ވިޔަފާރިވެރިންގެ މަހާސިންތާއެއް އަންނަ މަހު ބާއްވަނީ

މާލޭގެ ފިހާރައެއްގައި ބަޔަކު ވިޔަފާރިކުރަނީ -- ސަން ފޮޓޯ/ފަޔާޒު މޫސާ

ރާއްޖޭގެ ވިޔަފާރީގެ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވާ ދަތިތައް ހޯދުމަށާއި ސިޔާސަތުތައް އިސްލާހުކުރުމަށާއި އެކި ދާއިރާތަކުން ވިޔަފާރިތަކުގެ ހިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި "ބިޒްނަސް ކޮންވެންޝަން"ގެ ނަމުގައި މަހާސިންތާއެއް ބާއްވަން ނިންމައިފިއެވެ.

ބިޒްނަސް ކޮންވެންޝަނަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން އިސްނަގައިގެން އަންނަ މަހުގެ ތެރޭގައި ބާއްވަން ހަމަޖެހިފައިވާ މަހާސިންތާއެވެ.

މި ކޮންވެންޝަން އޮންނާނީ ފެބްރުއަރީ މަހުގެ 26 އަދި 27 ވަނަ ދުވަހުއެވެ.

އިކޮނޮމިކް މިނިސްޓްރީން ގެޒެޓުކުރި އިއުލާނެއްގައި ބުނި ގޮތުގައި، މި ކޮންވެންޝަންގެ އަމާޒަކީ ވިޔަފާރިވެރިންނަށް ދިމާވާ ދަތިތަކާއި، އެކުވާލެވިފައިވާ ސިޔާސަތުތައް އިސްލާހުކޮށް، އަދި ހިދުމަތްތަކަށް ލުއިފަސޭހަކަމެއް ލިބިދާނެ ކަންތައްތަކާއި ހިޔާލު ހޯދުމެވެ.

އެހެންކަމުން މިނިސްޓްރީން ވަނީ ޚިޔާލު ހޯދާނެ ބައެއް ދާއިރާތައް ކަނޑައަޅާފައެވެ.

އެ ދާއިރާތަކަކީ:

  • ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމަށް ގައުމީ ފެންވަރުގައި ކުރެވިދާނެ ކަންތައްތައް
  • މަސައްކަތްތެރީންނާއި އިގްތިޞާދު
  • ކުދި އަދި މެދު ފަންތީގެ ވިޔަފާރި
  • ދަނޑުވެރިކަމުގެ ދާއިރާއިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ވިޔަފާރިގެ ދާއިރާ ތަރައްގީކުރުންއަންހެން ވިޔަފާރިވެރިން
  • ދިވެހިރާއްޖޭގެ ޓެކްސް ނިޒާމް

ހުށަހަޅާ ކަރުދާހުގައި ހިމަނަންޖެހޭ ކަންކަމުގެ ތެރޭގައި އެ ދާއިރާއަކާ ގުޅިގެން މިހާރު އަމަލުކުރަމުންދާ އުސޫލާއި، ގުޅުންހުރި ގާނޫނުތަކާއި، ހުރި ގޮންޖެހުންތަކާއި އަދި އެ ގޮންޖެހުންތަކަށް ހުށަހަޅާ ހައްލު ހިމެނެއެވެ.

މިނިސްޓްރީން ބުނީ ފެބްރުއަރީ 14 ވަނަ ދުވަހުގެ ނިޔަލަށް ކަރުދާސް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ހުށަހަޅާ ކަރުދާސްތަކުގެ ތެރެއިން އެންމެ ރަނގަޅު ކަރުދާސްތައް މިނިސްޓްރީން ހޮވާނެ ކަމަށާއި، އެ ކަރުދާސްތައް ޕްރެޒެންޓުކުރުމުގެ ފުރުސަތުވެސް ލިބޭނެ ކަމަށެވެ.

އަދި އިކޮނޮމިކް މިނިސްޓްރީން ގަވައިދުތަކާއި ސިޔާސަތުތައް ކަނޑައެޅުމުގައި، ބިޒްނަސް ކޮންވެންޝަނަށް ހުށަހަޅާ ކަރުދާސްތަކަށް ރިއާޔަތްކުރާނެކަމަށް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް