ރާއްޖޭގައި ނުގަވައިދުން އުޅޭ 63000 އަށްވުރެ ގިނަ ބިދޭސީން!

ބިދޭސިންތަކެއް ޖުމްހޫރީ މައިދާނުގައި. ނުގަވައިދުން އުޅޭ ބިދޭސިންގެ މައްސަލަ ބޮޑު --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ނުގަވައިދުން އުޅޭ 63000 ބިދޭސީން ރާއްޖޭގައި އެބަތިބިކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) މިއަދު ވިދާޅުވީ ވޯކްވިސާގައި މިހާތަނަށް 1،44،607 ބިދޭސީން ރާއްޖެ ގެނެސްފައިވާކަމަށެވެ.

"އޭގެ ތެރޭގައި ނުގަވައިދުން އުޅޭކަމަށް ލަފާކުރެވޭ އަދަދަކީ 63000. ކޯޓާ ދޫކުރެވިފައިވާ އުސޫލުން ބޭރުން ކުދި ކެފޭތަކަށްވެސް 100 ކޯޓާ ވަނީ ދޫކުރެވިފައި. ގެސްޓް ހައުސްތަކަށްވެސް 80 ކޯޓާ ދޫކުރެވިފައި. އުސޫލަށް ބެލުމެއް ނެތި މިކަންތައް ވަނީ ހިނގާފައި،" އޭނާ ވިދާޅުވިއެވެ.

ހަނަފީ ވިދާޅުވީ، އިމިގްރޭޝަނާމެދު ރައްޔިތުން ދެކޭގޮތް ވަރަށް ބޮޑަށް ކިލަނބުވެފައިވާ ކަމަށެވެ.

"ބައެއް ޕްރޮޖެކްޓްތަކަށް އެބަހުރި 3700 ކޯޓާވެސް ދޫކޮށްފައި އުސޫލުން ބޭރުން،"

ރާއްޖޭގައި ނުގަވައިދުން އުޅޭ ބިދޭސީންގެ އަދަދު ގިނައިރު، ބިދޭސިން ގަވައިދާ ހިލާފަށް އުޅުން ހުއްޓުވޭނީ އާންމުންގެ އެއްބާރުލުން ލިބިގެން ކަމަށް ކޮންޓްރޯލާ ވިދާޅުވިއެވެ.

އިމިގްރޭޝަން ގަވައިދާ ހިލާފަށް ޖިނާއީ ކުށްތަކުގައި 2018 ވަނަ އަހަރު 112 ބިދޭސިން ޑީޕޯޓު ކުރެވިފައިވާ ކަމަށް ކޮންޓްރޯލާ ވިދާޅުވިއެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކާއި، ވައްކަން، ރާއްޖޭގެ ގާނޫނާ ހިލާފުވުން ފަދަ ކުށްތަކުގައި ހައްޔަރު ކުރެވުނު ބިދޭސިން ހިމެނޭ ކަމަށް ކޮންޓްރޯލާ ވިދާޅުވިއެވެ.

"ސިއްހީ ދުޅަހެޔޮކަން ރަނގަޅު ނުވުމުގެ ސަބަބުން ރާއްޖެއިން ފޮނުވާލާފައިވާ ބިދޭސިންގެ އަދަދުވެސް މިދިޔަ އަހަރު ވަނީ އިތުރުވެފައި. 2017 ގައި ޖުމްލަ 434 މީހުން މެޑިކަލީ އަންފިޓް ވެގެން ވަނީ ފޮނުވާލާފައި. އެކަމަކު 2018 ގައި 531 އަށް މިއަދަދު އުފުލުނު،"

ހަނަފީ ވިދާޅުވީ ފިލައިގެން އުޅޭ ބިދޭސިންގެ އަދަދުވެސް އިތުރު ވެފައިވާ ކަމަށެވެ. ފިލައިގެން އުޅޭ 2734 ބިދޭސީއެއް މިދިޔަ އަހަރު ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް "ސްޓިންގް ރޭ"ގެ ނަމުގައި އޮޕަރޭޝަނެއް ފަށާފައިވާ ކަމަށާއި އެއް އަހަރު ދުވަހަށް ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި ބިދޭސީންގެ ކަންތައް ބަލައި، އަނބުރާ ގައުމަށް ދިއުމުގެ ފުރުސަތު ނުގަވައިދުން އުޅޭ މީހުންނަށް ދޭނެ ކަމަށް ހަނަފީ ވިދާޅުވިއެވެ. އަދި މުއްދަތެއް ދިނުމަށްފަހު އަމިއްލައަށް ގައުމަށް ނުދާ ބިދޭސިން ފޮނުވާލުމުގެ މަސައްކަތްވެސް އިމިގްރޭޝަނުން ކުރާނެ ކަމަށާއި، އިމިގްރޭޝަން ގާނޫނުގައި ހުރި ލޫޕް ހޯލްސް ތައް ފާހަގަކޮށް އެކަންތައް އިސްލާހުކުރުމަށްފަހު އާ ގާނޫނެއް އެކުލަވާލުމަށް މަސައްކަތް ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ނުގަވައިދުން ދޫކޮށްފައި ހުރި ކޯޓާތައް ކެންސަލްކޮށް، އެ ކޯޓާތައް ދޫކޮށްފައިވާ ފަރާތްތައް ޖޫރިމަނާ ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނުގަވައިދުން ކަމެއް ކޮށްދިނުމަށްއެދި އިމިގްރޭޝަން ކޮންޓްރޯލަރަށް އަދި އިމިގްރޭޝަނުގެ އެއްވެސް މުވައްޒަފަކަށް ނުގުޅުމަށް އަދި އެފަދަ ކަމަކަށް އެދި ހުށަނޭޅުމަށް ހަނަފީ ވަނީ ރައްޔިތުންގެ ކިބައިން ތަކުރާރުކޮށް އެދިލައްވައިފައެވެ.

comment ކޮމެންޓް