ލަތީފު ހުށަހެޅި އިސްލާހު ނަގަން ޖޭޕީން ބާރު އެޅުމަށް އެމްޑީޕީން ގޮވާލައިފި

އެމްޑީޕީ ޕީޖީ ގުރޫޕުން ބޭއްވި ބއްދަލުވުމެއްގެ ތެރެއިން ---

ރައީސްކަން ކޮށްފައިވާ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލަތީފު އަބްދުﷲ ހުށަހެޅުއްވި އިސްލާހު ނަގަން ޖުމްހޫރީ ޕާޓީން ބާރުއެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ގޮވާލައިފިއެވެ.

ކުރީގެ ރައީސުން މަޖިލީހުގައި ތިއްބެވުން ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ ގާނޫނަށް ލަތީފް ހުށަހެޅުއްވީ މާއްދާއެއް އިތުރުކުރާށެވެ. އެއީ، ކުރީގެ ރައީސުން މަޖިލީހުގެ މެމްބަރުންނަށް ވާން ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅުމަށެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ޝަރުތުތައް ޤާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާއިރު، އެ ޝަރުތުތަކުން ބޭރުން އިތުރު ޝަރުތުތައް ކަނޑައެޅުމަށް ހުށަހަޅާ ހުށަހެޅުމަކީ ޤާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ.

އަދި އެއީ ޖޮއިންޓް ޕާރލަމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ މެމްބަރަކު މަސައްކަތްކުރުމަށް އޮންނަ އެންމެހައި އުސޫލުތަކާ ވެސް ހިލާފު ކަމެއް ކަމަށް އެމްޑީޕީ ޕީޖީ ގުރޫޕުގެ ބަޔާނުގައި ބުނެފައިވެއެވެ.

" ޤާނޫނުއަސާސީއާ ޚިލާފަށް ހުށަހަޅުއްވާފައިވާ އެ އިސްލާހު އަނބުރާ ނެންގެވުމަށް ގޮވާލާހިނދު، ޖުމްހޫރީ ޕާރޓީގެ ލީޑަރޝިޕުން އެކަމުގައި އިސް ދައުރެއް އަދާކުރައްވައި އެކަން ކަށަވަރުކޮށްދެއްވުމަށް ގޮވާލަން،" އެމްޑީޕީގެ ޕީޖީ ގުރޫޕުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީޕީ ޕީޖީ ގުރޫޕުން ބުނެފައިވަނީ އެ އިސްލާހަކީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ލަތީފު ހުށަހެޅުއްވި އިސްލާހެއް ކަމަށެވެ. އެހެންވީމަ އެ އިސްލާހު ނަގަން ޖެހޭ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

އެމްޑީޕީން އެގޮތަށް ގޮވާލާފައިވާއިރު ޖޭޕީން ވަނީ މީގެ ކުރިންވެސް އެ އިސްލާހު ނެގުމަށް ލަތީފަށް އަންގާފައެވެ. އެޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވީ އަބްދުއްލަތީފް ހުށަހެޅުއްވި ބިލްގެ ސަބަބުން ކޯލިޝަންގެ އެއް ލީޑަރު ކަމުގައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަސާސީ ހައްގެއް ގެއްލިދާނެ ފަދަ ކަމަކަށް ވާތީ އެ ބިލް އަނބުރާ ނެންގެވުމަށް ލަތީފަށް ދަންނަވާފައިވާ ކަމަށެވެ.

comment ކޮމެންޓް