ރޮނާލްޑޯގެ ލަނޑުން މޮޅުވެ، ސުޕާ ކޮޕާގެ ތަށި ޔުވެންޓަސް އުފުލާލައިފި

މިލާން ކޮޅަށް ގޯލް ޖެހުމަށް ފަހު ރޮނާލްޑޯ އުފާ ފާޅުކުރަނީ -- ޕީޓާ ހެންސަން

ކުރިސްޓިއާނޯ ރޮނާލްޑޯގެ ގޯލާ އެކު އެންމެ ވާދަވެރި އޭސީ މިލާން ބަލިކޮށް ޔުވެންޓަސް އިން އިޓަލީގެ ސުޕާ ކޮޕާ އުފުލާލައިފި އެވެ.

ރޭ ކުޅުނު މެޗުގެ ހަމަ އެކަނި ގޯލް ދެ ވަނަ ހާފުގައި މިރަލެމް ޕިޔަނިކް ނަގައިދިން ހުރަހަކުން ގޯލުގެ ތެރެއަށް ފޮނުވާލާފައި ވަނީ ކުރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މީ މިސީޒަނުގައި ޔުވެންޓަސް އަށް ކާމިޔާބު ކޮށްދީފައިވާ 16 ވަނަ ގޯލެވެ.

މިލާން ކޮޅަށް ގޯލް ޖެހުމަށް ފަހު ރޮނާލްޑޯ އުފާ ފާޅުކުރަނީ -- ޕީޓާ ހެންސަން

އިޓަލީގެ އެންމެ ކާމިޔާބު ދެ ޓީމުގެ ދެމެދުގައި ކުޅުނު މި މެޗަކީ ބެލުންތެރިން ޝައުގުވެރި ކުރުވި އެތަކެއް "ޑުރާމާ"ތަކެއް ފެނިގެން ދިޔަ ފޯރި ގަދަ މެޗެކެވެ. އެގޮތުން މިލާންގެ މިޑްފީލްޑަރު ފުރޭންކް ކެސީ ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ ރަތް ކާޑެއް ދައްކައި އޭނާ ދަނޑުން ފޮނުވާލި އެވެ. އަަދި މުޅި މެޗުގައި އިތުރު ހަތް ރީނދޫ ކާޑެއް ވަނީ ފެނިގެން ގޮސްފަ އެވެ.

އޭސީ މިލާންގެ ކުރީގެ ކުޅުންތެރިޔާ އަދި މިހާރު އެ ޓީމުގެ ކޯޗުކަން ކުރަމުން އަންނަ ގެނާރޯ ގަޓޫސޯގެ މެޗަށް ޓީމު ނެގި އިރު، އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ގޮންޒަލޯ ހިގުއަން ހިމަނާފައެއް ނުވެ އެވެ. ހިގުއަން ޗެލްސީއަށް ބަދަލު ވާން އުޅޭ ކަމުގެ އޯލަ ވާހަކަތައް ފެތުރިފައިވާ މި ދަނޑިވަޅުގައި އޭނާ ބެންޗުގައި ބޭންދުމުން ގިނަ ބައެއްގެ ފާޑު ކިޔުން ކޯޗަށް ވަނީ އަމާޒުވެފަ އެވެ.

ކުރިސްޓިއާނޯ ރޮނާލްޑޯ މިލާން ގެ ގޯލަށް ބޮލުން ޖަހާ މަންޒަރު -- ބީބީސި ސްޕޯޓްސް

"ޓީމުގެ ކުޅުމާ ދޭތެރޭ ވަރަށް ހިތްހަމަ ޖެހޭ. ގިނަ ފުރުސަތުތަކެއް އުފައްދައި މެޗުން މޮޅުވި ގޯލް ޖަހައިދެވުނީތީވެ، އަހަރެން ވަރަށް އުފާވޭ." މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ރޮނާލްޑޯ ބުންޏެވެ.

"މީ އަދި ފެށުމެއް. މި އަހަރު ތައްޓަކާ އެކު ފެށުމަކީ އަހަރެންގެ އުންމީދެއް. މިއީ ޔުވެންޓަސްއާ އެކު އަހަންނަށް ލިބުނު ފުރަތަމަ ޓުރޮފީ،"

އިޓަލީ ލީގުގެ އެއްވަނާގައި ޔުވެންޓަސް ވަނީ ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ލީގުގައި 13 ގޯލް ޖަހައި މިވަގުތު ޓޮޕް ސްކޯރާއަކީ ވެސް ރޮނާލްޑޯ އެވެ. މި ސީޒަނުގައި ޔުވެންޓަސް ލީގުގެ އެއްވެސް މެޗަކުން މިހާތަނަށް ބަލިވެފައެއް ނުވެ އެވެ.

"އަހަރަމެންގެ އެންމެ ބޮޑު ޓާގެޓަކީ މިފަހަރުގެ ލީގު ވެސް ޔުވެންޓަސް އަށް ކާމިޔާބު ކުރުން. މިވަގުތު ޓީމު އެއްވަނާގައި އޮތް ނަމަވެސް އަދި މުބާރާތުގެ ބޮޑުބައި އޮތީ. ވީމާ ހުރިހާ ކުޅުންތެރިން ވެސް ގަދަ އަޅާ މިކަން ކާމިޔާބު ކުރަން މަސައްކަތް ކުރަންވީ." ރޮނާލްޑޯ އޭނާގެ ވާހަކަ އިތުރު ކުރަމުން ބުންޏެވެ.

comment ކޮމެންޓް