މާލޭގައި "ކަނޑު އިބިލީސް" ރިލީޒްކުރާނީ އަންނަ މަހު އެކެއްގައި!

ކުޑަކުދިންނަށް ހާއްސަކޮށްގެން ހަދާފައިވާ ފިލްމު "ކަނޑު އިބިލީސް" މާލޭގައި އަންނަ މަހު އެކެއްގައި ރެޑް ކާޕެޓް އިވެންޓެއްގައި ޕްރިމިއާ ކުރުމަށް ނިންމައިފިއެވެ.

ފިލްމުގެ ޕްރޮޑިއުސަރު ޒިޔާ "ސަން"އަށް ބުނީ ކުލަގަދަ ހަފްލާއެއްގައި ފިލްމު ޕްރިމިއާކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ފިލްމުގެ ޓިކެޓް މިހާރުވެސް އޮލިމްޕަސް ޓިކެޓް ކައުންޓަރުން ލިބެން ހުންނާނެ ކަމަށެވެ.

"ޓިކެޓްގެ އަގަކީ 100 ރުފިޔާ. މިހާރު މިއަޅުވަނީ ފިލްމުގެ އެންމެ ޝޯ އެއް. އެކަމަކު އަދި ކުރިއަށް އޮތްތާ ފިލްމު އަޅުވާނަން،"

ޒިޔާ ބުނީ ފިލްމު ޕްރިމިއާކުރުމުގެ ހަފްލާއަށް ސަރުކާރުގެ އިސްވެރިން ވަޑައިގަންނަވާނެ ކަމަށާއި އަދި ޝަރަފުވެރި މެހެމާނެއްގެ ގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

"ކަނޑު އިބިލީސް" ޕްރިމިއާކުރުމަށް ގާސިމް ބައިވެރިވެވަޑައިގަންނަވާނެ -- ސަން ފޮޓޯ/ މުޒައިން

ފިލްމުގެ ހުރިހާ މަންޒަރުތަކެއް ނަގާފައި ވަނީ ވެސް ކުޅުދުއްފުށީގަ އެވެ. އަދި "ކަނޑު އިބިލީސް"ގައި ކުޅުދުއްފުށީގެ 100 އަށް ވުރެ ގިނަ ކުޑަ ކުދީން ފެންނާނެ އެވެ.

"ކަނޑު އިބިލީސް" އަކީ ޒިޔާއާއި މަޝްހޫރު ކޮޕީ އިއްސެގެ އިތުރުން މުހައްމަދު ރިއްފަތު ޕްރޮޑިއުސްކޮށްފައިވާ ކުޑަކުދިންގެ ފިލްމެކެވެ.

އަމިއްލަ ރާގުގެ ލަވައެއް ހިމެނޭ އެ ފިލްމު ކެމެރާ ކޮށްދީފައިވަނީ ގިނަ ފިލްމުތަކެއް ކެމެރާ ކޮށްފައިވާ ކުޅަދާނަ ދަބާއެވެ. އެ ފިލްމުގެ މީޑިއާ ޕާޓްނަރަކީ ސަން މީޑިއާ ގްރޫޕެވެ.

comment ކޮމެންޓް