ނައިރޯބީގެ ހޮޓަލަށް ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 21އަށް އަރައިފި

ނައިރޯބީގެ ހޮޓެލް ކޮމްޕްލެކްސްއަށް ހަމަލާ ދިން މީހުން ސީސީޓީވީ ފުޓެޖުން ފެނޭ -- ފޮޓޯ: ރޮއިޓާސް

ނައިރޯބީ (ޖެނުއަރީ 17): ކެންޔާގެ ވެރިރަށް ނައިރޯބީގައި ހުންނަ ލަގްޒަރީ ހޮޓެލް އަދި އޮފީސް ކޮމްޕްލެކްސްއަކަށް ހަތިޔާރު އަޅައިގެން ތިބި ބަޔަކު ވަދެ ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 21 އަށް އަރައިފި އެވެ.

ކެންޔާގެ ރެޑް ކްރޮސް އިން ބުނި ގޮތުގައި އަންގާރަ ދުވަހުގެ މެންދުރު ފަހުން ފެށިގެން 19 ގަޑި އިރަށް ދެމިގެން ދިޔަ އެހަމަލާގައި 28 މީހަކަށް އަނިޔާވެފައިވެ އެވެ. އަދި ހަމަލާ ދިން ވަގުތު އެއިމާރާތުގައި ތިބި 19 މީހަކަށް ވީގޮތެއް އަދި އެނގިފައި ނުވެ އެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އެހަމަލާގައި މަރުވި މީހުންގެ ތެރޭގައި ކެންޔާގެ 16 މީހަކާއި އިނގިރޭސި ރައްޔިތަކާއި އެމެރިކާގެ ރައްޔިތެއް ހިމެނެ އެވެ. އަދި ތިން މީހެއްގެ މައުލޫމާތު އަދި ޔަގީންވެފައި ނުވެ އެވެ.

ސޯމާލިއާގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އަލް ޝަބާބުން ވަނީ އެ ހަމަލާގެ ޒިންމާ ނަގައިފަ އެވެ. އަދި ކެންޔާގެ ރައީސް އުހުރޫ ކެންޔައްޓާ ވަނީ އެހަމަލާގައި ބައިވެރިވީ ފަސް މީހުން ކަމަށާއި އެފަސް މީހުން ވެސް މަރުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އަލް ޝަބާބުން ނެރުނު ބަޔާނަކާ ހަވާލާދީ ރޮއިޓާސްގައިވާ ގޮތުން އެޖަމާއަތުން އެހަމަލާ ދިނީ، ގުދުސަކީ އިސްރާއީލްގެ ވެރިރަށް ކަމަށް އެމެރިކާއިން ބަލައިގަތުމުން އެނިންމުމަށް ރައްދު ދިނުމުގެ ގޮތުންނެވެ. ގުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އެމެރިކާއިން ބަލައިގަތީ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވި ފަހުން މިދިޔަ އަހަރެވެ.

ސޯމާލިއާގައި އަލް ޝަބާބުގެ ބާރު ކަނޑުވާލުމަށް ކެންޔާއިން އެގައުމަށް 2011 ވަނަ އަހަރު ސިފައިން ފޮނުވި ފަހުން އަލް ޝަބާބުން ވަނީ ކެންޔާގައި ގިނަ އަދަދެއްގެ ހަމަލާތަކެއް ދީފަ އެވެ. އެގޮތުން 2013 ވަނަ އަހަރު އަލް ޝަބާބުން ނައިރޯބީގެ ޝޮޕިން މޯލްއަކަށް ދިން ހަމަލާއެއްގައި 67 މީހުން މަރުވެފައިވެ އެވެ. އަދި އޭގެ ދެ އަހަރު ފަހުން ކެންޔާގެ ޔުނިވާސިޓީއަކަށް ދިން ހަމަލާއެއްގައި 150 މީހުން މަރާފައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް