މޯދީ އިންޑިއާގެ އަވަށަކަށް ކުރައްވާ ޒިޔާރަތާ ދިމާކޮށް 1000 ގަސް ކަނޑާލައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ -- ފޮޓޯ: އެންޑީޓީވީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެގައުމުގެ ސްޓޭޓެއް ކަމަށްވާ އޮޑީޝާގެ އަވަށަކަށް ކުރައްވާ ޒިޔާރަތަކާ ދިމާކޮށް 1000 ގަސް ކަނޑާލި މައްސަލަ ވަރަށް ބޮޑަށް ހޫނު ވެއްޖެއެވެ.

އެ ގަސްތައް ކަނޑާފައިވަނީ މޯދީ އެ އަވަށަށް ވަޑައިގަންނަވާއިރު އޭނާ ބޭނުންކުރައްވާ ހެލިކޮޕްޓަރު ޖެއްސުމަށް ހަދާތަން ހެދުމުގެ ގޮތުންނެެވެ.

ގަސްތައް ކެނޑި ސަރަހައްދަކީ 2016 ވަނަ އަހަރު ގަސް ހެއްދުމުގެ ޕްރޮގްރާމެއްވެސް ހިންގައިފައިވާ ސަރަހައްދެކެވެ. އެގޮތުން 2.25 ހެކްޓަރުގެ ސަރަހައްދެއްގައި ވަނީި ގަސްތައް ހައްދައިފައެވެ. ހެލިޕޭޑް ހަދުމަށްޓަކައި ގަސްތައް ކަނޑައި 1.25 ހެކްޓަރުގެ ސަރަހައްދެއް ވަނީ ސާފުކޮށްފައެވެ.

ތިމާވެށީގެ ހައްގުގައި މަސައްކަތް ކުރާ އިންޑިއާގެ އެކްޓިވިސްޓެއް ކަމަށްވާ ބިސްވަޖިތު މޯހަންތީ ވިދާޅުވީ ޕްރޮގްރާމެއްގެ ދަށުން ގަސް އިންދާފައި ހުރި ސަރަހައްދަކަުން ކިތަންމެ ކުޑަ ގަހެއް ކަނޑާލިނަމަވެސް އެކަމަށް ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ.

އެ މައްސަލަ ހޫނުވުމުން އިންޑިއާގެ ފޮރެސްޓް ޑިޕާޓްމަންޓުން ކުރި ތަހުގީގުތަކަކަށް ފަހު ބުނީ އެ ތަނުން ގަސްތައް ކެނޑުމަށް އެއްވެސް ވަރަަކަށް ހުއްދަ ނަގައިފައި ނުވާ ކަމަށެވެ. އެ ޑިޕާޓްމަންޓުން ބުނީ ގަސްތައް ކެނޑިއިރު ހަތަރު ފޫޓާ ހަތް ފޫޓާ ދެމެދުގެ ގަސްތައްވެސް ކަނޑާފައިވާ ކަމަށެވެ. އަދި ކެނޑި ގަސްތަކުގެ އަދަދު 1000 -1200 އާ ދެމެދުގެ އަދަދަކަށް އަރާނެ ކަމަށްވެސް އެ ޑިޕާޓްމަންޓުން ބުންޏެވެ.

މަސްދަރު: އިންޑިއާ ޓައިމްސް

comment ކޮމެންޓް