންނަލް އިން ގަދަ ހަތަރަކަށް އެރުމުގެ އުންމީދު އާ ކޮށްފިއެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅެވުނު މި މެޗުން 0-2 ގެ ނަތީޖާއަކުން ޗެލްސީގެ މައްޗަށް އާސެނަލް ވަނީ ކުރި ހޯދާފައެވެ. މި ދެ ޓީމުގެ ކުރިމަތި ލުމަކީ "ލަންޑަން ޑާބީ" ގެ ނަމުން މަޝްހޫރު ވެފައިވާ އިނގިރޭސި ވިލާތުގެ ފުޓުބޯޅައިގެ އެންމެ ފޯރިގަދަ އެއް މެޗެވެ.

އާސެނަލްގެ ކެޕްޓަން ލޮރެންޓް ކޮޝައިލްނީ -- ޑޮމް ފެރަލް

މެޗު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް ފެނުނީ އަވަސް އެޓޭކިން ކުޅުމެކެވެ. ނަމަވެސް ގިނަ ހަމަލާތަކެއް އުފައްދާ އާސެންލްއިން ވަނީ މެޗުުގެ ކުރީ ކޮޅު ލީޑު ނަގާފައެވެ. މިގޯލް އެ ޓީމަށް މެޗުގެ 14 ވަނަ މިނަޓުގައި ޖަހައިދިނީ އެލެކްސްއެންޑަރ ލަކަޒެޓްއެވެ.

ޗެލްސީއިން ރައްދުގާ ޓީމު ކުރިއަށް ޖައްސައިގެން ކުޅެވޭތޯ މަސައްކަތް ކުރި ނަމަވެސް އާސެންލް އިން އިތުރަށް ހުޝިޔާރު ކަމާއި އެކު ކުޅެ ގޯލެއްޖަހާ މެޗުގެ އޮއެވަރު މުޅިން ބަދަލު ކޮށްލިއެވެ. ސޮކްރަޓިސް ނަގައިދިން ހުރަހަކުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލީ އާސެނަލްގެ ކެޕްޓަން ލޮރެންޓް ކޮޝައިލްނީއެވެ.

މި ގޯލަށް ފަހުވެސް އާސެނަލަށް ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބިފައިވެއެވެ. ނަމަވެސް ޗެލްސީގެ ފަރާތުން ބަދަލުގައި މާ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

މި މޮޅާ އެކު އާސެނަލްއަށް އަނެއްކާވެސް ގަދަ ހަތަރަކަށް އެރުމުގެ އުންމީދު ވަނީ އާ ވެގެން ގޮސް ފައެވެ. މިވަގުތު ފަސް ވަނައިގައި އޮތް އާސެނަލް އަށް ލިބިފައިވަނީ 23 މެޗު ކުޅެ 44 ޕޮއިންޓެވެ. ހަތަރު ވަނައިގައި އޮތް ޗެލްސީއަށް 47 ލިބިފައިވެއެވެ.

ނަމަވެސް އާސެނެލްގެ ފަހަތުގައި އޮތް މެންޗެސްޓރ ޔުނައިޓެޑް އިން ވަނީ ޕޮއިންޓުގެ ގޮތުން އާސެންލްއާއި އެއްވަރުކޮށް ގަދަ ހަތަރަކަށް އެރުމުގެ ފޯރި އިތުރަށް ގަދަ ކޮށްފައެވެ.

މި ރޭ ވެެސް އިނގިރޭސި ޕޮރިމިއާ ލީގުގައި ވަރުގަދަ މެޗުތަކެއް ކުޅެވޭނެއެވެ. އެގޮތުން ފުލްހަމް އާއި ޓޮޓެންހާމް ބައްދަލު ކުރާ މެޗާއި ހަދާސްފީލްޑް އަދި މެންޗެސްޓާ ސިޓީ ބައްދަލު ކުރާ މެޗު ފާހަގަ ކޮށްލެވެއެވެ.

comment ކޮމެންޓް