ތިންވަނަ ކުއާޓަރުގައި ހޯލްސޭލް ރީޓެއިލް ވިޔަފާރިތައް މަޑުޖެހުނު

މާލޭގެ ފިހާރައެއްގެ ތެރެ -- ސަން ފޮޓޯ/ފަޔާޒު މޫސާ

މިދިޔައަހަރުގެ ތިންވަނަ ކުއާޓަރުގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތައް މަޑުޖެހިފައިވާކަމަށް އެމްއެމްއޭގެ ކުއާޓާލީ ބިޒްނަސް ސާވޭ ރިޕޯޓުގައި ބުނެފިއެވެ.

މިދިޔަ އޮކްޓޯބަރުމަހު ކުރިއަށްގެންދިޔަ މި ސާވޭގައި ބައިވެރިވެފައިވަނީ ފތުރުވެރިކަން، އިމާރާތްކުރުން، ތަކެތި އުފެއްދުން އަދި، ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގައި ހިމެނޭ 110 ވިޔަފާރިއެކެވެ. ސާވޭގެ ނަތީޖާއަށް ބަލާއިރު، ފަތުރުވެރިކަމުގެ އޮފް ސީޒަނަށްވިޔަސް ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރި ރަނގަޅުކަމަށް ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ތަކެތި އުފެއްދުމުގެ ދާއިރާވެސް އެ މުއްދަތުގައި ކުރިއަރާފައިވާކަމަށް އެ ސާވޭ ރިޕޯޓުގައިވެއެވެ.

އެ ސާވޭގައި ބައިވެރިވި ވިޔަފާރިތަކުން ބުނެފައިވަނީ އަހަރުގެ ފަހު ކުއާޓަރުގައި ވިޔަފާރި އިތުރަށް ރަނގަޅުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް އިމާރާތްކުރުމުގެ ދާއިރާ އެ މުއްދަތުގައި ކުރިއަރާނެކަމަށް ލަފާނުކުރެވޭކަމަށް ބުނެފައިވެއެވެ. އިމާރާތްކުރުމުގެ ސިނާއަތުގެ ގިނަ ވިޔަފާރިތަކުން ބުނެފައިވާ ގޮތުގައި ވިޔަފާރީގެ ކުރިއެރުމަށް ހުރި މައިގަނޑު ގޮންޖެހުންތަކަކީ ހިދުމަތްތަކުގެ އަގަށް ލިބެންޖެހޭ ފައިސާ ލިބުން ލަސްވުމާއި ފަންނީ މުވައްޒަފުން ލިބުން ދަތިވުމާއި ލޯނު އަދި މުދަލާއި ހިދުމަތަތްތައް ކްރެޑިޓަށް ހޯދުން ދަތިވުންކަމަށް ސާވޭ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މުވައްޒަފުންނަށާއި ތަކެތި ގަތުމަށް ކުރާ ހަރަދަށް ބަލާއިރު، ތަކެތި އުފެއްދުމުގެ ސިނާއަތް އަދި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިކުރުމުގެ ސިނާއަތުގައި ހިމެނޭ ގިނަ ވިޔަފާރިތަކުން ބުނެފައި ވަނީ ތިން ވަނަ ކުއާޓަރުގައި އެފަރާތްތަކުގެ ވިޔަފާރީގެ ހަރަދުތައް ހުރީ ދެވަނަ ކުއާޓަރާ އެއް ހަމައެއްގައި ކަމެވެ. ހަމައެއާއެކު، އިމާރާތް ކުރުމުގެ ސިނާއަތާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ގިނަ ވިޔަފާރިތަކުން ފާހަގަކޮށްފައިވަނީ އެފަރާތްތަކުން މުވައްޒަފުންނަށް ހިނގާ ޙާރަދުތައް ކުރީ ކުއާޓަރެކޭ އެއްހަމައެއްގައި ހިފެހެއްޓިފައިވީ ނަމަވެސް، ތަކެތި ގަތުމަށް ވިޔަފާރިތަކުން ކޮށްފައިވާ ހަރަދުތައް އިތުރުވެފައިވާ ކަމެވެ.

ސާވޭގައި ބައިވެރިވި ވިޔަފާރިތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ އަދަދަށް ބަލާއިރު، 2018 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ތިންވަނަ ކުއާޓަރުގައި ތަކެތި އުފެއްދުމުގެ ސިނާއަތް ފިޔަވާ އެހެން ހުރިހާ ދާއިރާތަކަށް ބޮޑު ބަދަލެއް އައިސްފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.

އެހެންނަމަވެސް، އުފެއްދުންތެރިކަމުގެ ސިނާއަތުގެ ގިނަ ފަރާތްތަކުން ވަނީ މިކުއާޓަރުގެ ތެރޭގައި މުވައްޒަފުންގެ އަދަދު ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައިވާކަން ހާމަކޮށްފައެވެ. މިދާއިރާތަކުގެ ކުރިމަގަށް ބަލާއިރު، އިމާރާތްކުރުމުގެ ސިނާއަތް ފިޔަވާ ހުރިހާ ސިނާއަތްތަކުން ހާމަކޮށްފައި ވަނީ ހަތަރުވަނަ ކުއާޓަރުގައިވެސް އެ ސިނާއަތްތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ އަދަދު ހުންނާނީ ތިންވަނަ ކުއާޓަރާ އެއްހަމައެއްގައި ކަމަށެވެ. އިމާރާތް ކުރުމުގެ ސިނާއަތުގެ ގިނަ ވިޔަފާރިތަކުން ލަފާކޮށްފައިވަނީ ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ އަދަދު ހަތަރުވަނަ ކުއާޓަރުގައި މަދުވާނެކަމަށެވެ.

comment ކޮމެންޓް