އަންހެނުން ޖަލަށް ވެއްދީ ބަރަހަނާކޮށް ޗެކް ކޮށްފައި: ކާނަލް ނާޒިމް

ކާނަލް ނާޒިމް އަދި އަނބިކަބަލުން އަފާފް: އަނބިކަބަލުން ބައްދަލުކުރަން ވަޑައިގަތުމުން ބަރަހަނާކޮށް ޗެކް ކުރާކަމަށް ނާޒިމް ވަނީ ވިދާޅުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭނާ ޖަލުގައި ހުންނެވިއިރު އަނބިކަބަލުނާ ބައްދަލުކުރެއްވީ ބަރަހަނާ ހާލުގައި ޗެކް ކުރުމަށްފަހު ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބްގައި ދަނގެތީ ދައިރާއަށް ވާދަކުރުމަށް ކެމްޕެއިން ފެށުމުގެ ގޮތުން ރޭ މާވެޔޮ މަގުގައި ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ، ޖަލުގައި ހޭދަކުރި ތިން އަހަރާއި ނުވަ މަހަކީ ހިތްދަތި ތަޖުރިބާއެއް ކުރެވުނު ދުވަސްތަކެއް ކަމަށެވެ. އެގޮތުން ޖަލުގައި ކުރިމަތިވި ދެ ކަމެއްގެ ވާހަކަ އޭނާ ހިއްސާ ކުރެއްވި އެވެ.

"އަޅުގަނޑުގެ އަންހެނުން އަޅުގަނޑާ ބައްދަލުކުރަން ދިޔައީމަ އޮރިޔާން ކޮށްފައި އަޅުގަނޑާ ބައްދަލުކުރަން ދާވާހަކަ ބުނީމަ ތިބޭފުޅުންނަށް ގަބޫލެއް މިއަދު ނުކުރެވޭނެ. އެކަމަކު ހަގީގަތަކީ އެއީ،" ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ދަރިން ދިޔައީމަ ދަރިންނާ ދޭތެރޭގައި ޖަލުގަ ކަންތައް ވެގެން ދިޔަ ގޮތް. އަންހެނުން ދިޔައީމަ އޮރިޔާން ކޮށްފައި އުޑުފައިން ބައިންދާފަ ޗެކްކޮށްފަ އަޅުގަނޑުމެން ކައިރިއަށް ވެއްދީމަ އެއީ ތޯ އަޅުގަނޑުމެން މިއަދު ދެކެން ބޭނޫންވާ ދުވަހަކީ."

ކާނަލް ނާޒިމްގެ މަޖިލިސް ކެމްޕެއިން ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލީ އެފަދަ ކަންތައްތައް ހުއްޓުވައި ގާނޫނު ހެދެމަށް ކަން ނާޒިމް ފާހަގަ ކުރެއްވި އެވެ. އަދި އެ ކަންތައްތައް ތަޖުރިބާކޮށްފައި ހުރުމުން ހުއްޓުވަން ފަސޭހެ ވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

"ތީގެ އެއްވެސް އަންހެން ބޭފުޅުނެއް ފިރިހެން ބޭފުޅެއް ބޭނުން ވޭތޯ އެހެން ވާން. ބޭނުމެއް ނުވާނެ. އެކަމަކު އަޅުގަނޑުމެން މިތިބީ އެކަން ތަޖުރިބާ ކޮށްފައި،" ނާޒިމް ވިދާޅުވި އެވެ.

މިއަހަރުގެ މަޖިލިސް ވެގެން ދާނީ ތެދުވެރި، ވަފާތެރި، އިޚްލާސްތެރި އަދި ގައުމަށް ޣައްދާރު ނުވާނެ ފަދަ ބައެއްގެ ގޮތުގައި ދެމިތިބޭނެ މަޖިލީހަކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް