ދޫނިދޫ ގޮޅީގައި މަރުވި ނަޝާޔާ އޮޓޮޕްސީ ނުހަދައި ވަޅުލައިފި

ދޫނިދޫ --

ފުލުހުންގެ ބަންދުގައި ދޫނިދޫ ޖަލުގައި ހުއްޓާ ރޭ މަރުވި އަންހެން މީހާގެ އޮޓޮޕްސީ ނުހަދައި މިއަދު ވަޅުލައިފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ދޫނިދޫ ޖަލުގެ ފާހާނާއެއްގެ ތެރޭގައި މަރުވެފައި ވަނިކޮށް ފެނުނު، ނ. މަނަދޫ، ނާދީގެ، ނަޝާޔާ ރަޝީދު،23، މިއަަދު ވަޅުލީ އަސުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.

ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކުރި ނަޝާޔާގެ މަރުގެ މައްސަލައިގެ ތަހުގީގަށް އޮޓޮޕްސީ ހެދުމުގެ ހުއްދައަށް ފުލުހުން ވަނީ އާއިލާގައި އެދިފަ އެވެ.

ނަޝާޔާ މަރުވެފައި އޮއްވައި ފެނުނު އިރު އަނގައިންނާއި ނޭފަތުން ފެހި ކުލައިގެ ދިޔަތަކެއް ފައިބާފައި ހުރި ކަމަށްވެ އެވެ. އަދި އޭނާ ފެނުނު އިރުވެސް އެ ދިޔަތައް ފައިބަމުން ދިޔަ ކަމަށްވެ އެވެ. އޭގެ އިތުރުން، އެނާ މަރުވުމަށް ފަހު ލޯ ލެއްޕުމަށް މަސައްކަތް ކުރުމުން ވެސް ލޯ އޮތީ ހުޅުވިފައި ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ނަޝާޔާގެ ހަތަރު އަހަރުގެ ފިރިހެން ދަރިއަކު ހުންނަ ކަމަށް މަނަދޫ ކައުންސިލުން ބުންޏެވެ.

އެ ދަރިފުޅު ބަލަނީ އެ ކުއްޖާގެ މާމައާއި ކާފަ އެވެ.

ނަޝާޔާ މަރުވި މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ފުލުހުން އޭނާއާ ހަވާލުވެގެން ހުރި މުއްދަތުގައި އޭނާގެ ހުރިހާ ހައްގުތައް އަދާކޮށްފައިވާނެ ކަމަށެވެ. އަދި އޭނާ މަރުވި މައްސަލަ ބަލަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގައި އެދިފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް