ތަންކޮޅެއް ދުރުން އިޒިއަންގެ ރައްޓެއްސެއް އޭނާގެ ލޮލުގައި އަޅައިގަތުމާއެކު އަނާލް ގާތު މަޑުކޮށްލަން ބުނެލާފައި އިޒިއަން އެ އެކުވެރިޔާއަށް ހަނާ އަޅާލަމުން ހިނގައިގަތެވެ. އިޒިއަން ދިޔަ ދިމާ ބަލަން އިން އަނާލް ސިހުނީ ކުއްލިއަކަށް މީހަކު އޭނާގެ ނަމުން ގޮވާލުމުންނެވެ.

"އަނާލް!..." ކަންފަތުގައި އެ އަޑު ޖެހުމާއެކު ހަށިގަނޑުގެ ހުރިހާ ނާރުތަކަކަށް ވެސް އެނގުންވި ފަދައެވެ. އާދަޔާ ހިލާފް ކަމެއް ހަށިގަނޑަށް ވެރިވެގެން ދިޔައެވެ. އެ އަޑު އަހަން ބޭނުން ނުވުމުން ކަމެއް ނޫނީ އެ އަޑު އަހަން ކެތް މަދުވީ ކަމެއް ނޭނގެއެވެ. މަޑުމަޑުން މޫނު އަނބުރާލުމާއެކު އަނާލްއަށް އޭނާގެ ކުރިމަތީ ހުއްޓި ހުރި ޔުމާންއަށް ނަޒަރު ހުއްޓާލެވުނެވެ.

"އަނާލް! ކިހިނެތްތަ؟ ކުރިން ވެސް އަހަރެން ވާހަކަ ދެއްކީމަ އަޅައެއްނުލީމެއްނު." ޔުމާން އަހާލިއެވެ. އަނާލް އެއްވެސް އެއްޗެއް ބުނާ ހިޔާލެއް ނުކުރިއެވެ. އޭނާ ޔުމާންއަށް ބަލާލަމުން އަނެއްކާވެސް އިޒިއަން ދިޔަ ދިމާލަށް ބަލާލިއެވެ. އޭނާއާ ފުރަގަހައްވާ ގޮތަށް ތަންކޮޅެއް ދުރުގައި އެކުވެރިއަކާއެކު ވާހަކަ ދައްކަން ހުރިތަން ފެނުނެވެ.

"އެއީ އަނެއްކާ އަނާލް ގެ މިހާރުގެ...." ޔުމާންގެ ޖުމްލަ މެދު ކަނޑާލަން ޖެހުނީ އަނާލް ބަލާލި ގޮތުންނެވެ. ދެބުމަ ގޮށްޖެހިފައި ވީއިރު އެ މޫނުމަތިން ނަފްރަތު ނޫން އެއްޗެއް ޔުމާންއަކަށް ނުފެނުނެވެ.

"ބޭބީ! ޔޫ އާ ހިއާޔ..." ޔުމާންއާއި އަނާލްއާ ދެމީހުން ވެސް ސިހުނީ އަންހެންކުއްޖަކު ކުއްލިއަކަށް އައިސް ޔުމާންގެ އަތުގައި އޮޅުލައިގަތުމުންނެވެ. އެ ކުއްޖާ ޔުމާންގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު ޔުމާންގެ ނަޒަރު ހުރީ އަނާލްއަށް ހުއްޓިފައެވެ. އަނާލްގެ ނަޒަރު އެ ކުއްޖާއަށް ހުއްޓުނެވެ. އޭނާގެ ރާޅުބާނީ އިސްތަށިގަނޑު އެއްކޮނޑާ ދިމާލުން ގެނެސް ކުރިމައްޗަށް ވާގޮތަށް ވައްޓާލެވިފައި އޮތް އިރު މޫނުމަތިން މޭކަޕް ކޮށްފައި ހުރިކަމުގެ އަސަރުތައް ފެނެއެވެ. އެގޮތުން ތުންފަތުގައި ރަތް ކުލައިގެ މޭކަޕެއް ޖައްސާލާފައި ހުރިއިރު ދެކޯތާފަތުގައި ޖައްސާފައި ހުރި ބްލަޝް ވެސް މާދުރަށް ފާހަގަ ވާނެކަން ޔަގީނެވެ. ހަމުގެ ކުލަ އައްޔެވެ. ލާފައިވަނީ ނޫކުލައިގެ ގަމީސް ހެދުމެކެވެ. ކަޅުކުލައިގެ ޖީންސް އެއްގައި ހުރިއިރު އަރާފައިހުރީ ކުޑަކޮށް އުސްކޮށް ހުރި ވެޖް އަކަށެވެ. ޔުމާންގެ ފަހަތަށް އެއްފަރާތުގައި ހުރި އަންހެން ކުއްޖާއަށް ޔުމާންގެ ނަޒަރު ހުރި ދިމާލަށް ބަލާލެވުނެވެ. އެއާއެކު އޭނާގެ ދެ ބުމަ ގޮށްޖެހިގެން ދިޔަތަން އަނާލްއަށް ވަރަށް ރީއްޗަށް ފެނުނެވެ.

އެ ކުއްޖާ އަނާލްއާ ދިމާލަށް ކަޅިއަކާލިއެވެ. އަނާލްގެ މޫނުމަތިން އެއްވެސް އަސަރެއް ނުދައްކާ ވޭތޯ އޭނާ މަސައްކަތް ކުރަމުން ދިޔައެވެ.

"މީ ދޯ އޭނާ އަކީ؟" ނުރުހުން އެކުލެވޭ އެ އަންހެން ކުއްޖާގެ އަޑު އަނާލްއަށް އިވިލިއެވެ.

އެ އަންހެން ކުއްޖާ ހުރިގޮތުން އަނާލްއަށް އޭނާއާ ޔުމާންއާ ދެމެދު އޮތް ގުޅުން ލަފާކޮށްލެވުނެވެ.

"ޔަގީނޭ އެ ވާނީ އޭނާގެ..." އަނާލްގެ ހިތަށް އަރަ އަރާހުރި ޖުމްލަ މެދުކެނޑުނުފަދައެވެ.

އެ އަންހެން ކުއްޖާގެ ފައިން ފެށިގެން ބޮލާ ހިސާބަށް ބަލާލި އަނާލްގެ ލޮލުގައި ބޮޑުވެފައިވާ ބަނޑު އަޅައިގަތުމާއެކު ސިކުނޑި މަސައްކަތް ކުރުން ހުއްޓުނު ފަދައެވެ. މޭތެރޭގައި މަލަން އަޅާ ފޮރުވާލެވިފައިވާ ޒަޚަމްގަނޑު އަލުން ފާރުވެގެން ދިޔަ ފަދަ އިޙްސާސް އެއް ކުރެވިގެން ދިޔައެވެ.

"މީ ދޯ އެ އަންހެނާ އަކީ؟ ކިތަންމެ ވަރަކަށް ކަލޭ ޔުމާންއަށް ތުއި ދެއްކިޔަސް ދެން މި ޔުމާން އެއް ކަލޭގެ ފަހަތަކުން ނުދުވާނެ، މީނަ ފަހަތުން ދުވާ ވައްތަރަކަށް ވިއްޔަ މީހާގެ ހާލަތު އިނީ. ހަހަ، ފާޑެއްގެ ޕްރޮޖެކްޓެއް ހިންގަން ފަށައިގެން ނޫސްވެރިންގެ ސަމާލްކަން ހޯދިނަމަވެސް ކަލޭއަކަށް ދުވަހަކުވެސް މިކަހަލަ މީހަކަށް ނުވެވޭނެ... ނުފޯރާ ފޮތިން ފޫ ގަޅަން ނޫޅޭ!... "

އަމިއްލަ ފައި ހިއްލާލާ އަނާލްގެ ފައިގައި ޖަހާލަމުން އެ އަންހެން ކުއްޖާ ފޮނުވާލި ވިހަގަދަ ތީރުތައް އެއްވެސް ހުރަހެއްނެތި އަނާލް ގެ މެއަށް ހެރިގެން ގޮސްފިއެވެ. އެ ހިތުން ލޭ ކޮށެވިގެން ހިނގަޖެއްޖެއެވެ. ފުން ޒަޚަމްތަކެއް އެ ހިތުގައި ލެވިއްޖެއެވެ. ލޮލުން ކަރުނަ ހިލުނީ އެހެންވެއެވެ. ހީވީ ފަސޭހަ ނުވާ ފާރުގަނޑުގައި މީހަކު ވިކައިގަތް ހެންނެވެ. އާދޭސް އެކުލެވިގެންވީ ބެލުމަކުން ޔުމާންއަށް ބަލާލެވުނީ އެހީތެރިކަމާ މަދަދަށް އެދޭ ހާލުގައެވެ. އެ ވިހަގަދަ ބަސްތައް އެ އަންހެނާގެ ދުލުން ބޭރުކުރުން ޔުމާން ހުއްޓުވާތޯ އަނާލްއަށް ދުޢާ ކުރެވުނެވެ. ޔުމާންގެ ކިބައިން އުންމީދު ކުރެވުނެވެ. އެހެންނަމަވެސް އެއްވެސް އަސަރެއް ޔުމާންގެ މޫނުމައްޗަކުން އަނާލްއަކަށް ނުފެނުނެވެ. ޔުމާންގެ ނަޒަރު އެންމެ ހިނދުކޮޅަކަށް ވެސް އަނާލްއާ ވަތްކެތް ނުވިއެވެ.

ތުންފަތް ފިއްތާލެވުނީ ބާރަށް ރޮވިދާނެތީއެވެ. ނުހިނގުނު ކަމުގައި ވިނަމަވެސް އެމޭ މޭތޭރޭގައި ވެސް ވަނީ ހިތެކެވެ. އިޙްސާސްތަކެއް ލައްވާފައިވެއެވެ. ފައި ނޫނީ އެހެން ހުރިހާ ގުނަވަނެއް އަދި ސަލާމަތުން އެބަހުއްޓެވެ. ވޭން ވެސް އަޅައެވެ. އިސްޖަހާލެވުނީ ދެލޯ މަރާލަމުންނެވެ.

ތަންކޮޅެއް ދުރުގައި ހުރި އިޒިއަން އެކުވެރިޔާއާ ވާހަކަ ދައްކާލުމަށްފަހު އެނބުރި އަނާލްއަށް ބަލާލިއެވެ. އަނާލް އިނީ އިސްޖަހައިގެންކަން ދެނެގަންނަން އޭނަ އަކަށް އުނދަގުލެއް ނުވިއެވެ. ފިރިހެން މީހަކާ އަންހެންމީހެއް ހުރިއިރު އިރު އިރުކޮޅަކާ އެ އަންހެން މީހާ އަނާލްއާ ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލާ އިންޒާރު ދެމުން ދިޔަ ތަން އިޒިއަންގެ ލޮލުގައި އަޅައިގަތުމާއެކު ބާރު ފިޔަވަޅުތަކެއްގައި އެ ދިމާލަށް މިސްރާބުޖެހިއެވެ.

"ކަލޭ! ހަމަ މިހާރު އަހަރެމެންގެ ކުރިމަތިން ދުރަށް ދޭ، މީ މިހާރު އަހަރެންގެ ފިރިމީހާ، އަހަރެންގެ ބަނޑުގައި މި އޮތީ އަހަރެމެންގެ ދެމީހުންގެ ދަރިއެއް... ހަހަ" މޫނަށް ޖައްސާލި ނުބައި ވައްތަރާއެކު އެ އަންހެންކުއްޖާ އަނާލް ކޮއްޕާލިއެވެ. ނުވިސްނާ އިން އަނާލްގެ އަނގައިން ހަޅޭކެއް ބޭރުވެގެން ދިޔުމާއެކު ދެލޯ މަރާ ބާރުކޮށްލެވުނެވެ.

"އަނާލް" ޔުމާންގެ އަޑު އިވުނެވެ.

"ޒަހްވާ ކީއްތިކުރީ....؟" ޔުމާން ދެވަނަ ފަހަރަށް ބުނެލީ ނުރުހުންތެރިކަމާއެކުގައެވެ. މިފަހަރު އޭނާގެ ބަސްތައް އަމާޒުވީ ޒަހްވާއަށެވެ. ގޮނޑި ކުޑަކޮށް ފަހަތަށް ދިޔަ ގޮތަށް އަނާލްގެ ކޮންޓްރޯލް ދޫވެ ފުރޮޅާލީއެވެ.

ބިރުވެރިކަމުން ހިތް ފުރިގެން އައި ވަގުތުކޮޅެކެވެ. މީހާގެ ހިތުގެ ތެޅުން ބާރުވެ ބޭރަށް ފުންމާލާފާނެހެން ހީވިއެވެ. އެހެންނަމަވެސް ދެލޯ ހުޅުވާލަން މަޖުބޫރުވީ ގޮނޑި އެއްއަރިއަކަށް ޖެހިލުމަށްފަހު ހުއްޓުމުންނެވެ. މަޑުމަޑުން ގޮނޑި ތިރި ކޮށްލުމާއެކު އަނާލް ހިފައްޓައިގެން އިން ނޭވާ ބޭރުކޮށްލިއެވެ. އުންމީދު ކުރެވުނީ ޔުމާން އޭނާ ސަލާމަތް ކުރި ކަމަށެވެ. އެހެންނަމަވެސް ދެލޯ ހުޅުވާލުމާއެކު ފެނުނު މަންޒަރުން އެއީ ކުށް ހީއެއްކަން ޔަޤީންވިއެވެ. ޔުމާންގެ ލޮލަށް ބަލާލެވުނީ ޝަކުވާކުރާ ހާލުގައެވެ. ޔުމާންގެ ހިތުގައި އޭނާއާ މެދު އެއްވެސް ރަޙްމެއް ނެތީހެއްޔެވެ؟. ފަހަތަށް މޫނު އަނބުރާލިއިރު އިޒިއަން ފެނިގެން އޭނާއަށް ތުންފިއްތާލެވުނެވެ.

އިޒިއަންގެ ލޮލާ ލޯ އަމާޒުވި އަނާލްއަށް ވީގޮތުން އިޒިއަންގެ ހިތަށް ދަތުވިއެވެ. އެ ދެލޮލުގައި ވަނީ ކޮންފަދަ ވޭނީ އަސަރެއްހެއްޔެވެ؟ އެ ދެލޮލުން އޭނާއަށް ފެނުނު މާޔޫސްކަމުގެ ކުލަވަރުގެ ސަބަބުން ދެފައިން ވާގި ދޫވާހެން ހީވިއެވެ. ނޭނގިނަމަވެސް އަނާލްގެ ކުރިމަތީގައި ތިބި ދެމީހުންނާ ދޭތެރޭ އޭނާގެ ހިތުގައި ނަފްރަތުގެ ހުޅު ރޯކުރެވިގެން ހިނގައްޖެއެވެ.

އަނާލްގެ ކުރިމައްޗަށް އިޒިއަން އެރުމާއެކު ޒަހްވާ ވާހަކަދައްކަން ފެށިއެވެ.

"ތަނަކުން ރީތި ސްމާރޓް ފިރިހެނެއް ފެންނައިރަށް ފަހަތުން އަޅުވައިގަނެގެން ނެއްޓެން ނޭނގިގެން އުޅެން ހަދައިގެން ލިބުނު ލަޑެއް އެއީވެސް، އަދިވެސް ވިސްނޭ....."

"އިނަފް!" ސިހުނީ ޔުމާންއާއި އިޒިއަން އާއި ދެމީހުންގެ އަޑުންނެވެ. ޒަހްވާއަށް އޭނާގެ ޖުމްލަ މެދުކަނޑާލެވުނެވެ.

"ޒަހްވާ! އަނާލްއަކީ އަހަރެންނަށް ބޭކާރު މީހެއް، އަހަރެންގެ ހައްގަކީ ތީ، ކޮބާތަ މައްސަލައަކީ؟ އޭނަ ކިތަންމެ ވަރަކަށް ކަރުނަތަށް ބޭލިޔަސް އަހަރެންގެ ހިތަށް އެއްވެސް އެއްޗެއް ނާރާނެކަން އެނގެއެއްނު. ތީ ބޭކާރު މަސައްކަތެއް... މީހަކު އެއްޗެކޭ ބުނެލާއިރަށް ކުޑަ ކުއްޖެއްހެން ރޯން ފެށުން ނޫންކަމެއް ކުރާކަށް ނޭނގޭނެ... ހިނގާ ދާން" ޔުމާން ޒަހްވާގެ އަތުގައި ހިފައިގެން ދުރަށް ހިނގައިގަތް އިރު އޭނާގެ ފަހު ޖުމްލަ އަމާޒު ކުރީ އަނާލްއަށެވެ.

އަނާލްގެ ދެލޮލުން ހޯސްލާފައި ކަރުނަތައް އޮހިގަތެވެ. އެވަގުތު އޭނާގެ ހިތަށް ލިބިގެން ދިޔަ ވޭންތަކަކީ ދުވަހަކުވެސް ހިތުން ފިލުވައިލަންދަތި ކަމަކަށް ވާނެކަން ޔަޤީނެވެ.

އަނާލްގެ ގިސްލުމުގެ އަޑު އިޒިއަންގެ ކަންފަތުގައި ޖެހުނީ އެވަގުތުއެވެ. ފަސް އެނބުރި ބަލާލިއިރު އަނާލް އިނީ ދެއަތުން މޫނު ފޮރުވާލައިގެންނެވެ. އިޒިއަން ގަޑިއަށް ބަލާލިއެވެ. ފަނަރަ މިނިޓްއަށް ވެއްޖެއެވެ. މަޑުމަޑުން އަނާލްގެ ގޮނޑި އެތަނުގައި ހުރި ބެންޗް ކައިރިއަށް އިޒިއަން ޖައްސާލިއެވެ. އަދި އިޒިއަން އެ ބެންޗްގައި އިށީނެވެ. އަނާލްގެ ގިސްލުމުން އެ ހިތަށްވެސް ފުން އަސަރުތަކެއް ކޮށްފައިވެއެވެ. އެހެންނަމަވެސް މި ވަގުތު އޭނާއަށް މުހިންމުވީ އަނާލް ހަމައަކަށް އެޅުވުމެވެ. އެހެންކަމުން އަމިއްލަ ހިތުގައިވި ޒަޚަމްތައް މަތީ އަތް އަޅާލުމަށްފަހު އޭނާ މަޑުމަޑުން އަނާލްއަށް ގޮވާލިއެވެ.

"އަނާލް!"

އަނާލްގެ ފަރާތުން އެއްވެސް ކަހަލަ އިޝާރާތެއް އިޒިއަންއަކަށް ނުލިބުނެވެ. އަނާލްއަށް ދެވަނަ ފަހަރަށް ގޮވާލުމާއެކު ދުރަށް ހިނގަމުން ދިޔަ ޔުމާންއާ ޒަހްވާ އިޒިއަންގެ ލޮލުގައި އަޅައިގަތެވެ. ދަތް ކުނޑި ވިކައިގަނެވުމާއެކު އޭނާގެ ދެ އަތް މުށްކެވިގެން ދިޔައެވެ. އަމިއްލަ އަތަށް އިރުކޮޅަކު ބަލަން އިނުމަށްފަހު އޯގާތެރިކަމާއެކު އޭނާ އަނާލްގެ އަތުގައި އަތް ޖައްސާލިއެވެ. އެ އަމަލުން އަނާލް ސިހުނުކަން އޭނާއަށް އެނގުނެވެ.

"ނާލް! އެކަމާ އަޅާނުލާ، އެމީހުން ކިޔާ އެއްޗަކާ އަޅާނުލާ. ނާލް ތީ ވަރަށް ހިތްވަރު ގަދަ ކުއްޖެއްނު..." އިޒިއަން ބުނެލިއެވެ.

"އެ ޒަހްވާއާ ބަލާފަ އަހަރެންނަނީ ކާކު؟" މޫނު ފޮރުވައިގެން އެއިން ގޮތަށް އިނދެ އަނާލް ބުނެލިއެވެ. ޒަހްވާގެ ނަން އޭނާއަށް ޔުމާން ބުނި އަޑު އިވުނެވެ.

"ނާލް! އެ އަންހެން ކުއްޖާ އާއި ނާލްއާ ހުރި ތަފާތު އަހަރެން ކިޔައިދޭން ފަށައި ފިއްޔާ މިއަދުގެ އިރު އޮއްސެން ދެން ވެސް އިނދެވިދާނެ، ނާލް ވިސްނާލަބަލަ، އެހެން މީހުންގެ އިހްސާސްތަކަށް ޤަދަރު ނުކުރާ އަންހެންކުއްޖަކީ ހާދަ ގޮތެއް ނެތް އަންހެން ކުއްޖެކޭ. އިންސާނިއްޔަތު ކަމެއްނެތް ހާދަ ރަހުމް ކުޑަ ބަޔެކޭ އެއީ. ސަލާމަތުން ތިބެ އެމީހުންނަށް މުޖްތަމަޢުމަށް ނުކޮށްދެވޭ ވަރުގެ އަގުހުރި ޚިދްމަތެއް ނާލް ކޮށްދޭން ތިއުޅެނީ... ނޫންތަ؟ އެ އަންހެން ކުއްޖާ އަށް ކިޔަނީ ކީކޭތަ؟ އާނ.....! ޒަހްވާއަށް ވުރެ މާ ބޮޑަށް ނާލް ތީ ކާމިޔާބު ކުއްޖެއް... ނޫންތަ؟ އާނ... އަނާލްއަށް ނުހިނގިދާނެ.. އެކަމަކު އަނާލްގެ ސިކުނޑި އެ ޒަހްވާއަށް ވުރެ މާ ތަނަވަސް، އޭނައަށް ހިނގާފަ އުޅެމުން ނުކުރެވޭ އެތައްކަމެއް މި ގޮނޑީގައި އިނދެގެން އަނާލް އެބަ ކުރަމެއްނު! އަހަރެން ދެކޭ ގޮތުގައި ނާލް އޭނާއަށް ވުރެ މާކާމިޔާބު... މާ ރަނގަޅު... މާ ރީތި..." އިޒިއަންއަށް ހުއްޓާލެވުނީ އޭނާގެ ހިތުގެ ހާލު ބަޔާން ކޮށްދެވޭހެން ހީވެފައެވެ.

"އަދިވެސް ތެދުވެ ޕްރޫވް ކޮށްދީ، ނާލް ޔޫ ކޭން ޑޫ ދިސް ކަން....." އިޒިއަން އެންމެ ފަހުން ބުނެލިއެވެ.

"ޔެސް އައި ކޭން" ރޮވުމުގެ ސަބަބުން ނޭވާ ކުރުވެ އަނާލްއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ.

މަޑުމަޑުން އަތް މޫނުމަތިން ދުރުކޮށްލަމުން އަނާލް ކަރުނަތަށް ފޮހެލަން އުޅުނެވެ. އެހެންނަމަވެސް ސިހުން ގެނުވީ އިޒިއަންގެ އަތް އަނާލްގެ ކޯތާފަތުގައި ބީހިލުމުންނެވެ. ވަގުތާ ހާލަތުގެ ގޮތުން އަނާލްއަށް އުނދަގޫވިނަމަވެސް އޭނާ އެކަން މަނައެއް ނުކުރިއެވެ. އިޒިއަންގެ ދެލޮލަށް އަނާލް ބަލަން އިންއިރު އެ މޫނުމަތީގައިވި އަސަރުތައް އަނާލް ދެނެގަންނަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ސިއްރުތަކުން ފުރިފައިވި އިޒިއަންގެ މޫނުމަތިން އޭނާއަށް އެއްވެސް އެއްޗެއް ދޭހައެއް ނުވިއެވެ.

"އަވަހަށް މޫނުމަތި ރީތިކޮށްލާ.. ޒައުނާ ވެސް އެބަ އާދޭ މިކޮޅަށް ހަނާ އަޅަމުން..." އިޒިއަންއަށް އެއްލި ކަޅިއަކުން ޒައުނާ ފެނުމާއެކު ބުނެލިއެވެ. އަދި އޭނާ ތެދުވެ ޖީބަށް އަތް ކޮށްޕާލިއެވެ. އަނާލް އޭނާގެ ދަބަސްތެރެއިން ކުޑަލޯގަނޑު ކޮޅަކާ ފުށްދަޅެއްނަގާ މޫނުމަތި ރީތިކޮށްލިއެވެ. އެހެންނަމަވެސް އެ ދެލޮލުގައިވި ރަތްކަން ކަނޑުވައެއް ނުލެވުނެވެ.

ޒައުނާއަށް ވެސް އަނާލްގެ ލޮލުން ރަތްކަން ފާހަގަ ކުރެވުމާއެކު ސުވާލު ނުކޮށެއްނުހުރެވުނެވެ.

"އެއްޗެއް ލޮލަށް ވެއްޓުނީ، ދެލޯ އުނގުޅާލީނުން އެހެން މިވީ..." އަނާލް ބުނެލިއެވެ. އޭނާ އިނީ ބޮލަށް އެނބުރުން އަރާ ގޮތެއްވެސް ވެފައެވެ. މީޓިންއަށް ވަންނަން ދިޔައިރު އެ ދެމީހުންގެ ލޮލުގައި ވެސް ވާހަކައިގައި ތިބި އައްމާރު އާއި ފަހީމް އަޅައިގަތެވެ. އައްމާރު ބުނި ވާހަކައަކަށް ފަހީމް ބޯ ޖަހާލީ ހީގަނެގެން ހުރެގެންނެވެ.

"ކޮބާ އެ ތިބީނު..." ފަހީމްއަށް އިޒިއަންއާއި އަނާލް ފެނުމާއެކު ބުނެވުނެވެ. އައްމާރުވެސް ހިނިތުންވަމުން އެ ދެމީހުންނަށް ބަލާލިއެވެ. ރަކީންއާއި އަފާޒުވެސް ވާހަކަ އެއްގައި ތިބެފައި ބަލާލިއެވެ.

ގްރޫޕް ހަދާފައި ވާހަކަ ދައްކަން ތިބި މީހުންތައް ވެސް ފަހަރަކު މީހަކު ކަހަލަ ގޮތަކަށް މީޓިންރޫމް ތެރެއަށް ވަންނަން ފެށިއެވެ. ތެޅެމުން ފޮޅެމުން އައި ރަމްޔާ އައްމާރުގެ ލޮލުގައި އަޅައިގަތުމާއެކުއޭނާ އަށް ހިނިތުންވެވުނެވެ. ރަމްޔާއަކީ ސައިކެޓްރީ ޑިޕާރޓްމެންޓް ގެ އެކްޓިން އެޗް.އޯ.ޑީއަށް ވެފައި ޕްރޮޖެކްޓްގެ އިސް މީހެއްކަމުން ހޮސްޕިޓަލް ހިއްސާވާ ކޮންމެ މީޓިން އެއްގައި ރަމްޔާ ވެސް ބައިވެރިވާނެއެވެ. މިއަދުވެސް އޭނާ އެ އަންނަނީ ވަރަށް ބިޒީކޮށް އުޅެމުންނެވެ. ސެކްޝަން ގެ އިސްމީހަކަށްވެފައި ކުރަންޖެހޭ މަސައްކަތްތައް ބައިވަރެވެ. މަސައްކަތަށް ފަރުވާ ބަހައްޓާ ގޮތުން އައްމާރުއަށް ވެސް ރަމްޔާއަށް އިތުބާރުކުރެވެއެވެ.

އެންމެން ވަދެ ހަމަޖެހުމާއެކު މީޓިން ފެށުނެވެ. ޕްރޮޖެކްޓްގައި ހިމެނޭ އިސް މީހުންގެ ތެރެއިން ފަހަރަކު ބައެއް ވާހަކަ ދެއްކިއެވެ. އެގޮތުން "ސްޓާރ ހޯލްޑާރސް" ގެ ފަރާތުން ފަހީމް އަދި "ދި ގްރޭންޑް" ގެ ފަރާތުން ފަހީމްގެ އިތުރުން ހޮސްޕިޓަލްގެ ފަރާތުން ރަމްޔާ ވެސް ވާހަކަ ދެއްކިއެވެ. އެންމެ ފަހުން އަނާލްއާއި އިޒިއަންއާ ދެމީހުން ޕްރެޒެންޓޭޝަން ހުށައެޅިއެވެ. ކުރިން ބައްދަލުވުމުގައި ޝޯޓް ލިސްޓް ކުރެވުނު ފަރާތްތަކުގެ މައުލޫމާތުތައް ދިރާސާކުރުމަށްފަހު ތަމްރީނުތަކަށް ރާއްޖޭންބޭރަށް ފޮނުވަން އެކިއެކި މީހުން ކަނޑައެޅިއެވެ.

އެންމެންގެ ތާއީދާއެކު އެކަން ވަރަށް ފަސޭހައިން ނިމުނެވެ.

*****

ރޭގަނޑުގެ ވަގުތެވެ. ގެއަށް އައިސް ވަތް އިޒިއަންއަށް ފޯން އެނދުމައްޗަށް އެއްލާލެވުމާއެކު ފުންނޭވާއެއް ދޫކޮށްލެވުނެވެ. އެ މޫނުމަތިން ވަރުބަލިކަން ވެސް ފެންނަމުން ދިޔައެވެ. ފެންވެރުމުގެ ބަދަލްގައި އެނދުމަތީގައި އިށީނދެވުނެވެ.

އަނާލް ވެސް ގެއަށް އައިސް މަޒާޔާގެ އެހީގައި ނިދަން ތައްޔާރުވެ އެނދުގައި އޮށޯވެލިއެވެ. ފެންވަރާލުމުން ހަށިގަނޑަށް ލިބިފައި ހުރި ލޮޑުކަން ފިލިއެވެ. އެހެންނަމަވެސް ސިކުނޑިއަށް ލިބިފައިހުރި ނުތަނަވަސްކަން އެއްވެސް ވަރަކަށް ދުރެއްނުވިއެވެ. މަޒާޔާ ދިޔައީ ދީމް ފޮނުވަނީ ކަމަށް ބުނެއެވެ. އަލިފާން ކޮޅެއް ކަރުދާސް ގަނޑަކަށް ވެއްޓި ހުޅު ހިފާހާ އަވަހަށް އަނާލްގެ ސިކުނޑީގައި މިއަދު ވީ ކަންތައް ހުޅުރޯކުރިއެވެ. އިރުކޮޅަކުން ދީމް އައެވެ. އޭނާ އައިއިރު އަނާލްއަށް ކޮންމެވެސް ވަރަކަށް ނޭވާއަށް އުނދަގޫ ވަމުން ދިޔައެވެ. ޒަހްވާ ބުނެފައިވާ ބަސްތަކުން އަނާލްއަށް ހިން ދިރުވާލެވުނެވެ. ކިތަންމެ ހަނދާން ކުރަން ބޭނުން ނުވިޔަސް އެ ބަސްތައް އަނާލްގެ ސިކުނޑި އޭނާގެ މާޒީއާ ހިސާބަށް ގެންގޮސްފިއެވެ.

އެންމެ ފަހުން ކެތް ނުކުރެވޭ ހިސާބަށް ދިޔައެވެ. އެހެންނަމަވެސް ކެތް ކުރެވޭނޭ އެންމެ މައްޗަކަށް އަނާލް ކެތް ކުރިއެވެ. އޭނާ ނިންމީ މަސައްކަތުން އިހަށް ދުރުވެލުމަށެވެ. މިދުވަސްކޮޅު އެ ހަނދާންތައް އާވެ ސިކުނޑިއަށް ބާރު ކުރެވެނީ މާ ވަރަކަށެވެ. އެކަމުގެ ސަބަބުން އޭނާގެ ނަފްސަށް ވަމުން ދިޔަ އުނދަގޫ އިތުރުވެފައި ވެއެވެ. އަނާލް ދީމް ގާތު ބުނެގެން ގޮނޑިއަށް އެރިއެވެ. ދީމް ވެސް އެ ގަޑީގައި ކޮންމެވެސް ކަމަކު އުޅުމުން އެބަ އަންނަމޭ ބުނުމަށްފަހު އޭނާ ދިޔައީ އަފާޒު ގުޅުމުންނެވެ. މަޒާޔާއަށް ގޮވަން ވީތޯ ދީމް އެހުމުންވެސް އަނާލް އެކަމާ އެއްބަސް ނުވީ އޭނާ އެކަނި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވީތީއެވެ. މަޑުމަޑުން ގޮނޑި ދުއްވާލަމުން އޭނާ ކުޑަ ދޮރު ކައިރިއަށް ޖެހިލިއެވެ. އަތުގައި އޮތް ފޯނަށް ބަލަހައްޓައިގެން ދެ ވިސްނުމެއްގައި އިނުމަށްފަހު އެންމެ ފަހުން ފޯނުގެ ކީޕެޑަށް ފިއްތާލާ ނަންބަރެއްޖަހާލިއެވެ.

ފެންވަރައިގެން ތުވާލި އޮޅައިގެން ނުކުމެ ލޯގަނޑު ކުރިމަތީގައި ހުރި އިޒިއަންގެ ފޯން ރިންގް ވުމާއެކު އޭނާ ބޮލުގެ ފެންތަށް ދެފަރާތަށް ފޮޅަމުން އައިސް ފޯނަށް ބަލާލާ ފޯންނެގިއެވެ. ނެގުމާއެކު އަނާލް 'ހަލޯ' އޭ ބުނެލިއެވެ.

"ނާލް! ކިހިނެތްވީ؟" އިޒިއަން އަހާލިއެވެ. އިރުކޮޅެއްގެ ހަމަހިމޭން ކަމަކަށްފަހު އަނާލް ވާހަކަ ދައްކަން ފެށިއެވެ.

"މާދަމާ އަހަރެން ބޭނުން އިޒިއަން އާ ކުޑަކޮށް ވާހަކަ ދައްކާލަން، ވަގުތެއް ހޯދައިލައިގެން އޮފީހަށް އައިސް ދޭންވީނު" އަނާލް އެދުނުގޮތަށް ކަންތައް ކުރާނެ ކަމަށް ވަޢުދުވަމުން އިޒިއަން ފޯން ކޯލް ކުރުކޮށްލިއެވެ.

މާދަމާއަކީ އިޒިއަން ރާއްޖޭން ބޭރަށް ގެންދަންޖެހޭ ޑޮކިއުމެންޓްތަކެއް ނިންމަން ބައްޕަ އާއެކު އުޅެން ޖެހޭ ދުވަހަކަށް ވުމުން އޭނާ އުޅޭނީ ސްޓާރ ހޯލްޑާރސްގެ އޮފީހުގައެވެ. އެހެންނަމަވެސް ކުޑަވަގުތު ކޮޅެއް ނަމަވެސް ހޯދައިލައިގެން އަނާލްގެ ގާތަށް ދާން އިޒިއަން ނިންމިއެވެ. އަނާލް ދައްކަން އުޅޭ ވާހަކައަކީ ކޮބައިކަން ނޭނގި އިޒިއަންގެ ހިތް އޭރު ބާރަށް ތެޅެމުން ދިޔައެވެ.

ކުޑަދޮރު ކައިރީގައި އިން އަނާލްގެ އިސްތަށިތަކާ ޖެހެމުން ދިޔަ ވައިރޯޅިތައް ސަމާސާ ކުރަމުން ދިޔައެވެ. ވިސްނުމަކަށް ގެއްލިފައި އިން އަނާލްގެ ފޯން ރިންގް ވުމާއެކު އަނާލް ފޯން ނަގާ ކަންފަތުގައި ޖައްސާލީ ރަމްޔާއަށް ވީމައެވެ.

"ނާލް! މިރޭ ކުޑަކޮށް ލަސްވެދާނެ، ކާރު ހަލާކުވެގެން ކޮއްކޮ ބަލާ އަންނަން ދެން މިހުރީ" ރަމްޔާ މިރޭ ލަސްވަނީ ކީއްވެކަން ބުނެލުމާއެކު އަނާލް ފުންނޭވާއެއް ލިޔެވެ. އަދި އެންމެ ރަނގަޅޭ ބުނަމުން ފޯން ބޭއްވިއެވެ.

ރަމްޔާގެ ފަރާތުން ޝެޝަންތައް ނަގަން ފެށިފަހުން އަނާލްގެ ސިކުނޑިއަށް ކޮންމެވެސް ވަރަކަށް ލުއި ވާހެން އޭނާއަށް ހީވެއެވެ. ކަންތައްތައް ކިޔާލަދޭނެ މީހަކު ގާތުގައި ހުރުމާއެކު އެކީ އެ ދެމެދުގައި ދެކެވޭ ވާހަކަތަކަކީ ކޮންފިޑެންޝަލް ވާހަކަ ތަކެއްކަން ވެސް އަނާލްއަށް އެނގެއެވެ. ރަމްޔާއަށް އިތުބާރު ކުރެވެނީ ސަބަބެއް ނެތިއެއްނޫނެވެ. އަނާލްއަށް ފަރުވާކުރުމުގައި މިހޭދަވި އަހަރުތަކަށް ބަލާއިރު އަނާލްގެ ހުރިހާ ސިއްރެއް ރަމްޔާ ވަނީ ރައްކާތެރިކަމާއެކު ސިއްރުކޮށްދީފައެވެ. އެ ސިއްރުތަކަށް އަމާނާތްތެރިވެފައެވެ. މީހަކަށް އިތުބާރު ކުރަމަކީ އަނާލްއަށް އުނދަގޫ ކަމެކެވެ. ރަމްޔާ ވަނީ އަނާލްގެ އިތުބާރު ހޯދާފައެވެ.

ރަމްޔާއަށް އެރޭ އާދެވޭ ވަރުވީ ރޭގަނޑު ނުވަގަޑި ބަޔަށް ވުރެ ބޮޑު ވީ ފަހުންނެވެ. އެނދުގެ އެއްފަރާތުގައި ހުރި ސޯފާގައި ރަމްޔާ އައިސް އިށީނދެލީ ދޮރު ތަޅުލުމަށްފަހުއެވެ. އެހެންރޭރޭ ސެޝަންތައް ނަގަނީ އެ ގޭގައި ހުންނަ ވަކިން ހާއްސަ ރޫމެއްގައި ނަމަވެސް މިރޭ އަނާލް ދާ ހިޔާލެއް ނުކުރިއެވެ. ސޯފާގައި އިށީނދެ ހަމަޖެހިލުމަށްފަހު ރަމްޔާ އަނާލްއާ ވާހަކަ ދައްކަން ފެށިއެވެ.

"ނާލް! ކިހިނެތްތަ މިހާރު؟ އަދިވެސް ނިދުން ރަނގަޅެއް ނުވޭތަ؟" ރަމްޔާ އޯގާތެރިކަމާއެކު ސުވާލުކޮށްލިއެވެ.

"ނިދުން އަދިވެސް އެއްކޮށް ރަނގަޅެއް ނުވޭ، އެކަމު ކުރިއާ ބަލާފަ މިހާރު ވަރަށް ބޮޑުތަން އިމްޕްރޫވް ވެއްޖެ... އިންޝާ ﷲ އަދި ރަނގަޅުވާނެ ދޯ" ނާލް ރަމްޔާއަށް ދޯ ދިނީ ހިނިތުންވަމުންނެވެ.

"މިހާރު އެއްވެސް އުނދަގުލެއް ވޭތަ؟" ރަމްޔާ ފަރުވާތެރިކަމާއެކު އަނާލްގެ މޫނަށް ބަލާލިއެވެ.

"އަބަދުވެސް އެ ނުލަފާ މީހާ ފެންނަނީ، ވެދާނެ އެއްފަހަރު ބައްދަލު ވީމަކަމަށް ވެސް، އަބަދު އަބަދު ހުވަފެނުން ފެންނަނީ އޭނާ... ހަނދާން ނައްތާލަން ބޭނުންވިޔަސް ހަނދާނެއް ނައްތައެއްނުލެވޭ، އެ ދުވަސް މަތިން އަދިވެސް ހަނދާންވޭ..." އަނާލް އިސްޖަހާލަމުން ބުނެލިއެވެ.

"ނާލް... ހުވަފެނުގަ ވަނީ ކިހިނެތް؟ އެއް ހުވަފެނެއްތަ ފެންނަނީ؟" އިތުރަށް ކަންތައްތައް އޮޅުން ފިލުވަން ބޭނުންވެފައިވާ ފަދައަކުން ރަމްޔާ އަހާލިއެވެ. އޭނާގެ ކުރިމަތީގައި އިން އަނާލްގެ ލޮލަށް ބަލާލުމާއެކު ހުރިހާ ކަމެއް ކިޔައި ދިނުމަށް ރަމްޔާ އެދުނެވެ.

"އެއް ހުވަފެނެއްނޫން... އެ ތަންވެސް... ސިފަވަނީ... އަދި އެ ދުވަސް ވެސް... " އަނާލްގެ އަޑު ކުރެހުނެވެ.

"ކިޔައިދީ ނާލް... އަހަރެން މިހުރީ އަޑު އަހަން" ރަމްޔާ ވަހަކަދެއްކިއެވެ.

"އަހަރެން ނާ ދިމާލަށް އެދުވަހު ޔުމާން ކީ އެއްޗެހި ކަންފަތުގައި ހަރުލާފައި ހުންނަހެންހީވަނީ، މި ދުވަސް ކޮޅު ބޮޑަށް ފެންނަނީ ޔުމާން، އަހަރެން އެ ނަން ވެސް މިދުލުން ކިޔާކަށް ބޭނުމެއް ނޫން، އެކަމަކު... ކީއްވެތަ؟ ޔުމާން..." އަނާލްގެ އަރުތެރެ ހިކިފައި ވުމާއެކު އެންމެފަހުން އޭނާ ބުނެލި ބަސްތައް ރަމްޔާއަށް ވެސް އިވުނީ ކިރިއާއެވެ.

"ޔުމާންގެ ހަނދާންތައް އަބަދު އާވަނީ ކީއްވެތަ؟ އޭނާ ބުނެފައިވާ ބަސްތައް ކަންފަތުގައި ގުގުމަނީ ކީއްވެތަ؟ އަހަރެން ބޭނުން އޭނާ އެ ބުނި ހުރިހާ ބަހަކީ އެއްވެސް އަގެއް ނެތް އެއްޗެއްކަމުގައި ހަދަން..." އަނާލް ބުނެލިއެވެ.

އެރޭގެ ސެޝަން ނިންމާލުމަށްފަހު ރަމްޔާ ދިޔައިރު އަނާލް ހުރީ ހަމަޖެހިފައިނަމަވެސް އަލުން ނިދަން އޮށޯތުމާއެކު އޭނާއަށް އަނެއްކާވެސް ޔުމާންގެ ހަނދާންތައް އާވާން ފެށިއެވެ.

ޔުމާންއާއެކު ހޭދަކުރެވުނު އުފާވެރި ދުވަސްތައް މަތިން ހަނދާން ވުމާއެކު އެއްވެސް އިޚްތިޔާރެއްނެތި އެ ދެލޮލުން ކަރުނަ ފާއްދާލިއެވެ.

އެ ހަނދާންތަކާ ދުރަށް ނުދެވޭނެކަން އެނގޭތީ ސިކުނޑީގެ މިސްރާބު އެހެން ދިމާލަކަށް އަނބުރާލުމުގެ ގޮތުން ފޯނުން އިނގިރޭސި ވާހަކައެއް ހުޅުވައިގެން އަނާލް ކިޔަން ފެށިއެވެ. ކަންތައްތަކާ ވިސްނަން ފެށުމުން ސިކުނޑީގެ މިސްރާބު އަނބުރާލުމަކީ އެންމެ ރަނގަޅުގޮތް ކަމުގައި ރަމްޔާ އޮތީ އަނާލްއަށް ކިޔައިދީފައެވެ. އެގޮތުން ވާހަކަފޮތެއް ކިޔާލުމަށް ނުވަތަ އެހެންކަމަކާ ބެހޭގޮތުން ކޮންމެވެސް މީހަކާ ވާހަކަ ދައްކާލެވުމަކީ ވެސް ހައްލެއްކަމުގައި ރަމްޔާ ބުނެފައިވެއެވެ.

ފޮތުގެ ތެރެއަށް ވަދެވުމުން އެ ޚިޔާލްތަކާ ކޮންމެވެސް ވަރަކަށް ދުރުވެވުނު ކަމުގައިވިޔަސް އިރުއިރުކޮޅުން އެ ހަނދާންތައް ސިކުނޑީގައި ކޮށްޓާލައެވެ.

ފޮތުގެ މެދާ ހިސާބަށް ކިޔާލުމަށްފަހު ފޮތް ލައްޕާލަމުން އަނާލް އާފުރިލިއެވެ. ސިކުނޑީގައި އިޒިއަންގެ ހަނދާންތައް ކޮށްޓައިލީ އެވަގުތުއެވެ. އިޒިއަންއާ މެދު އޭނާއަށް ގާތްކަމެއް ބެހެއްޓޭކަން އަމިއްލަ ނަފްސަށް ވެސް ފާހަގަ ކުރެވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެއްވެސް މީހަކާ މާ ގާތްކޮށް ވާހަކަ ދައްކާކަށް އަނާލް ބޭނުމެއް ނުވެއެވެ. ދުވަހަކުވެސް މީހަކާ ހިއްސާ ނުކުރާވަރަށް އިޒިއަންއާ ބައެއް ކަންތައްތައް އަނާލްއަށް ހިއްސާކުރެވިފައި އެބަހުއްޓެވެ. އެ ގޮތުން އޭނާއަކީ ނަފްސާނީ މައްސަލަތަކަކުން ބަދެވި ހައްޔަރު ކުރެވިފައިވާ އަންހެން ކުއްޖެއް ކަންވެސް އިޒިއަންއަށް ހާމަ ކުރެވިއްޖެއެވެ. އެ ފަދަ ވާހަކައެއް އަނާލްގެ ދުލުން ބުނެލާ ކޮންމެ ފަހަރަކު އެއާ ވިއްދައިގެން އިޒިއަން ހިތްވަރުދޭ ގޮތުން އަނާލްގެ ހިތުގައި އިޒިއަންއަށް ހާއްސަ ޤަދަރެއްވަނީ ދެވިފައެވެ. އިޒިއަން އޭނާގެ ސިއްރުތައް ހިފައްޓާނޭކަމުގެ ޔަގީންކަން އަނާލްއަށް އޮވެއެވެ. އެފަދަ ވާހަކަތައް ހިއްސާކުރެވެނީ އެހެންވެއެވެ.

އެހެން އޮތްއިރު އަނާލްއަށް ތަންކޮޅެއް ކުރީ ދުވަހެއްގެ ހަނދާނެއް އާވިއެވެ.

"އިޒް! އަސްލު ހިތަށް އަރާ ދޯ އަހަރެންނާ އެއްކޮށް މަސައްކަތް ކުރުމަކީ ވަރަށް އުނދަގޫ ކަމެކޭ، އަހަރެންފަދަ މީހަކާ އެކީ މަސައްކަތް ކުރުމަށް ފޫހިވާނެ ދޯ..." އަނާލް ހިތި ހިނިތުންވުމެއް އިޒިއަންއަށް ހަދިޔާ ކޮށްލިއެވެ.

"ނޫން ނާލް! ތިހެން ނުބުނޭ. އަހަރެންނަށް ނާލްއާ އެއްކޮށް މަސައްކަތް ކުރަން އުނދަގުލެއްނޫން. އަހަރެން ވަރަށް އުފާވޭ، އުފާވޭ އަނާލްއާ އެކު މަސައްކަތް ކުރެވޭތީ. އަނާލް ތި ކުރާ މަސައްކަތުގައި ބައިވެރިވެވޭތީ. ހަޤީގަތުގައި މުޖްތަމަޢުގައި ހުރި މިފަދަ މައްސަލަތައް ހައްލު ކުރުމަށް ނާލް ތި ނެގި ފިޔަވަޅަކީ ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި އަހަރެން ދެކެން، އިންޝާ ﷲ... ނާލްގެ ތި މަސައްކަތުގައި އަހަރެން ފުރިހަމައަށް ބައިވެރިވާނަން... އަދި ކާމިޔާވުވެސް ކުރާނަން... އަމިއްލަ ދާ އޮހޮރުވައިގެން ވިޔަސް މި މަސައްކަތް ފެނަށް ވިޔަކަ ނުދޭނަން" އިޒިއަން ޔަޤީން ކަމާއެކު ބުނަމުން އަނާލްއަށް ބަލާލާ ބޯޖަހާލިއެވެ.

"ހެހެ. ހީވަނީ ވަރަށް ވިސްނޭ ހަރު މީހެއްހެން، ބައިދަވޭ މި މަސައްކަތަކީ އަމިއްލަ މަސައްކަތެއް ކަމަށް ދެކި ކީއްވެ ތިހާ ބުރަކޮށް މަސައްކަތް ކުރަނީ؟ ހީވޭ އަހަރެންނަށް ވުރެވެސް އިޒްއަށް މިމަސައްކަތް މުހިންމޭ..." އަނާލް މަޖަލަކަށް ހަދާލާފައި ބުނެލިއެވެ.

"ނާލް... ނާލްއަށް ރަނގަޅުވާނީ ހުރިހާކަމެއް ނޭނގުނިއްޔާ ހެން ހީވަނީ. ވަރަށް ވަރަށް ވަރަށް ބޮޑު ސިއްރެއް އެއީ. ކޮންމެވެސް ދުވަހަކުން އަނާލްއަށް ވެސް އެނގިދާނެ ކަންނޭގެ، އެކަމަކު އެ ސަބަބު އެކަންޏެއް ނޫން އެނގޭ، އަހަރެން ވެސް ބޭނުން މިފަދަ ފައިދާހުރި ކަމެއް މުޖްތަމައުއަށް ކޮށްދޭން" އިޒިއަން އެންމެ ފުރަތަމަ ވާހަކަ ދެއްކިއިރު އެ އަޑުގައި ހުރި މަޑުމޮޅިކަން އޭރު ފިލާ ގޮތްވެފައި ވެއެވެ.

***

ހިޔާލް ތަކުގައި އޮތް އަނާލް ސީލިންގުން ނަޒަރު ވަކިކޮށްލަމުން ގަޑިއަށް ބަލާލިއެވެ. ވަރަށް ދަންވެއްޖެއެވެ. ނިދާނަމޭ ހިތާ އޭނާ ލޯ މަރާލީ މާދަމާ އިޒިއަންއާ ބައްދަލުކުރަމުން ދައްކާނޭ ވާހަކަ ހިތުތެރޭގައި ރާވާލަމުންނެވެ. އޭނާ މި ފަދަ މަސައްކަތެއް ފެށީ ވަރަށް ބޮޑު މަޤްސަދަކާ އެކީގައެވެ. އިޒިއަންގެ ވެސް އޭނާގެ އޮތް ފަދަ މަޤްސަދެއް ވަނީ ހެއްޔެވެ؟

އޮފީހުގައި ވަރަށް ބުރަކޮށް އުޅެން ޖެހުމުގެ ސަބަބުން އަނާލްއާ ބައްދަލު ކުރަން އިޒިއަންއަށް ދެވޭ ވަރުވީ ހަވީރު ތިނެއް ޖަހާ ބޮޑުވީފަހުންނެވެ.

އަނާލްގެ ކެބިންގައި ތިބި ދެމީހުންގެ ދެމެދުގައިވެސް ވަނީ ހަމަހިމޭން ކަމެކެވެ. އެކަކުވެސް ވާހަކަ އެއްނުދައްކައެވެ.

"އިޒް! އަހަރެން ވާހަކައެއް ދައްކާލަން ބޭނުން..." އަނާލް ފުންނޭވާއެއްލަމުން އެ ހަމަހިމޭންކަން ފޫދުއްވާލިއެވެ.

"މިދުވަސްކޮޅު ކަންތައްތައް ހުރިގޮތުން އަހަރެން ބޭނުންވޭ މަސައްކަތުން ކުޑަ ބްރޭކެއް ނަގަން.. މަސއްކަތާ ހެދި ނޫން ކަމެއް ނޭނގެ އަހަރެން ވަރަށް ބޮޑަށް ސްޓްރެސް ވާ ދުވަސްކޮޅެއް، މަސައްކަތަކަށް ސަމާލުކަމެއް ނުދެވޭ... ހަފްތާއެއްހާ ދުވަހުގެ ބްރޭކެއް އަދި ނަގަން ބޭނުން، އަހަރެންގެ ސަބަބުން ބޭނުމެއްނުވޭ މަސައްކަތަށް ކުޑަވެސް ބުރޫއެއް އަރާކަށް" އަނާލް މަޑު މަޑުން ބުނެލިއެވެ.

އަނާލްގެ އަޑުގައިވި މާޔޫސްކަމުން އިތުރަށް ބުނާނީ ކީކޭކަން އިޒިއަން އަކަށް ނޭނގުނެވެ. މަސައްކަތާ ދުރަށް ދާން ބޭނުންނުވިޔަސް މަސައްކަތަށް ސަމާލްކަން ނުދެވި ބޮލުގައި ރިއްސާތީ އަނާލް ބޭނުންވީ ރަމްޔާ ގާތުން އިތުރު ސެޝަންތައް ނަގައިގެން ނަމަވެސް މީހާ ހަމައަކަށް އެޅިލުމަށް އަދި ވަގުތު ކޮޅެއް ދޭށެވެ. އެކަމާ އިޒިއަން ވެސް ދެބަހެއްނުވިއެވެ.

"އިޒް! އައި އެމް ސޮރީ، އަހަރެން ނަކީ ސައިކޮލޮޖިކަލީ ވަރަށް ބައިވަރު މައްސަލަތަކެއްހުރި މީހެއް. މި މަސައްކަތް އަހަރެން ކުރަން ނިންމި އެންމެ ބޮޑުއެއް ސަބަބު އަހަރެންގެ މާޒީ އަކީ. އަހަރެންފަދަ އެތައް ކުދިންނަކަށް ހިތްވަރުދިނުމަށް. އެހީތެރިކަން ފޯރުކޮށްދިނުމަށް، އަޅާލުމަށް، އިޒްއަށް ނޭގުނަސް އަހަރެންގެ މާޒީ އަކީ ވަރަށް ހިތި އެއްޗެއް. ދުވަހަކުވެސް އެކަން މަތިން ހަނދާން ނައްތައެއް ނުލެވޭނެ..." އަނާލްގެ އަޑު މަޑެވެ. އެ އަޑުގައި ނޭނގޭ ރިހުމެއް ވެއެވެ.

"ފަހަރަކު ކަމެއް އަހަރެންގެ ކުރިމައްޗަށް އަންނަން އުޅޭ ހެން ހީވަނީ، އިޒްއަށް އެނގޭތަ؟ އަހަރެން އެންމެ ދެކެން ބޭނުންނުވާ މީހާވެސް އެންމެ ފަހުން އަހަރެންގެ ކުރިމައްޗަށް އަރައިފި. އެތަށް ދުވަހަކަށްފަހު... ހީވާކަހަލަ އެމީހާއަށް އެއްވެސް ކަހަލަ އަސަރެއް ނުކުރެޔޭ... " އަނާލް ދެން ވެސް ވާހަކަ ދެއްކީ އިޒިއަން އެއްޗެއް ނުބުނުމުންނެވެ.

"ހިތްވަރުކުރޭ ނާލް!" އިޒިއަން އެންމެ ފަހުން ބުނެލިއެވެ.

"ކިހިނެތް އަހަރެން ހތްވަރުކުރާނީ އިޒް.... އިނގޭތަ... އަހަރެން އިންނަން ތައްޔާރު ކުރުވާފައި އެމީހަކު އެންމެ ފަހު ވަގުތު ހަދާލިގޮތް... އަހަރެން ދޫކޮށްލީ، ހުރިހާ ކަމެއް ނިމިފަ އޮއްވާ... ދުވަހަކުވެސް މިހިތަކުން ނުފިލާނެ" އަނާލް ހާމަކޮށްލި ހަގީގަތުން އިސްޖެހިފައި އިން އިޒިއަންއަށް ލިބުނު ޝޮކުގައި އިސް އުފުލާލެވި ދެލޯ ވެސް ބޮޑުކޮށްލެވިއްޖެއެވެ.

(ނުނިމޭ...)

https://sun.mv/114028

comment ކޮމެންޓް