މިދައުރުގައި ކޮށްދެއްވުނު ހިދުމަތްތަކާ އެކު މަޖިލީސް 19އަށް ނުކުންނަވަން މައުރޫފް ނިންމަވައިފި

މައުރޫފު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ -- ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނަވައިގެން ކެނދިކުޅުދޫ ދާއިރާ އަށް މި ދައުރުގައި ކޮށްދެއްވުނު ހިދުމަތްތަކާ އެކު މަޖިލީސް 19ގައި އެ ދާއިރާ އަށް އަލުން ވާދަކުރެއްވުމަށް އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު ނިންމަވައިފި އެވެ.

މައުރޫފު މިއަދު ސަން އަށް ވިދާޅުވީ، 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކެނދިކުޅުދޫ، މާޅޭންދޫ، ހެބަދޫ، އަދި ކުޑަފަރި ހިމެނޭ ދާއިރާ އަށް ސަރުކާރާއި އަދި އޭނާ އަމިއްލަ ގޮތުން ކޮށްދެއްވުނު ކަންތައްތަކާ ދޭތެރޭ ފަހުރުވެރިވާ ކަމަށެވެ. އަދި ވިދާޅުވީ "މަޖިލީސް 19" އަށް ކުރިމަތިލެއްވުމަށް ނިންމެވީ ވެސް ދާއިރާގެ ރައްޔިޔުންގެ ކުރިއެރުމާއި ތަރައްގީ އިތުރު ހަރުފަތަކަށް ގެންދެވުމަށް މަސައްކަތްކޮށްދެއްވުމުގެ ގަދަ ހިއްވަރާއި އަޒުމާ އެކު ކަމަށެވެ.

"އަޅުގަނޑު ފަހުރުވެރިވޭ މި ދައުރުގައި ކެނދިކުޅުދޫ ދާއިރާގެ ވަކި ރަށެއް އިސްތިސްނާނުކޮށް ކޮށްދެވުނު ހިދުމަތްތާ ދޭތެރޭ، އިރާދަކުރެއްވިއްޔާ އަންނަ ދައުރުގައި ވެސް ރައްޔިތުން އަޅުގަނޑަށް އެ ފުރުސަތު ދެއްވައިފި ނަމަ، އެ ކުރިއެރުން އިތުރު ހަރުފަތަކަށް ގެންދިއުމަށް މަސައްކަތް ކުރާނަން،" މައުރޫފު ވިދާޅުވި އެވެ.

ސަރުކާރުގެ ތެރެއިން ދާއިރާގެ ރައްޔިތުންނާއި ރަށްތަކަށް ކޮށްދެއްވި ކަންކަމުގެ އިތުރަށް ފަރުދީ ގޮތުން ވެސް ދާއިރާގެ މީހުންނަށް އެތައް ގޮތަކަކުން އެހީތެރިވެދެއްވުނުކަން އުފަލާ އެކު ފާހަގަ ކުރައްވާ ކަމަށް މައުރޫފު ވިދާޅުވި އެވެ. އެގޮތުން މައުރޫފު އިންތިހާބުވީ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ދާއިރާގެ މީހުންގެ ޒަރޫރީ ބޭނުންތަކުގަޔާއި ބޭސްފަރުވާ އަށް މާލޭގައި ތިބުމަށް ހަތަރު ކޮޓަރީގެ ސާވިސް އެޕާޓްމެންޓެއް ކުށްޔަށް ހިފައި، ދަނީ ހިދުމަތް ދެއްވަމުންނެވެ. އެތަނުގެ ފެނާއި ކަރަންޓާއި އެ ނޫން ވެސް އެފަދަ އަސާސީ ހިދުމަތްތައް ފޯރުކޮށްދެނީ ވެސް މައުރޫފެވެ.

ކެނދިކުޅުދޫ، މާޅޭންދޫ، ހެބަދޫ، އަދި ކުޑަފަރި ހިމެނޭ ދާއިރާގެ ރައްޔިތުން މާލޭގައި ތިބުމަށް ހުންނަ ހަތަރު ކޮޓަރީގެ ސާވިސް އެޕާޓްމަންޓް --

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފްޓްބޯޅަ މުބާރާތް، ޝިޔާމް މައުރޫފު ޝޮކާ ކަޕަކީ ވެސް މައުރޫފުގެ ކެމްޕެއިން ވައުދެއްގެ ގޮތުގައި 2014 ވަނަ އަހަރު ފެއްޓި މުބާރާތެކެވެ. އެ މުބާރާތަށް ފުރަތަމަ ކިޔީ ވެސް "މައުރޫޕް އިންވިޓޭޝަނަލް ޝޮކާ ކަޕް" އެވެ. އެއްލައްކަ ރުފިޔާ އިން ފެށި މުބާރާތުގެ އަގު މިހާރު ވަނީ 600،000 ރުފިޔާ އަށް އަގުބޮޑުކޮށް މުޅި އަތޮޅަށް ހުޅުވާލައިފަ އެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕް 2017ގެ ޗެމްޕިއަން މިލަދޫ: -- ސަން ފޮޓޯ/ ޝާން

މައުރޫފު ވިދާޅުވީ އެ މުބާތުގެ ސަބަބުން އަތޮޅުގެ ކުށުގެ ވެއްޓަށް ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށާއި އަދި ދާއިރާ އާއި އަތޮޅުގެ އިޖުތިމާއީ ގުޅުން ރަނގަޅުވެ، އިގުތިސާދަށް ވެސް އެކަމުގެ ހެޔޮ އަސަރުކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް