ބްރެގްޒިޓްގައި އެއްބަސްވުމަކަށް ދިޔުމުގެ ފުރުސަތު އަދި ނުގެއްލޭ: މޭ

ތެރޭސާ މޭ

ލަންޑަން (ޖަނަވަރީ 17): ޔޫރަޕްގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމާބެހޭ އެއްބަސްވުމަށް މިވަގުތު ހައުސް އޮފް ކޮމަންސްގެ ރުހުން ނުލިބުނު ނަމަވެސް އެކަން ހައްލުކުރެވި އެއްބަސްވުމަކާ ހަމައަށް ދިޔުމުގެ ފުރްސަތު އެބައޮތް ކަމަށް އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ލޭބަރ ޕާޓީން ތެރީސާގެ މައްޗަށް ނަގަން މަސައްކަތްކުރި އިތުބާރުނެތްކަމުގެ ވޯޓުން ހަނިގޮތަކަށް ސަލާމަތްވެ ވަޑައިގަތުމަށްފަހު ދެއްވި ބަޔާނެއްގައި ތެރޭސާ ވިދާޅުވީ ހައުސްގެ މެންބަރުން އަމިއްލަ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްކޮށްފިނަމަ ބްރެގްޒިޓްގެ ކަންތައް ފުރިހަމަ އެއްބަސްވުމަކާއެކު ނިންމާލެވެނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. އަދި ހައުސްގައި ހިމެނޭ ކޮންޒަވެޓިވް ޕާޓީގެ މެންބަރުން މިކަމާމެދު ވިސްނާނެ ކަމަށާއި އެއްބަސްވުމަކާ ނުލައި ޔޫރަޕްގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމަކީ ކާރިސާ އެއްކަމަށް ތެރީސާ ސިފަކުރެއްވިއެވެ.

އިދިކޮޅު ލޭބަރ ޕާޓީން ތެރީސާގެ މައްޗަށް ނަގަން މަސައްކަތްކުރި އިތުބާރުނެތްކަމުގެ ވޯޓުން އެކަމަނާ ސަލާމަތްވެ ވަޑައިގެންފައިވަނީ 19 ވޯޓުގެ ތަފާތަކުންނެވެ. އެކަމަނާގެ އިތުބާރުނެތްކަމަށް 306 މެންބަރުން ވޯޓު ދިންއިރު 325 މެންބަރުން ވޯޓު ދީފައިވަނީ އިތުބާރު އޮތްކަމަށެވެ. ތެރީސާގެ ބަޔާނުގައި ބްރެގްޒިޓްގެ އެއްބަސްވުމާމެދު ހައުސް ބޭއްވި ބަހުސްގައި އިދިކޮޅު ލޭބަރ ޕާޓީގެ ޒައީމް ޖެރިމީ ކޮބިން ބައިވެރިވެ ވަޑައިގެންފައިނުވާތީ ކޮބިން އަށް ފާޑުވިދާޅުވިއެވެ.

ބްރެގްޒިޓްގެ އެއްބަސްވުމަށް ހައުސް އޮފް ކޮމަންސްގެ ބޮޑު އަޣްލަބިއްތަކުން އަންގަރަ ދުވަހު ނޫނެކޭ ބުނެފައިވާއިރު ތެރޭސާ ގެ ކުރިމަތީގައި މިހާރު އޮތީ ހައުސް އިން ދެކޮޅުހެދި އެއްބަސްވުމަށް ޔޫރަޕްގެ އިއްތިޙާދާ ވާހަކަ ދައްކައިގެން ކުދިކުދި އިސްލާހް ތައް ގެނަސް އެ އެއްބަސްވުމަށް ރުހުން ދިނުމުގެ މުހިއްމުކަން ހައުސް އޮފް ކޮމަންސްގެ ކޮންޒަވެޓިވް މެންބަރުންނަށާ އަދި އިދިކޮޅު ބައެއް މެންބަރުންނަށް ވިސްނައި ދިނުމަށްފަހު އަލުން ހައުސްގެ ވޯޓަކަށް އެހުމެވެ.

އެނޫން ހައްލުތައް ކަމަށްވާ އެއްބަސްވުމަކާނުލައި ޔޫރަޕްގެ އިއްތިޙާދުން ވަކިވުން ނޫނީ މިއަށްވުރެ ފައިދާބޮޑު އެއްބަސްވުމަކަށް ދިޔުމަށް ޔޫރަޕާއެކު އަލުން ވާހަކަތައް ފެށުން ނޫނީ ބްރެގްޒިޓާ ބެހޭގޮތުން ރައްޔިތުން ދެކޭ ގޮތް ބެލުމަށް އިތުރު ވޯޓެއް ނެގުން ފަދަ އިތުރު ހައްލަކަށް މިހާރު ފުރްސަތުނެތްކަމަށް ތެރޭސާ ގަބޫލުކުރައްވައެވެ. މިހާރު ތެރީސާގެ ކުރިމަތީގައި އޮތީ ބްރެގްޒިޓްގެ މައްސަލަ ހައްލު ކުރުމާމެދު އޭނާގެ ސަރުކާރުން ނިންމާ ގޮތެއް އަންނަ ހަފްތާގައި ހައުސް އޮފް ކޮމަންސަށް އެންގުމެވެ.

ބްރެގްޒިޓްގެ އެއްބަސްވުމާ ދެކޮޅުހަދައި ހައުސް އޮފް ކޮމަންސުން ނެގި ވޯޓަށްފަހު ޔޫރަޕްގެ ލީޑަރުންވެސް ވަނީ އެބޭފުޅުންގެ ޚިޔާލުތައް ހަމަކުރައްވާފައެވެ. މިގޮތުން ޔޫރަޕިޔަން ކޮމިޝަންގެ ވެރިޔާ ޖީން ކްލައުޑް ޔުންކަރވަނީ ބްރެގްޒިޓްގެ މައްސަލާގައި އިނގިރޭސިވިލާތުގެ ނިޔަތް ސާފުކަމާ އަދި ކުރަން ބޭނުންވާކަންކަން އަވަސް ގޮތެއްގައި ހާމަކޮށްދިނުމަށް އިނގިރޭސި ސަރުކާރަށާއި ޕާލަމެންޓަށް ގޮވާލައްވާފައެވެ.

ބްރެގްޒިޓްގެ އެއްބަސްވުމަށް ހައުސް އޮފް ކޮމަންސްގެ ބޮޑު އަޣްލަބިއްތަކުން ނޫނެކޭ ބުނި ބުނުމަށް އިޝާރާތް ކުރައްވައި ޔުންކަރ ވިދާޅުވީ އެއްބަސްވުމަކާ ހަމައަށް ދިޔުން އޮތީ އިނގިރޭސި ސަރުކާރާއި ހައުސް ގެ މެންބަރުންގެ އަތްޕުޅުގައި ކަމަށާ ނަމަވެސް އެކަމަށް މާގިނަ ވަގުތުތަކެއް ނެތް ކަމުގައެވެ. އެއްބަސްވުމަކާނުލައި އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވާގޮތް ދިމާވެއްޖެނަމަ އެކަމުގެ ސަބަބުން އިނގިރޭސި ރައްޔިތުންނަށް ލިބޭ ގެއްލުންތަކުގެ ޒިންމާ އުފުލަންޖެހޭނީ އިނގިރޭސި ދައުލަތް ކަމަށްވެސް ޔުންކަރ ވިދާޅުވިއެވެ.

ޔޫރަޕިޔަން ކައުންސިލްގެ ރައީސް (ޔޫރަޕްގެ އިއްތިޙާދުގެ ވެރިޔާ) ޑޮނަލްޑް ޓުސްކުވެސްވަނީ އެއްބަސްވުމަކާނުލައި އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވާގޮތް މެދުވެރިވިޔަ ނުދިނުމަށް އިނގިރޭސި ލީޑަރުންނަށް ނަސީހަތްތެރިވެ ވަޑައިގެންފައެވެ. މިމައްސަލަ ހައްލުކުރުމުގެ ހިއްވަރާއި ހިކްމަތްތެރިކަމާއި ދުރުވިސްނުން އިނގިރޭސި ލީޑަރުންނާ އަދި ޕާލަމެންޓް މެންބަރުންގެ ކިބާގައި ހުންނާނެކަމަށް އުންމީދުކުރައްވާ ކަމަށް ޓުސްކު ވަނީ ވިދާޅުވެފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް