ރައީސް ސޯލިޙުގެ ވެރިކަން ހިމާޔަތްކުރާނެ ބަޔަކީ ޖުމްހޫރީ ޕާޓީ: ޢަބްދުﷲ ރިޔާޒު

ޖެނުއަރީ 17، 2019: ކާނަލް ނާޒިމްގެ މަޖިލިސް ކެމްޕެއިން ރަސްމީކޮށް ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިޙުގެ ސަރުކާރު ހިމާޔަތް ކުރާނެ ބަޔަކަށް ވާނީ ޖުމްހޫރީ ޕާޓީ ކަމަށް، ސަރުކާރު ހިންގާ ކޯލިޝަންގެ ޖޮއިންޓް ޕާލިންޓަރީ ގުރޫޕުގެ ލީޑަރު، ކިނބިދޫ ދާއިރާ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ރޭ ވަނީ ރަސްމީކޮށް އިފްތިހާހު ކޮށްފައެވެ.

މި ރަސްމިސްޔާތުގައި ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ، އަންނަ އެޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބު ކާމިޔާބުކޮށް ޖުމްހޫރީ ޕާޓީ މެމްބަރުން އެކުގައި މަޖިލީހަށް ވަންނާނެ ކަމަށާއި ރައީސް ސޯލިހުގެ ސަރުކާރު ހިމާޔަތް ކުރާނެ ބަޔަކަށް ވަނީ ވެސް އެޕާޓީ ކަމަށެވެ.

"އަޅުގަނޑުމެން އެކުގައި މަޖިލީހަށް ވަންނާނެ. ޖުމްހޫރީ ޕާޓީ އޮންނާނެ. ކުލަ ގަދަކޮށް ﷲގެ ރަހްމަތްފުޅުން އޮންނާނެ. މިސަރުކާރުގެ ހިމާޔަތުގައި. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ހިމާޔަތް ކުރާނެ ބަޔަކަށް ވާނީ ޖުމްހޫރީ ޕާޓީ،" ޖުމްހޫރީ ޕާޓީ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ކަންވެސް ކުރައްވަމުން ގެންދަވާ ރިޔާޒު ވިދާޅުވިއެވެ.

ކާނަލް ނާޒިމްގެ މަޖިލިސް ކެމްޕެއިން ރަސްމީކޮށް ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރިޔާޒު ވިދާޅުވީ، ޖުމްހޫރީ ޕާޓީން އަބަދުވެސް ތާއީދު ކުރަނީ ޖުމްހޫރީ ވެރިކަމަކަށް ކަމަށާއި މަޖިލިސް ތެރޭގައިވެސް މި ސަރުކާރު ހިމާޔަތް ކުރާނެ ބަޔަކަށް ވާނީ ޖުމްހޫރީ ޕާޓީ ކަމަށެވެ.

"ރައްޔިތުން ބޭނުންވަނީ އެމީހުންގެ ބަސް އޮންނަ މީހަކު ގައުމު ހިންގުމުގައި ވެރިކަމުގައި ހުންނަން ކަން. އެ ނިންމުން އަދިވެސް އޮތީ. އެ ނިންމާއެކު އެ ނިންމުން ދިފާއު ކުރުމަށް މަޖިލީހުގައި މަސައްކަތް ކުރާނެ ބަޔަކަށް ޖުމްހޫރީ ޕާޓީ އިސް ސަފުގައި ވާނެ،" ރިޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ފާރަވެރިވާން ޖެހޭ. މިހާރުވެސް ސިޔާސީ މަސްރަހުގައި ހިނގާ ކަންތަކަށް އަޅުގަނޑުމެން ފާރަވެރިވާން ޖެހޭ،"

ސަރުކާރު ހިމާޔަތް ކުރުމަށްޓަކައި އެޕާޓީގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކުރާނީ ގާބިލް ތަޖުރިބާކާރު ބޭފުޅުން ކަމަށާއި ރާއްޖޭގެ ހުރިހާ ރައްޔިތުން ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑީޑޭޓުންނަށް ތާއީދު ކުރުމަށް ރިޔާޒު އެދިވަދައިގެންނެވިއެވެ.

"އެކަން ކުރުމަށްޓަކައި އަޅުގަނޑުމެން ދިވެހި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އާދޭހާއެކު އިލްތިމާސް ކުރަން ޖުމްހޫރީ ޕާޓީ ﷲގެ ރަހްމަތްފުޅުން ނެރޭނީ ކަމަށް ގާބިލު ތަޖުރިބާ ހުރި އެކަން ކުރެވޭނެ މީހުން. އެބޭފުޅުން ތިޔަ ހުރިހާ ބޭފުޅުން ތާއީދުކޮށްދެއްވާ، ޖުމްހޫރީ ޕާޓީގެ ކުލަ މަޖިލިސް ތެރޭގައި ފެންނާނެ ގޮތް ހަދައިދިނުމަށް އެއީ އަޅުގަނޑު ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ކުރާ އިލްތިމާސެއް،" ރިޔާޒު ވިދާޅުވިއެވެ.

ކާނަލް ނާޒިމްގެ މަޖިލިސް ކެމްޕެއިން ރަސްމީކޮށް ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރިޔާޒު އެގޮތަށް ވިދާޅުވިއިރު، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރައީސް އަދި ކުރީ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަނީ، ރައީސް ޞާލިހްގެ ސަރުކާރު ދެމިއޮންނާނީ އެމްޑީޕީ ޓިކެޓްގައި މަޖިލީހަށް ކުރިމަތިލައްވާ ކެންޑިޓޭޓުން މަޖިލީހަށް ހޮއްވަވައިގެން ކަމަށެވެ.

ރޭ ކާނަލް ނާޒިމް ކެޕްޕެއިން ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި، ސަރުކާރު ކޯލިޝަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވާނި އަނެއްކާވެސް ރައިސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކާފައެެވެ.

https://sun.mv/114157

މަޖިލިސް އިންތިހާބުގައި ސަރުކާރު ކޯލިޝަނުން ދާއިރާތައް ބަހާނެ ގޮތަކާ މެދު އަދިވެސް ކޯލިޝަން ލީޑަރުންގެ މެދުގައި ވަނީ ގޮތެއް ނުންނިމިފައެވެ.

comment ކޮމެންޓް