މަޝްހޫރު ކުލަބެއްގެ ސްޕޮންސަރަކަށް ރާއްޖެ ވުމަކީ ހުވަފެނެއް!

ޔޫއެންޑަބްލިއުޓީއޯގެ 21 ވަނަ ޖެނެރަލް އެސެމްބްލީގެ ތެރެއިން: ވިސިޓް މޯލްޑިވްސް ޓައިޓަލް މަޝްހޫރު ބޮޑު ކުލަބެއްގައި ސޮޕޮންސަރަކަށް ވުމަކީ ޓޫރިޒަމް މިނިސްޓަރީގެ ހުވަފެނެއް -- ފޮޓޯ -- އެމްއެމްޕީއާރުސީ

ދުނިޔޭގެ މަޝަހޫރު ކުލަބެއްގެ ސްޕޮންސަރަކަށް ރާއްޖެ ވުމަކީ ދެކެމުން އަންނަ ހުވަފެނެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިއަދު ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް ގިނަ ކަންތައްތަކެއް ރޭވިފައިވާ ކަމަށާއި އެންމެ ބޮޑު ހުވަފެނަކީ ރާއްޖޭގެ "ވިޒިޓް މޯލްޑިވްސް" ޓަައިޓަލް ދުނިޔޭގެ މަޝްހޫރު ކުލަބެއްގެ ސޮޕްންސަރަކަށް ވުން ކަމަށެވެ.

"އަޅުގަނޑުމެންގެ ހުވަފެނެއް އެއީ ދިވެހި ރާއްޖޭގެ ވިޒިޓް މޯލްޑިވްސް ޓައިޓަލް ދުނިޔޭގެ ބޮޑު ކުލަބެއްގެ ސްޕޮންސާޝިޕްގައި ހިމެނިގެން ދިޔުން،" ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ އެހުވަފެން ހަގީގަތަކަށް ވެގެން ދިޔުމަކީ، ދިވެހީންނަށް ލިބިގެން ދާނެ ވަރަށް ބޮޑު އުފަލެއް ކަމަށާއި ރާއްޖެ މާކެޓް ކުރުމަށް ވެސް ކުރެވިދާނެ ކަމެއް ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

އަލީ ވަހީދު ވަނީ ކުރިއަށް އޮތް ތިން މަހުގައި ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް މިނިސްޓްރީގެ ޝެޑިއުލް ނޫސްވެރިނާ ހިއްސާކޮށްފައެވެ.

އެގޮތުން ދުބާއީގައި ބާއްވާ ދުނިޔޭގެ މަޝްހޫރު ރެއާލް މެޑްރިޑް ފަދަ ކުލަބުތައް ބަައިވެރިވާ 13 އަހަރުން ދަށުގެ އިންޓަ ކޮންޓިނެންޓަލް މުބާރާތުގައި ރާއްޖެ އިސްތިހާރުކުރުމުގެ މަސައްކަތުގައި ދުބާއީ އަށް ފެބްރުއަރީ މަސްތެރޭ މިނިސްޓްރީގެ ފަރާތުން ދަތުރު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އޭގައި އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖެ އިސްތިހާރު ކުރުމަށްޓަކައި އިތުރު އިވެންޓްސްތަށް ރާއްޖެއަށް ގެނައުމާއި އަދި އަޅުގަނޑުމެންގެ ސްޕޯޓްސް ޓުއަރިޒަމް ކޮމްޕޯނަންޓް އެމްޕަވާ ކުރުމަށްޓަކައި ވަސީލަތް ގާއިމު ކުރުމުގައި އަޅުގަނޑުމެންނަށް ޓޫރިޒަމް ތެރެއިން ކުރެވޭނީ ކޮންކަމެއްތޯ ދެނެގަތުން،" ދުބާއީ އަށް ކުރައްވާ ދަތުރުފުޅާ ގުޅޭގޮތުން އަލީ ވަހީދު ވިދާޅުވިއެވެ.

މި ދަތުރުފުޅަކީ މިދިޔަމަހު ރާއްޖެއައު ރެއާލް މެޑްރިޑްގެ ލެޖެންޑު މިޝެލް ސެލްގާޑޯއާ އެކު ކުރުވުނު މަޝްވަރާތަކުގެ ދެވަނަ ފޭސް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ފެބުރުއަރީ މަސްތެރޭ އިންޑިއާގައި ޓައިމްސް އިންތިޒާމްކުރާ ފަސް ވަނަ ގްލޯބަލް ސަމިޓްގައި ބައިވެރިވުމުގެ އިތުރުން މާޗު މަހު ބާއްވާ އައިޓީބީ ބާލިން ފެއާއަށް ތައްޔާރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެ އިސްތިހާރު ކުރުމަށް ބޮޑެތި މާޝްހޫރު ޗެެނެލްތަކަށް!

ރާއްޖެ މާކެޓް ކުރުމަށް އެ މިނިސްޓްރީން އިތުރަށް ކުރައްވަމުން ގެންދާ މަސައްކަތްތައް ވެސް އަލީ ވަހީދު ވަނީ ނޫސްވެރިންނާ ހިއްސާ ކުރެއްވާފައެވެ. އެގޮތުން ނިިމިދިޔަ ދުވަސްތަކުގައި ރާއްޖެ އިސްތިހާރު ކުރުމަށް ދުނިޔޭގެ މަޝްހޫރު ވަރުގަދަ ދެ ޗެނެލް ކަމައްވާ، ސީއެންއެން އަދި ނޭޝަނަލް ޖިއޯގްރަފިކް ޗެނެލް އާ މަޝްވަރާ ކުރައްވާފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

"މި ބައްދަލު ކުރެއްވުން ތަކުގެ ބޭނުމަކީ، ރާއްޖޭގެ ޓޫއަރިޒަމް އިސްތިހާރު ކުރުމާއި ރާއްޖޭގެ ޓޫރިޒަމް މިހާރަށް ވުރެ ވަރުގަދަ ކުރުމަށް ކުރެވޭނެ މަސައްކަތްތަށް ދެނެގަތުން،" އަލީ ވަހީދު ވިދާޅުވިއެވެ.

comment ކޮމެންޓް