އިތުބާރު ނެތް ކަމުގެ ވޯޓުން އަނެއްކާވެސް މޭ ސަލާމަތްވެ ވަޑައިގެންފި

އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭގެ އިތުބާރު ނެތް ކަމަށް ނެގި ވޯޓުން އެކަމަނާ ވަނީ ސަލާމަތްވެފަ -- ފޮޓޯ: ގެޓީީ

ލަންޑަން (ޖެނުއަރީ 17): އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރީސާ މޭގެ އިތުބާރު ނެތް ކަމަށް އެގައުމުގެ ޕާލިމެންޓުގައި ނެގި ވޯޓުން އެކަމަނާ ސަލާމަތްވެ ވަޑައިގެންފިއެވެ.

މިދިޔަ މަހު ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީންވެސް ވަނީ ބޮޑުވަޒީރު މޭގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާފައެވެ. ނަމަވެސް މޭ އެވޯޓު ކާމިޔާބު ކުރެއްވީ 200 މެމްބަރުންގެ ތާއިދާ އެއްކޮށެވެ. އެވޯޓުގައި އޭނާއާ ދެކޮޅަށް ވޯޓު ދެއްވީ 117 މެމްބަރުންނެވެ.

ރޭ މޭގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ހުށަހެޅުއްވީ އިދިކޮޅު ލޭބާ ޕާޓީގެ ލީޑަރު ޖެރެމީ ކޯބީންނެވެ. ނަމަވެސް މޭގެ އިތުބާރު ނެތް ކަމަށް 306 މެމްބަރުން ވޯޓު ދެއްވި އިރު 325 މެމްބަރުން ވަނީ އެކަމަނާއަށް ތާއިދުކޮށް ވޯޓު ދީފައެވެ.

އެވޯޓު ނެގީ އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ވަކިވުމާ ބެހޭ ގޮތުން ބޮޑުވަޒީރު މޭ އެކުލަވާލެއްވި އެއްބަސްވުމަށް ރުހުން ދޭން ޕާލިމެންޓުން ދެކޮޅު ހެދި ފަހުންނެވެ.

މޭގެ ބްރެގްޒިޓް ޕްލޭނުގައި ނިންމާފައި އޮތީ މާޗް 29ގައި އިނގިރޭސިން އީޔޫއިން ވަކިވުމަށް ފަހު، 21 މަހުގެ ޓްރާންޒިޝަން މުއްދަތެއް ކަނޑައެޅުމަށެވެ. އަދި އެމުއްދަތުގެ ތެރޭގައި އީޔޫއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށެވެ.

އެއެއްބަސްވުމާ ދެކޮޅަށް ބައެއް މެމްބަރުން ވޯޓު ދެއްވީ، އިނގިރޭސިން އީޔޫއިން ވަކިވުމާ ބެހޭ އިތުރު ފެންނަ ނުފެންނަ ވޯޓެއް ނަގަން ބޭނުންފުޅުވާތީއެވެ. އަދި އީޔޫއިން ވަކިވި ނަމަވެސް އެއިއްތިހާދާ ގާތް ގުޅުމެއް ބާއްވަން ބޭނުންފުޅުވާތީއެވެ.

މީގެ އިތުރުން، މޭގެ އެއްބަސްވުމާ ދެކޮޅަށް ވޯޓު ދެއްވި މެމްބަރުންގެ ތެރޭގައި، އިނގިރޭސިން އީޔޫއާ ވަކިވުމަށް ތާއިދު ކުރާ މެމްބަރުން ވެސް ހިމެނެ އެވެ. އެމެމްބަރުން ވަނީ މޭގެ ބްރެގްޒިޓް ޕްލޭންގެ ދަށުން، އިނގިރޭސިން އީޔޫއާ ވަކިވުމަށް ފަހުވެސް އެއިއްތިހާދުގެ ބައެއް ގަވާއިދުތަކަށް ބޯލަނބަން ޖޭހެކަމަށް ވިދާޅުވެފައެވެ.

އިއްޔެގެ ނާކާމިޔާބީއަށް ފަހު ބޮޑުވަޒީރު މޭ ވަނީ ބްރެގްޒިޓް ޕްލޭނަށް ގެންނަން ޖެހޭ ބަދަލުތަކާ ބެހޭ ގޮތުން ހުރިހާ ޕާޓީތަކާ މަޝްވަރާ ކުރެއްވުމަށް ފަހު، އަނެއްކާވެސް އާ ޕްލޭނެއް މަޖިލީހަށް ހުށަހަޅާނެ ކަމަށް ވިދާޅުވެފައެވެ. އަދި ހުރިހާ މެމްބަރުންވެސް "އަމިއްލަ މަސްލަހަތަށް" އިސްކަން ދިނުމުގެ ބަދަލުގައި ބްރެގްޒިޓާއިގެން ކުރިއަށް ދިޔުމަށް އެދިވަޑައިގެންފައެވެ.

އިނގިރޭސިވިލާތް އީޔޫއިން ވަކިވުމާ ބެހޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގީ 29 މާޗް 2017ގައެވެ. އެވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 51.9 ޕަސެންޓު މީހުން ވޯޓު ދިނީ އީޔޫއިން ވަކިވާށެވެ.

comment ކޮމެންޓް